Advertisement

ކީރިތި ރަސޫލާއަށް ފުރައްސާކޮށް ކުރަހާފައިވާ ކާޓޫންތަކެއް ފްރާންސްގެ ސަރުކާރުގެ އިމާރާތްތަކެއްގެ ބޭރަށް ޕްރޮޖެކްޓްކޮށްފި

24 Oct 2020 | 14:04

މުސްލިމުންގެ މާތްވެގެންވާ ނަބިއްޔާ އަދި ރަސޫލާ މުހައްމަދުގެފާނަށް   ފުރައްސާރަކޮށް، ފްރާންސްގެ މަޖައްލާއެއްގައި ޝާއިއުކުރި ކާޓޫންތަކެއް އެގައުމުގެ ސަރުކާރުގެ އިމާރާތްތަކެއްގެ ބޭރަށް ޕްރޮޖެކްޓްކޮށްފިއެވެ.

އެގޮތުން އެގައުމުގެ މޮންޓްޕްލިޔަރ އަދި ޓުލޫސްގެ ޓައުން ހޯލް އިމާރާތްތަކުގެ ބޭރަށް މި ކާޓޫނުތައް ވަނީ ގިނަ ވަގުތުތަކެއް ވާންދެން ޕްރޮޖެކްޓްކޮށްފައެވެ. އެގޮތުން މިދިޔަ ބުދަ ދުވަހުގެ ހަވީރު މި ކާޓޫންތައް ޕްރޮޖެކްޓްކޮށްފައިވަނީ، ކްލާސްރޫމްގައި މި ކާޓޫންތައް ދެއްކުމުން ބޯ ބުރިކޮށްލެވުނު މުދައްރިސެއްކަމަށްވާ ސެމުއެލް ޕެޓީގެ ހަނދާނުގައި ފާހަގަކުރި ދުވަހުގެ ތެރެއިންނެވެ. އެ ހަރަކާތުގެ ތެރެއިން މި ކާޓޫނުތަކުގެ އިތުރުން ޕެޓީގެ ފޮޓޯތައްވެސް ޕްރޮޖެކްޓްކުރިއެވެ.

އޭނާ ކްލާސްރޫމްގެ ތެރެއިން ދަރިވަރުންނަށް މި ކާޓޫން ދައްކާފައިވަނީ ފްރީ ސްޕީޗް ނުވަތަ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އުނގަންނައިދިނުމަށްކަމަށް ބުނެއެވެ.

ޕެޓީގެ މަރާއި ބެހޭގޮތުން ވާހަކަދައްކަވަމުން ފްރާންސްގެ ރައީސް އިމާނުއެލް މަކްރޯން ވިދާޅުވީ މަރުވި ޓީޗަރަކީ ފަރަންސޭސި ރިޕަބްލިކްގެ އަސާސްތައް ހިމެނިގެންވާ ބަތަލެއް ކަމަށެވެ. އަދި އޭނާއަށް ވަނީ ފްރާންސްގެ އާންމު ފަރުދުންނަށް ދެވޭ އެންމެ މަތީ ލަގަބުވެސް ދެވިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކީރިތި ރަސޫލާގެ ކާޓޫނުތަކެއް ޝާއިއުކުރުމުން ކަމަށްބުނެ 2015ވަނަ އަހަރުގެ ތެރޭގައި ފްރާންސްގެ މަޖައްލާއެއްކަމަށްވާ ޗާލީ ހެބްޑޯއަށް ވަނީ ބަޔަކު ހަމަލާވެސް ދީފައެވެ. އެ ހަމަލާއާއި ގުޅޭ ޝަރީއަތްތައް ދާދިފަހުން ފެށިފައިވާއިރު، އެ މަޖަައްލާއިން ވަނީ ކާޓޫނުތައް އަލުން ޝާއިއުކޮށްފައެވެ. 

Advertisement

ކޮމެންޓް

Advertisement