ވެސްޓް ހަމްއިން ޓޮޓެންހަމް ހިފަހައްޓާލައިފި

19 Oct 2020 | 01:22

ޓޮޓެންހަމް އާއި އިދިކޮޅަށް ކުޅެ ފަހަތުން އަރާ އެއްވަރުކޮށް ވެސްޓް ހަމް އިން ޕޮއިންޓެއް ކަށަވަރު ކޮށްފިއެވެ.

މެޗު ފަށައިގެން 16 މިނެޓް ތެރޭގައި ޓޮޓެންހަމް ވަނީ 3 ގޯލް ޖަހާ ހަމަޖެހިލާފައެވެ. އެގޮތުން އެޓީމުގެ ގޯލުތައް ޖަހައިދިނީ 1 ވަނަ މިނެޓުގައި ސަން، 8 އަދި 16 ވަނަ މިނެޓުގައި ހެރީ ކޭންއެވެ.

ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މެޗު އެއްކޮށްކަހަލަ ގޮތަކަށް ޑޮމިނޭޓް ކޮށްފައިވަނީވެސް އެޓީމުންނެވެ. މާއެދެވޭ ކުޅުމެއް އެއްވެސް ވަރަކަށް ވެސްޓް ހަމްގެ ފަރާތުން ނުފެނުނު ނަމަވެސް އެޓީމުން ވަނީ ފަހު ދިހަ މިނެޓް ތެރޭގައި 3 ގޯލް ޖަހާ ޓޮޓެންހަމް ހައިރާން ކޮށްލާފައެވެ.

ވެސްޓް ހަމްގެ ފުރަތަމަ ގޯލް ކާމިޔާބު ކޮށްދިނީ ލިބުނު ހިލޭ ޖެހުމަކުން ނެގި ހުރަހަކުން ބަލްބުއެނާއެވެ. އޭގެ ދެ މިނެޓް ފަހުން އެޓީމުން ކާމިޔާބު ކުރި ދެވަނަ ގޯލަކީ ޓޮޓެންހަމްގެ ޑިފެންޑަރ ސަންޗޭޒް އަތުން ބައިކޮޅަށް ވައިން ގޯލެކެވެ. އެޓީމަށް ޕޮއިންޓެއް ކަށަވަރު ކޮށްދިން ގޯލް ޖެހީ އިތުރު ގަޑީގައި ލަންޒީނީއެވެ.

ރެއާލް މެޑްރިޑުން ލޯނު ކުޅުންތެރިޔެއްގެ ގޮތުގައި މި ސީޒަނުގައި ޓޮޓެންހަމް އާއި ގުޅުނު ގަރެތް ބޭލް ވަނީ މި މެޗުގައި ބަދަލު ކުޅުންތެރިޔެއްގެ ފެނިގެން ގޮސްފައެވެ.

ކޭން، ބޭލް، އަދި ސަން އާއެކު މި ސީޒަނުގައި ޓޮޓެންހަމް ފާހަގަކޮލެވޭވަރުގެ ކާމިޔާބުތަކެއް ހޯދާނެކަމަށް ފުޓްބޯޅައަށް ލޯބިކުރާ ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

މެޗާ ބެހޭ ގޮތުން ވާހަކަދައްކަމުން ޓޮޓެންހަމްގެ ކޯޗް މޮރީނިއޯ ބުނީ އޭނާގެ ޓީމު މި މެޗުގައި ބަދުނަސީބު ކަމަށައި ނަމަވެސް ވެސްޓް ހަމްގެ ނަސީބު މިމެޗުގައި ވަރަށް ރަނގަޅު ކަމަށެވެ. ޓޮޓެންހަމްއަށް ނަތީޖާ 4-0 ކަށް ހަދަން ރަނގަޅު ފުރުސަތުތަކެއް ލިބުނުކަން ފާހަގަކުރަމުން މޮރީނިއޯ ވަނީ ކޭން ފޮނުވާލި ބޯޅައެއް ދަނޑިގަ ޖެހުނުކަމާއި ބޭލް އަކީވެސް ހަތަރު ވަނަ ގޯލެއް ޖަހާ މެޗް ކަށަވަރު ކުރެވޭ ފެންވަރުގެ ކުޅުންތެރިޔެއްކަން ފާހަގަކޮށްފައެވެ.

ލީގުގައި ކުޅެވުނު އެހެން މެޗުތަކުގެ ނަތީޖާތަކަށް ބަލާލާއިރު ފުލަމް އާއި ޝެފީލް ޔުނައިޓެޑް އަދި ކްރިސްޓަލް ޕެލަސް އާއި ބްރައިޓަން ކުޅުނު މެޗުތައް ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.

އެސްޓަން ވިލާ އަދި ލެސްޓާ ސިޓީ ވާދަކުރި މެޗް ނިމުނީ 1-0 ކުން އެސްޓަން ވިލާ މޮޅުވެގެންނެވެ. މެޗުގައި ފެނުނު ހަމައެކަނި ގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ އިތުރު ގަޑީގައި ރޮސް ބާކްލީއެވެ.

މިނަތީޖާތަކަށްފަހު 8 ޕޮއިންޓާއެކު ޓޮޓެންހަމް އޮތީ ތާވަލުގެ ހަ ވަނައިގައެވެ. 12 ޕޮއިންޓާއެކު އެސްޓަން ވިލާ ދެވަނައިގަ އޮތް އިރު އެއްވަނައިގަ 13 ޕޮއިންޓް ކަށަވަރު ކޮށްގެން އޮތީ އެވަޓަންއެވެ. 

Advertisement

ކޮމެންޓް