Advertisement

މެސީގެ ރެކޯޑާއެކު ބާސާއަށް ފަސޭހަމޮޅެއް

21 Oct 2020 | 07:18

އާ ސީޒަނުގެ ޗެންޕިއަންސް ލީގުގައި ބާސެލޯނާ ކުޅުނު ފުރަތަމަ މެޗް ފަސޭހަކާއެކު އެޓިމް ކާމިޔާބު ކޮށްފިއެވެ.

ހަންގޭރީއަށް ނިސްބަތްވާ ފެރެންކްވަރޯސީއާއި ވާދަކޮށް ބާސެލޯނާ މި މެޗް ކާމިޔާބުކުރީ 5-1 ގެ ނަތީޖާއަކުންނެވެ.

ލިބުނު ޕެނަލްޓީއަކުން 27 ވަނަ މިނެޓުގައި މެސީ އަދި ޒުވާން ތަރި ފާތީ ޖަހައިދިން ގޯލުން ބާސާ ފުރަތަމަ ހާފް ނިންމާލަފައިވަނީ 2-0 ގެ ލީޑަކާއެކީއެވެ. މެސީގެ މި ގޯލައެކީ އޭނާ ވެފައިވަނީ ޖެހިޖެހިގެން 16 ޗެންޕިއަންސް ލީގް ސީޒަނުގައި ގޯލް ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ބާސެލޯނާގެ ލީޑް ފުޅާ ކޮށްދިނީ ކޫޓީނިއޯ އެވެ. 68 ވަނަ މިނެޓުގައި ބާސެލޯނާގެ ޑިފެންޑަރ ޕީކޭ ޕެނަލްޓީ އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ އޭނާއަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. އެއާއެކު ފެރެންކްވަރޯސީގެ ފަރާތުން މެޗުގައި ފެނުނު ހަމައެކަނި ގޯލް ލިބުނު ޕެނަލްޓީއިން ޖަހައިދިނީ ކްރަޓިންއެވެ.

މި ރަތްކާޑާއެކު ޕީކޭ އަށް ޔުވެންޓަސްއާއި ދެކޮޅަށް ބާސެލޯނާ ކުޅޭ މެޗުގައި އޭނާއަށް ނުކުޅެވޭނެއެވެ.

މުޅި މެޗް ޑޮމިނޭޓްކޮށް ޖުމްލަ 22 ޝޮޓް ފޮނުވާލި ބާސެލޯނާގެ 4 ވަނަ ގޯލް އުމުރުން 17 އަހަރުގެ ޕެޑްރީ ކާމިޔާބު ކޮށްދިންއިރު 5 ވަނަ ގޯލް ޖެހީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް ޑެމްބެލޭއެވެ. މެސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ޑެމްބެލޭ ޖެހި ގޯލުގެ އެސިސްޓް ހަދާފައިވަނީވެސް އޭނައެވެ.

މި މޮޅާއެކު ޗެންޕިއަންސް ލީގުގައި ބާސެލޯނާ އެޓީމުގެ އަމިއްލަ ދަނޑުގައި ބަލިނުވެ ހިފަހައްޓަމުން އަންނަ ރެކޯޑް ވަނީ ޖުމްލަ 37 މެޗަށް އަރާފައެވެ.

ބާސެލޯނާއާއި އެއް ގްރޫޕެއްގައި ހިމެނޭ ޔުވެންޓަސް ކުޅުނު މެޗް މޮރާޓާގެ ދެ ގޯލާއެކު އެޓީމް ވަނީ ޑައިނަމޯ ކިއޭވްގެ މައްޗަށް ކުރި ހޯދާފައެވެ. 

Advertisement

ކޮމެންޓް