މެކްޓޮމިނޭ ފުރަތަމަ ހާފް ކުޅުނީ ''އެއް ލޮލުން'': ސޯލްޝާ

21 Oct 2020 | 08:51

ޗެންޕިއަންސް ލީގުގައި ޕީއެސްޖީގެ މައްޗަށް މެންޗެސްޓާ ޔުނައިޓެޑް ކުރި ހޯދި މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ މެދުތެރެއަށް ކުޅުނު ސްކޮޓް މެކްޓޮމިނޭ ކުޅުނީ ''އެއް ލޮލުން'' ކަމަށް އެޓީމުގެ މެނޭޖަރ ސޯލްޝާ ބުނެފިއެވެ.

2-1 ކުން ރަށުން ބޭރުގައި ޔުނައިޓެޑް މޮޅުވި މެޗަށްފަހު ވާހަކަ ދައްކަމުން ސޯލްޝާ ބުނީ މެކްޓޮމިނޭގެ ފަރާތުން ފެނުނީ ވަރަށް މޮޅު ކުޅުމެއް ކަމަށެވެ. ފުރަތަމަ ހާފުގައި މެކްޓޮމިނޭ އަޅައިގެން ހުރި ކޮންޓެކްޓް ލެންސް އެއް ލޮލުން ދޫވެ ގެއްލުމަށްފަހުވެސް އޭނާ ވަނީ ކުޅުމުގެ ފެންވަރު ހިފަހައްޓާފަކަމަށް ސޯލްޝާ އިތުރަށް ބުންޏެވެ.

ސޯލްޝާގެ އިރުޝާދުގެ ދަށުން މި މެޗުގައި ވަރަށް ޑިފެންސިވްކޮށް ފެނުނު ޔުނައިޓެޑްގެ މެދުތެރޭގައި ޕީއެސްޖީގެ ހަމަލާތައް ހުއްޓުވުމުގައި މެކްޓޮމިނޭ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

މެޗާ ބެހޭގޮތުން އިތުރަށް ވާހަކަ ދައްކަމުން ސޯލްޝާ ބުނީ ނޭމާ އާއި އެމްބާޕޭ ފަދަ މޮޅު ކުޅުންތެރިންތަކެއް ތިބި ޓީމަކާ ދެކޮޅަށް ނުކުންނައިރު ރަނގަޅަށް ޑިފެންޑްކޮށް ކީޕަރު ގިނަ ހަމަލާތަކެއް މަތަކުރަން ޖެހޭނެ ކަމަށައި އޭނާގެ ޓީމުން އެކަން ހާސިލްކުރިކަންވެސް ސޯލްޝާ ވަނީ ފާހަގަކޮށްފައެވެ.

އޭގެ އިތުރުން ސޯލްޝާ ވަނީ ކުރިއަށް އޮތް މެޗުތަކުގައިވެސް ޔުނައިޓެޑުގެ ޕެނަލްޓީތައް ޖަހާނީ ބްރޫނޯ ފެނާންޑޭސްކަން ހާމަކޮށްފައެވެ.

ލީގުގައި އެންމެ ފަހުން ނިއުކާސަލްއާއި ދެކޮޅަށް އެޓީމް ކުޅުނު މެޗުގައި ބްރޫނޯ އަތުން ޕެނަލްޓީ މިސްވެފައި ވަނިކޮށް ރޭގެ މެޗުގައި އޭނާ ޖެހި ޕެނަލްޓީ ޕީއެސްޖީގެ ކީޕަރު ނާވާސް ވަނީ މަތަކޮށްފައެވެ.

ނަމަވެސް ނާވާސް އެ ޕެނަލްޓީ މަތަކުރީ 'އައުޓް އޮފް ޕޮޒިޝަން'ގައި ހުރެ ޑައިވްކޮށްގެން ކަމަށް ނިންމާ ރެފްރީ ވަނީ އަލުން ޕެނަލްޓީ ޖަހާނެ ފުރުސަތު ބްރޫނޯއަށް ދީފައެވެ. ލިބުނު ދެވަނަ ފުރުސަތުގެ ބޭނުން ހިފާ ބްރޫނޯ ވަނީ ޕެނަލްޓީން ގޯލް ކާމިޔާބު ކޮށްފައެވެ. 

ކުރިއަށް އޮތް މެޗުގައި ޔުނައިޓެޑް ނުކުންނާނީ ލީގުގައި ޗެލްސީއާއި ދެކޮޅަށެވެ. 

Advertisement

ކޮމެންޓް