Advertisement

ގެޓާފޭ އަތުން ބާސާ ބަލިވެއްޖެ

18 Oct 2020 | 12:28

ސްޕެނިޝް ލަލީގާ ގައި ރޭ ބާސެލޯނާ އަދި ގެޓާފޭ ވާދަކުރި މެޗު 1-0 ކުން ކާމިޔާބުކޮށް ގެޓާފޭ އިން ބާސެލޯނާގެ މައްޗަށް ކުރި ހޯދައިފިއެވެ.

މި ސީޒަނުގެ ލީގުގައި ފުރަތަމަ ބައްޔާއި ބާސެލޯނާ ކުރިމަތިލާންޖެހުނު މި މެޗުގައި ފެނުނު ހަމައެކަނި ގޯލް ގެޓާފޭއަށް ޖަހައިދިނީ 56 ވަނަ މިނެޓުގައި މަޓާއެވެ. ބާސެލޯނާއިން މެޗް ޑޮމިނޭޓް ކުރި ނަމަވެސް މި މެޗުގައި ގިނަ ހަމަލާތައް އުފައްދާފައިވަނީ ގެޓާފޭއިންކަން ފާހަގަކޮށްލަންޖެހެއެވެ.

މިހަފްތާގެ މެޗުތަކުގައި ރެއާލް މެޑްރިޑް ކުޅުނު މެޗުން އެޓީމްވެސް ވަނީ ބަލިވެފައެވެ. އަލަށް ޕްރޮމޯޓްވި ކާޑިޒް އަތުން ރެއާލް ބަލިވީ 1-0 ކުންނެވެ.

ކުރިއަށް އޮތް ލީގު މެޗުގައި ބާސެލޯނާ ނުކުންނާނީ ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށެވެ. މިއީ 2003 ވަނަ އަހަރުގެ ފަހުން އެލް ކްލެސިކޯގެ ކުރިން ބާސެލޯނާ އަދި ރެއާލް މެޑްރިޑް ބަލިވި ފުރަތަމަ ފަހަރެވެ.

މި ނަތީޖާއާެކު 7 ޕޮއިންޓާއެކު ބާސެލޯނާ ތާވަލުގެ 9 ވަނަ އަށް ވެއްޓުނުއިރު ތާވަލުގެ އެއްވަނައިގަ ލަނޑުގެ ތަފާތުން އޮތީ ރެއާލް މެޑްރިޑްއެވެ. ރެއާލްއަށް 10 ޕޮއިންޓް ލިބިފައިވާއިރު ގެޓާފޭ، ކާޑިޒް، އަދި ގްރަނާޑާވެސް ވަނީ ފެށުން ރަނގަޅުކޮށް 10 ޕޮއިންޓް ހަމަކޮށްފައެވެ. 

Advertisement

ކޮމެންޓް

Advertisement