ބްރިޖުގެ ދަތުރުތައް ފީއެއް ކަނޑައަޅަންދެން ހިލޭ

03 Sep 2018 | 09:21

ސިނަމާލެ ބްރިޖް ހުޅުވި ނަމަވެސް ބްރިޖުން ދަތުރުކުރާ ވެހިކަލް ތަކަށް ނަގާނެ ވަކި ފީއެއް އަދި ސަރުކާރުން ނުނިންމާ ކަމަށް ހައުސިންގ މިނިސްޓަރ ޑރ މުޙަންމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މުއިއްޒު މިއަދު ވިދާޅުވީ ބްރިޖުން ނަގާނެ ފީއަކާމެދު ކަމާގުޅުން ހުރި އޮފީސްތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށާއި ފީއެއް ނަގަން ފަށާނީވެސް ދުވަސްކޮޅެއް ފަހުން ކަމަށެވެ. ނަމަވެސް ފީއެއް ނަގަން ފަށާނެ ތާރީޚެއްވެސް އަދި ނުނިންމައެވެ. އެހެންވެ ސަރުކާރުން ވަކި ފީއެއް ކަނޑައަޅަންދެން ބްރިޖުގައި ދަތުރު ކުރުން އޮންނާނީ ހިލޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ބްރިޖުގެ ފީ ރައްޔިތުންނަށް އުދަނގޫ އަދަދަކަށް ބޮޑު ނުވާނެ ކަމަށާއި ފީއެއްގެ ގޮތުގައި ހަމަޖައްސާނީ ކޮންމެ މީހަކަށްވެސް ފަސޭހައިން ދެއްކޭނެ އަދަދެއް ކަމަށެވެ. 

ބްރިޖުގައި އޮންނާނީ ހަތަރު ލޭނެއެވެ. އެއީ އެމްޕީއެލްގެ ބަހަށް ނުވަތަ ޕަބްލިކް ޓްރާންސްޕޯޓަށާއި ސައިކަލް ތަކަށް ޚާއްސަ ލޭނާއި ކާރުގެ އިތުރުން އެހެނިހެން ވެހިކަލަށް ޚާއްސަ ލޭނެއެވެ.

Advertisement

ކޮމެންޓް

Advertisement