ޖަމީލްގެ ޓީމުން ދެން ބާކީ ހުންނެވީ މަލީހު އެކަނި!

23 Oct 2020 | 12:29

2013ވަނަ އަހަރު ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހު ފެނުނީ ވަރަށްވެސް ހަލަބޮލިކޮށެވެ. އެތަކެއް ފަހަރަކު ބޭއްވުނު ރިޔާސީ އިންތިޚާބެއް ކާމިޔާބުކޮށް، ދިވެހިރާއްޖޭގެ ވެރިކަމާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ކެނޑިޑޭޓް ޔާމީން އަބްދުލްޤައްޔޫމާއި ރަނިންގމޭޓް ޑރ.މުހައްމަދު ޖަމީލު އަހުމަދު ހަވާލުވެ ވަޑައިގެންނެވީއެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕޭން ދުވަސްވަރުގައި މިބޭފުޅުން ފެނިވަޑައިގެންނެވީ ވަރަށް އަރިސްކޮށެވެ. ވެރިކަމުގެ ފުރަތަމަ ދުވަސްވަރުގައިވެސް ހަމަ އެފަދައިންނެވެ. އެހެނަސް، ވަކި ހިސާބަކުން ދެބޭފުޅުން ސިޔާސީގޮތުން މޫނުޖެހޭގޮތް ދިމާވިއެވެ. އެކިއެކި ސަބަބުތަކާއި ގުޅިގެންނެވެ.

މި މައްސަލަތައް ބޮޑުވެ، އެންމެފަހުން ޑރ.ޖަމީލު ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަގާމުން ވަކިކުރެއްވުމަށް 2015 ވަނަ އަހަރުގެ ތެރޭގައި ރައީސް ޔާމީން ނިންމެވިއެވެ. އެގޮތުން އެ ބޮޑެތި ތުހުމަތުތަކަކާ އެކު އެމަނިކުފާނު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލަ ހުށައެޅުމުން 78 މެންބަރަކު ވަނީ ޑރ.ޖަމީލްގެ އިތުބާރު ނެތްކަމަށް ވޯޓުލައްވާފައެވެ. އެ ދުވަސްވަރުގައި ޑރ.ޖަމީލް ވަނީ އެކަމަކީ ގާނޫނު އަސާސީގެ ރޫހާއި ޚިލާފަށް ކުރި އަމަލެއްކަމަށް ފާހަގަކުރައްވާފައެވެ.

އެ ހިސާބުންވެސް އެމަނިކުފާނުގެ ސިޔާސީ އުދަރެހަށް އިރު ނޯއްސެއެވެ. އިދިކޮޅު ފަރާތްތަކުން ގުޅިގެން 2016ވަނަ އަހަރުގެ މެއި މަހުގައި އިނގިރޭސިވިލާތުގައި އިއުލާންކުރި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަންގެ ރައީސްކަމުގެ މަގާމަށް ޑރ.ޖަމީލް އައްޔަންކުރެވުނެވެ. އެއާއި އެކު، އެ ދުވަސްވަރު އިނގިރޭސިވިލާތަށް އަރުވާލެވިގެން ހުންނެވި ޑރ.ޖަމީލް ވަނީ ރައީސް ޔާމީނާއި ދެކޮޅަށް ފާޅުގައި އަޑުއުފުއްލަވާ ގިނަ ވާހަކަތަކެއް ދައްކަވާފައެވެ. އެ މަގާމުގައި ހުންނަވާ، 2018ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި އެމަނިކުފާނު ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންނެވިއެވެ.

ޑރ. ޖަމީލް، މަލީހް، އަމީން ޖުމްހޫރީ ޕާޓީއަށް ގުޅިވަޑައިގަތުން

ފާހަގަކޮށްލެވޭ ގޮތުގައި ރައީސް ޔާމީންގެ ސަރުކާރުން ޑރ.ޖަމީލް ދުރުކުރެވުމާއި އަދި އެމަނިކުފާނު ޖުމްހޫރީ ޕާޓީއަށް ގުޅިވަޑައިގަތުމުގައިވެސް އަރިހުގައި "ޒުވާން" ސިޔާސީ ބޭފުޅުންކޮޅެއް ވަޑައިގަތެވެ. މިއީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެެއިންގެ ތެރެއިންވެސް ޑރ.ޖަމީލްގެ އަރިހުގައި ފެނިވަޑައިގެންނެވި ބޭފުޅުންކޮޅެކެވެ. އާދެ، މި ސަރުކާރުގެ މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލާއި ދާދިފަހުން ހެލްތު މިނިސްޓަރކަމުގެ މަގާމުން އިސްތިއުފާދެއްވި އަމީނެވެ.

މި ދެ މުހިންމު މިނިސްޓްރީއަށްވެސް މި ދެބޭފުޅުން ވަޑައިގެންފައިވަނީ ޖުމްހޫރީ ޕާޓީގެ ސްލޮޓްތަކެއްގައެވެ. ނަމަވެސް މި ދެ ބޭފުޅުންވެސް ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންނެވީ ޑރ.ޖަމީލާއި އެކުގައި، ހަމަ އެއް ހަފްލާއެއްގެ ތެރެއިންނެވެ. އެއާއި އެކު، މި ދެބޭފުޅުންނަކީ މި ސަރުކާރުގައި ހިމެނުނު "ޓީމް ޖަމީލް"ގެ މެންބަރުންނޭ ދެންނެވުމުގެ ފުރުސަތު ވަރަށްވެސް ބޮޑެވެ.

އަމީން: ރައީސް އޮފީހުގެ މިނިސްޓަރކަމުން ހެލްތު މިނިސްޓަރކަމަށް!

ލިޔުމުގައި ކުރިންވެސް ފާހަގަކުރެއްވުނު ފަދައިން ރައީސް ޔާމީންގެ ސަރުކާރުން ޑރ.ޖަމީލް ދުރުކުރެވުނު އިރުގައިވެސް މި ދެބޭފުޅުން ސަރުކާރުން ވަޑައިގެންނެވިއެވެ. އެގޮތުން އިތުބާރުނެތްކަމުގެ ވޯޓު ނަގަން އޮއްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރކަމުގެ މަގާމުގައި އޭރު ހުންނެވި އަމީން 2015 ވަނަ އަހަރުގައި މަގާމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވިއެވެ. އޭރު އަމީންގެ މައްޗަށް ކޮރަޕްޝަންގެ މައްސަލައެއްގައި ދައުވާކުރަން އޭސީސީން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށްވެސް ފޮނުވިކަން ފާހަގަކޮށްލެވެއެވެ. އެ މައްސަލައަކީ ތ.ތިމަރަފުށީ ބިންހިއްކުމުގެ މަޝްރޫއު ކުރިއަށްގެންދިޔަ ކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފައިސާގެ 50 އިންސައްތަ، ރައީސުލްޖުމްހޫރިއްޔާ އަންގަވައިގެން ކަމަށްބުނެ މައާފްކުރުމަށް ހައުސިންގ މިނިސްޓްރީއަށް ސިޓީއެއް ފޮނުވި މައްސަލައެވެ. ނަމަވެސް މި މައްސަލަ ފަހުން ކުރިއަށް ނުގެންދިޔަ ސަބަބެއް ސާފުވާގޮތް ވަނީ ނުވެފައެވެ.

ކަންމިހެން އޮއްވައި، ޑރ.ޖަމީލް މަގާމުން ވަކިކުރެވިގެން ދިއުމާއި އެކު އަމީން ފެނިގެންދިޔައީ އޭރުގެ ސަރުކާރަށް ފާޑުވިދާޅުވަމުންދިޔަ ބޭފުޅެއްގެ ގޮތުގައެވެ. ވަކިން ޚާއްސަކޮށް 2018ވަނަ އަހަރު ޑރ.ޖަމީލްގެ އަރިހުގައި ޖޭޕީއަށް ގުޅިވަޑައިގެން އެޕާޓީގެ ނައިބު ލީޑަރަކަށްވެ، ސިޔާސީ މައިދާނުގައި އަމީން ދިޔައީ ކުރިއަރަމުންނެވެ. ނަތީޖާއެއްގެ ގޮތުން އާ ސަރުކާރުގެ ހެލްތު މިނިސްޓަރކަން އަމީނަށް ލިބިގެންދިޔައެވެ.

އެހެނަސް ކޮވިޑް-19ގެ ބަލިމަޑުކަމާއި އެކު ގައުމަށް ހުއްޓުމެއް އައިގޮތަށް އަމީންގެ ސިޔާސީ ހަޔާތަށްވެސް ހުއްޓުމެއް އައީއެވެ. އެގޮތުން ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ހެލްތު މިނިސްޓްރީން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގ ކުންފުންޏާއި ވެންޓިލޭޓަރުތައް ގެނައުމަށް ހަވާލުކުރި މައްސަލައިގައި ކުރީގެ މިނިސްޓަރ އަމީންގެ މައްޗަށް ވަނީ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައެވެ.

އެއާއި އެކު ގިނަބަޔެއްގެ ފާޑުކިޔުމާއި ސިޔާސީ ޕްރެޝަރ އެބޭފުޅާއަށް އިންތިހާއަށް ދިޔައީ އަމާޒުވަމުންނެވެ. ނަތީޖާއަކަށް ވެގެންދިޔައީ އަމިއްލަފުޅަށް މަގާމާއި ދުރަށް ވަޑައިގަތުމެވެ. ޓީމް ޖަމީލްގެ ފުރަތަމަ މެންބަރު ސަރުކާރުން ވަކިވީއެވެ.

މަލީހު: ޔޫތު މިނިސްޓަރކަމުން ސައިންސް މިނިސްޓަރކަމަށް!

2013ވަނަ އަހަރު ރިޔާސީ އިންތިޚާބު ކާމިޔާބުކުރި ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ޔޫތު މިނިސްޓަރކަމުގެ މަގާމަށް އައްޔަންކުރެވުނީ މުހައްމަދު މަލީހު ޖަމާލެވެ. ސިޔާސީ މައިދާނުގައި އެހާ ތަޖުރިބާކާރު ބޭފުޅަކަށް ނުވިޔަސް ޒުވާން ބޭފުޅެކެވެ. އިންތިޚާބުގެ ކެމްޕޭން ދުވަސްވަރު ޑރ.ޖަމީލްގެ އަރިހުގައި އުޅުއްވި ބޭފުޅެކެވެ.

ޔޫތު މިނިސްޓަރކަމުގައި މަލީހު ފެނިވަޑައިގަތީ އާންމުކޮށް އެހެން މިނިސްޓަރުންވެސް ފެންނަ ގޮތަށެވެ. ޕްރޮޖެކްޓްތައް ހަވާލުކުރުމާއި ދަނޑުތައް ހުޅުވުމުގައެވެ. ނަމަވެސް 2014 ވަނަ އަހަރު އޭއެފްސީ ޗެލެންޖް ކަޕް ރާއްޖޭގައި ބޭއްވުމުގައި މަލީހު ފާހަގަކުރެވޭފަދަ މަސައްކަތްތަކެއް ކުރެއްވިއެވެ. އެހެނަސް އެ ދުވަސްވަރުގައި އެ މުބާރާތުގެ އިންތިޒާމްތަކާއި ގުޅިގެން މަލީހުގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކެއްގެ އަޑުފެތުރުނެވެ. މި މައްސަލަތައް އޭސީސީއަށް ހުށައެޅުނުކަމެއް އެނގިފައެއް ނުވެއެވެ.

ކެބިނެޓްގެ އާދައިގެ މެންބަރެއްގެ ގޮތުގައި ހުންނެވުމަށްފަހު 2015ވަނަ އަހަރުގެ މެއި މަހުގައި ކުއްލިގޮތަކަށް ޔޫތު މިނިސްޓަރކަމުގެ މަގާމުން މަލީހު ކުއްލިގޮތަކަށް ވަކިކުރެއްވިއެވެ. އެ ދުވަހު ހެނދުނު އޮތް ސަރުކާރުގެ ރަސްމިއްޔާތެއްގައިވެސް މަލީހު ބައިވެރިވެ ވަޑައިގެންނެވިއެވެ. އަޑުފެތުރުނު ގޮތުގައި އެބޭފުޅާ މަގާމުން ވަކިކުރެއްވީ އޭރުގެ ނައިބު ރައީސް ޑރ.ޖަމީލާއި ގާތް ބޭފުޅަކަށް ވުމުންނެވެ.

އެއަށްފަހު ސިޔާސީ ކަންކަމުގައި އުޅުއްވާ އަދި ރައީސް ޔާމީނަށް ފާޑުވިދާޅުވުމަށްފަހު، 2018ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި ޑރ.ޖަމީލާއި އެކު މަލީހުވެސް ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންނެވިއެވެ. އެއަށްފަހު 2018ވަނަ އަހަރު އެކުލަވާލެވުނު އާ ސަރުކާރުގައި އުފެއްދި އާ މިނިސްޓްރީކަމަށްވާ ކޮމިއުނިކޭޝަންސް މިނިސްޓަރކަމާއި ހަވާލުވެ ވަޑައިގެންނެވިއެވެ.

މަލީހަށް ލިބިވަޑައިގެންނެވި މިނިސްޓްރީގެ ޕޯޓްފޯލިއޯއަކީ ގިނަ އަދަދެއްގެ ބައެއްގެ ކަންބޮޑުވުންތަކާއި އުންމީދުތަކާއި ގުޅިފައިވާ ދާއިރާއެކެވެ. ވަކިން ޚާއްސަކޮށް އިންޓަރނެޓްގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި އަގުހެޔޮކުރުމަކީ މި ސަރުކާރުގެ މުހިންމު ވައުދެކެވެ. އެ ވައުދު ފުއްދުމުގެ ޒިންމާ އެޅިފައިވަނީ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީގައެވެ.

ނަމަވެސް އެ ވައުދު ނުފުއްދި ލަސްވަމުންދާތީ އެތަކެއް ބަޔަކު ތިބީ މާޔޫސްކަން މަތީގައެވެ. އިންޓަރނެޓްގެ ޚިދުމަތުގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު މިނިސްޓަރ މަލީހު ވިދާޅުވީ ޕްލޭނެއް ތައްޔާރުކޮށް ރައީސް އޮފީހަށް ފޮނުވިފައިވާ ކަމަށާއި، އެސްއޭޕީގެ ދަށުން އެކަން ވާނެކަމަށެވެ. އެކަމަކު، މަގާމު ލިބިވަޑައިގަތްތާ ކުރީކޮޅު ހީވީ ހަމަ މާދަމާ އިންޓަރނެޓްގެ ޚިދުމަތުގެ އަގު ހެޔޮވީހެންނެވެ.

އެބޭފުޅާގެ ޓްވިޓަރ ބައްލަވައިފި ފަރާތަކަށް ފެންނާނީ ގޭގެ ހޯމް ގާރޑެންގައި ގަސް އިންދުމާ، ދޫނި ގެންގުޅުއްވުމާ، މަސްވެރިކަން ކުރެއްވުމާ ޑައިވިންގކުރެއްވުމާއި ވަޅުން ދިޔަ ހިއްކަވާ މަންޒަރެވެ. މިފަދައިން ކުރައްވާ ކޮންމެ ޓްވީޓަކަށް އެތަކެއް ބައެއްގެ ފާޑުކިޔުންތައް އަމާޒުވެގެންދެއެވެ. އާންމުންގެ އިތުރުން ސިޔާސީ ފަރާތްތަކުންވެސް ދަނީ މަލީހަށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން މަލީހު މަގާމުން އިސްތިއުފާ ދެއްވަން ޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ވަނީ ވިދާޅުވެފައެވެ.

މިފަދައިން އަންނަ ގިނަ ފާޑުތަކަށް މިނިސްޓަރ މަލީހު ރައްދު ދެއްވަނީ ޓްވިޓަރ މެދުވެރިކޮށެވެ. ވަރުގަދަ ރައްދުތައް ދެއްވުމާއި އާންމު ފަރާތްތައްވެސް ބްލޮކް ކުރެއްވުމަކީ އެބޭފުޅާ އާންމުގޮތެއްގައި ކުރައްވާ ކަމެކެވެ. އެހެނީ، ޓީމް ޖަމީލްގެ ބާކީ ހުންނެވި މެންބަރުގެ ގޮތުގައި މަލީހު ދަނީ ވަރުގަދައަށް މަގާމުގެ ދިފާއުގައި މަސައްކަތް ކުރައްވަމުންނެވެ.

ނިންމުން:

2018ވަނަ އަހަރުގައި އިންތިޚާބުވި ކޯލިޝަން ސަރުކާރުން ޓީމް ޖަމީލަށް ލައްވާލީ ދެ މުހިންމު ދެ ޖާގައެވެ. ސިއްހަތާއި ބެހޭ ވުޒާރާ އަދި ސައިންސާއި ބެހޭ ވުޒާރާއެވެ. ބޮޑު މައްސަލަގަނޑެއް އުފެދި، ޚުދު ޑރ.ޖަމީލްގެ ފާޑުކިޔުންތަކާއި އެކުގައިވެސް އަމީން މަގާމާއި ދުރަށް ވަޑައިގެންފިއެވެ. ދެން ހުންނެވީ މިނިސްޓަރ މަލީހެވެ. މި ސަރުކާރުގައި ޓީމް ޖަމީލްގެ ބާކީ ހުންނެވި މެންބަރެވެ. ސުވާލަކީ އެބޭފުޅާއަށް އެގޮތުގައި ދެމި ހުންނެވޭނެތޯއެވެ؟ ނޫނީ އަމިއްލަ ރައްކަލަކަށްޓަކައި ޓީމް ޖަމީލުން ދުރަށް ވަޑައިގަންނަވާނީ ތޯއެވެ؟

Advertisement

ކޮމެންޓް