ހުކުރު ދުވަހު ހިނގާ ވަރަށް އާދަޔާޚިލާފު ކަމެއް!

23 Oct 2020 | 14:12

އައްޝައިޚް މުޖްތަބާ ޙަމީދު

ހަފްތާގެ ދުވަސްތަކުގެ ތެރެއިން ހުކުރު ދުވަހަކީ އިސްލާމްދީނުގައި ޚާއްޞަ މަޤާމެއް ދެވިފައިވާ ދުވަހެކެވެ. އެއީ ހަފްތާގެ ތެރޭގައި އިރު އެދުވަހެއްގެ މައްޗަށް އަރާ އެންމެ މާތް ދުވަހެވެ. އެދުވަހަކީ އާދަމުގެފާނު ޚަލްޤުކުރެވުނު ދުވަހެވެ. އެކަލޭގެފާނު ބިމަށް ބޭލެއްވުނީވެސް ހުކުރު ދުވަހެއްގައެވެ. އަދި ﷲތަޢާލާ އާދަމްގެފާނަށް ކުރެވުނު ކުށަށް ތައުބާ ޤަބޫލުކުރެއްވެވީވެސް ހުކުރުދުވަހެއްގަ އެވެ. އަދި ހަމަ އެހެންމެ ހުކުރުދުވަހަކީ ﷲތަޢާލާ ޚަލްޤުކުރެއްވި އެންމެ ފުރަތަމަ އިންސާނާ ދުނިޔެއިން ވަކިވެވަޑައިގެންނެވި ދުވަހެވެ. މިއީ ހުކުރު ދުވަހު ހިނގާގޮސްފައިވާ ބައެއް އާދަޔާޚިލާފު ކަންތައްތަކެވެ.

އެއީ މާޒީއެވެ. ނަމަވެސް މުސްތަޤުބަލުގައި ހިނގާނެ އެންމެ ބޮޑު ކަންތައްވެސް ހިނގާނީ ހަމަ ހުކުރުދުވަހެއްގައެވެ. އާއެކެވެ. އެއީ އަހަރެމެން އެންމެންވެސް ޤަބޫލުކުރާ އިސްލާމީ ޢަޤީދާގެ އެއް ރުކުނެވެ. ދުނިޔެ ޤިޔާމަތްވަނީވެސް ހަފްތާގެ ހަތްދުވަހުން ހުކުރު ދުވަހެއްގައެވެ. އުޑުތައް ފަޅައިގެން ދާނެއެވެ. ބިންގަނޑު ކުދިކުދިވެގެން ދާނެއެވެ. ފަރުބަދަތައް ފުނޑުފުނޑުވެގެން ކުޑިއަށްވެގެންދާނެއެވެ. މާސިންގާ ބޮޑު ކަނޑުން އަލިފާން އަރާނެއެވެ. މިހުރިހާ ކަމެއްވެސް ހިނގާނީ ހަމަ ހުކުރު ދުވަހެއްގައެވެ. މިއީ ކޮންމެވެސް އެއް ހުކުރެއްގައި ހިނގާނެ ކަންތައްތަކެވެ. އެކަމަކު އެއީ ކޮން ހުކުރުދުވަހެއްކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ސުބްޙާނަހޫވަތަޢާލާ އެވެ.

ބަޔާންވެދިޔަ ވާހަކަތައް އަޅުގަނޑުމެން އަޑުއަހަމެވެ. ނަމަވެސް ކިޔައިދޭން މިއުޅޭ ވާހަކައަކީ އެހާ ޢާއްމު ވާހަކައަކަށް ނުވެދާނެއެވެ. އަދި ކިއެއްތަ، މިއީ ވަރަށް އާދަޔާ ޚިލާފުވާހަކައެކެވެ. މިއީ ދުނިޔޭގައި އިންސާނުން އުޅެންފެށި ހުކުރު ދުވަހުން ފެށިގެން ދުނިޔެ ޤިޔާމަތްވާނެ ހުކުރުދުވަހާ ދެމެދު އަންނަ ކޮންމެ ހުކުރުދުވަހަކުވެސް ހިނގާކަމެކެވެ. އަޖައިބުން ފުރިގެންވާ ކަމެކެވެ. އެތައް ޢިބްރަތްތެރި ފިލާވަޅުތަކެއް ދޭކަމެކެވެ. އަޑު އައްސަވާށެވެ. 

ކައުއިތުރު ނަބިއްޔާ- صلى الله عليه وسلم- ޙަދީޘްކުރައްވާފައިވެއެވެ. ކޮންމެ ހުކުރު ދުވަހެއްގެ ފަޖުރުގެ އަލިކަން ފާޅުވީއްސުރެއް އިރު ދުނިޔޭގެމައްޗަށް އަރަންދެން ހިނގާ ކަމެއްގެ ވާހަކައެވެ.

ހުކުރުދުވަހު ޤިޔާމަތް ޤާއިމުވާނެތީ ކޮންމެ ހުކުރުދުވަހަކުވެސް މިކަންތައްތައް ތަކުރާރުވާކަމަށް ޙަދީޘްފުޅުގައިވެއެވެ. އަދި އެކަން ކުރަނީ މަދު ޢަދަދެއްގެ މަޚްލޫޤާތްތަކެއް ނޫނެވެ. އެވަގުތަކު މުޅި ދުނިޔޭގައި ދިރިތިބިއްޔާ ތިބިހާ ޖަނަވާރެއް، ޤިޔާމަތް ޤާއިމުވެދާނެތީ އެކަމުގެ ބިރަށް ކޮންމެ ހުކުރުދުވަހެއްގެ ފަޖުރުގެ އަލިކަން ފާޅުވީއްސުރެ އިރުއަރަންދެން ޤިޔާމަތުގެ ތާޅަފިލީގެ އަޑަށް ކަނުލާ ސަމާލުކަންދީގެން ހުޝިޔާރުވެ ތިބޭނެކަމަށް ޞައްޙަ ޙަދީޘްޅުގައި ވެއެވެ. ލާއިލާހަ އިއްލަﷲ. އަޖައިބުކުރުވަނިވި ކަމެއްނޫންތޯއެވެ. ދެން ޙަދީޘްގައި އަންނަވާހަކައާއިމެދު ނިކަން ވިސްނާލައްވާށެވެ. އެއީ، ހަމައެކަނި އެކަމުން ޣާފިލުވެގެންވަނީ އާދަމުގެ ދަރިންނާއި ޖިންނީންކަމަށް ބަޔާންކުރައްވާފައިވުމެވެ.

އެބައެއްގެ ގާތުގައި އެންމެ ތެދުވެރި އިންސާނާކަމަށް ޤަބޫލުކުރާ ކައުއިތުރު ނަބިއްޔާ - صلى الله عليه وسلم- ޤިޔާމަތްވާނީ ހުކުރުދުވަހެއްގައިކަމަށް މީގެ އެތައް ޤަރުނެއްކުރިން އަންގަވާފައި ވާއިރުވެސް އަދި އެކަމާއި ބިރުން ބުއްދިނެތް ޖަނަވާރުތައް ސަމާލުވާއިރުވެސް ހުކުރުދުވަހުގެ ފަތިސްނަމާދު އަޅާފައި ތަންމަތީގައި ނިދާފައި އެ އޮންނަ މުސްލިމެއްކަމަށް ދަޢުވާކުރާމީހާގެ ޙާލުގެ ނުބައިކަމާއެވެ.

Advertisement

ކޮމެންޓް