Advertisement

ކައުންސިލް އިންތިޚާބަކީ އެއްވެސް ސަރުކާރަކަށް ފަސޭހަ އިންތިޚާބެއް ނޫން: ރައީސް ނަޝީދު

20 Oct 2020 | 12:42

ލޯކަލް ކައުންސިލް އިންތިޚާބަކީ އޭރު ސަރުކާރުގައި އޮންނަ އެއްވެސް ޕާޓީއަކަށް ފަސޭހަ އިންތިޚާބެއް ނޫންކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ތާޖުއްދީން ސްކޫލުގައި ރޭ ބޭއްވި އެމްޑީޕީގެ 171 ވަނަ ޤައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ރަޢީސް މުޙައްމަދު ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަކީ ދެން އެޕާޓީން ކުރިމަތިލާނެ އެންމެ ބޮޑު އެއް އިންތިޚާބު ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބަކީ ދައުރުގެ މެދުން އަންނަ އިންތިޚާބެއް ކަމަށް ވިދާޅުވެ، އެމަނިކުފާނު ވިދާޅުވީ އެމްޑީޕީއިން ވެރިކަމުގައި އޮންނައިރު ކައުންސިލް އިންތިޚާބަކީ އަބަދުވެސް އުނދަގޫ އިންތިޚާބެއް ކަމަށެވެ.

ޤަޢުމީ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ކޮވިޑ-19 ގުޅިގެން ރައްޔިތުންނަށް ދިމާވެފައިވާ ދަތި އުނދަގޫތައް އެނގިލައްވާ ކަމަށާއި، ދުނިޔޭގެ ހުރިހާ ޤައުމުތަކެކޭ އެއްފަދައިން ރާއްޖެއިންވެސް އަޅަމުންދާ ފިޔަވަޅުތަކަކީ މަޖުބޫރުވެގެން އަޅަމުންދާ ފިޔަވަޅުތަކެއް ކަމަށެވެ. އަދި އެކަން ހުރިހާ ރައްޔިތުންވެސް ޒިންމާދާރުކަމާއެކު ވިސްނަވަން ޖެހޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބު މިއަހަރުގެ އޭޕްރީލް މަހު ބާއްވާ ގޮތަށް ހަމަޖެހިފައިވީނަމަވެސް، ކޮވިޑް-19 އާއި ގުޅިގެން އިންތިޚާބް ވަނީ ފަސްކޮށްފައެވެ.

Advertisement

ކޮމެންޓް