ޔުނައިޓެޑަށް ސީޒަން ފެށުނީ އަދިކިރިޔާ: އޮލޭ

18 Oct 2020 | 12:29

މެންޗެސްޓާ ޔުނައިޓެޑަށް ސީޒަން ފެށިއްޖެ ކަމަށް އެޓީމުގެ މެނޭޖަރު ސޯލްޝާ ބުނެފިއެވެ. އޭނާ މިހެން ބުނީ ނިއުކާސަލް ޔުނައިޓެޑްގެ މައްޗަށް 4-1 ގެ މޮޅެއް މެންޗެސްޓާ ޔުނައިޓެޑުން ހޯދި މެޗަށް ފަހު ވާހަކަ ދައްކަމުންނެވެ.

ސޯލްޝާ ވަނީ މެޗް ސްޕީޑާ އެއްވަރަށް އޭނާގެ ޓިމުން ކުޅުން ފެންނަން ފަށާފައިވާކަންވެސް ފާހަގަކޮށްފައެވެ. އޭގެ އިތުރުން އޭނާ ވަނީ މެގުއާއަށް ތައުރީފްކޮށް ވާހަކަ ދައްކާފައެވެ. އެގޮތުން ސޯލްޝާ ބުނީ މެގުއާ އަކީ އެހެން ކުޅުންތެރިންނަށް މިސާލެއް ކަމަށެވެ.

މިދިޔަ ދުވަސްކޮޅަކީ މެގުއާއަށް އުނދަގޫ ދުވަސްތަކަކަށްވި ނަމަވެސް އޭނާގެ ފަރާތުން ފެންނަނީ ރަނގަޅު 'ކެރެކްޓާ' އެއް ކަމަށްވެސް ސޯލްޝާ ބުންޏެވެ.

ލޫކް ޝޯ އަތުން ދެވަނަ މިނެޓުގައި ބައި ކޮޅަށް ވައިން ގޯލަށް ފަހު ކައިރި ކައިރީގަ ޖެހި ގޯލުތަކުން ފަހަތުން އަރާ ޔުނައިޓެޑް ތިން ޕޮއިންޓް ކަށަވަރު ކުރި މެޗުގައި އެޓީމުގެ ގޯލްތައް ޖަހައިދިނީ ކެޕްޓަން މެގުއާ، ބްރޫނޯ ފެނާންޑޭސް، ބިސާކާ، އަދި ރަޝްފޯޑެވެ. ރަޝްފޯޑްވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާ ދެ އެސިސްޓްވެސް ހަދާފައެވެ.

ރޭ ކުޅެވުނު އެހެން މެޗުގެ ނަތީޖާތަކަށް ބަލާލާއިރު، މެންޗެސްޓާ ސިޓީ ވަނީ 1-0 ގެ ހަނި ނަތީޖާއަކުން އާސެނަލްގެ މައްޗަށް ކުރި ހޯދާފައެވެ. ޗެލްސީ އަދި ސައުތްހެމްޕްޓަން ބައްދަލުކުރި މެޗް ނިމުނީ 3-3 ކުން އެއްވަރުވެގެންނެވެ. މި މެޗުގައި ޗެލްސީގެ ވާނާ ވަނީ މޮޅު ކުޅުމެއް ދައްކާފަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އޭނާ ވަނީ ދެ ގޯލް ޖަހާ އެސިސްޓެއްވެސް ހަދާފައެވެ.

ލިވަޕޫލް އަދި އެވަޓަން ބައްދަލު ކުރި ފޯރިގަދަ ޑާބީ މެޗު ނިމުނީ 2-2 ކުން އެއްވަރު ވެގެންނެވެ.

މި ނަތީޖާތަކަށްފަހު 5 މެޗުން 13 ޕޮއިންޓް ކަށަވަރުކޮށްގެން އެވަޓަން އޮތީ ތާވަލުގެ އެއްވަނައިގައެވެ. 10 ޕޮއިންޓާއެކު ލިވަޕޫލް ދެވަނައިގަ އޮތްއިރު ޗެލްސީ ވަނީ 8 ޕޮއިންޓާއެކު ހަވަނައަށް ޖެހިލާފައެވެ.

މެންޗެސްޓާ ސިޓީ ތާވަލުގެ 9 ވަނައިގަ އޮތްއިރު މެންޗެސްޓާ ޔުނައިޓެޑް އޮތީ 14 ވަނައިގައެވެ. 

Advertisement

ކޮމެންޓް

Advertisement