ގުބާރު 26

24 Oct 2020 | 19:20

ސާރާ ވަކި ހިސާބަކަށް ފަހަތަށް ޖެހުމަށްފަހު ހުއްޓުނެވެ. އެއީ އިގްބާލު ސާރާގެ ކުރިމައްޗަށް އެރުމުންނެވެ. "ޝާލިޔާ ތިހުރި ފިޔަވަޅު މަތިން އެންމެ ފިޔަވަޅެއްވެސް ސާރާ އާއި ދިމާ ކުރިއަށް އަޅައިފިނަމަ އަހަރެން މަޑުންނެއް ނުހުންނާނަން." މިއީ އިގްބާލު މިއިން ޒަމާނެއްގައިވެސް ޝާލިޔާއާއި ވާހަކަދެއްކި ގޮތެއް ނޫނެވެ. އިގްބާލުގެ މި ހަރަކާތް ފެނިފައި ހުދު ޝާލިޔާވެސް ހުރީ ހައިރާންވެފައެވެ. ޝާލިޔާ އެދެމީހުންނާއި ދިމާލަށް ބަލާލުމަށްފަހު މަޑުމަޑުން އެގެއިން ނިކުމެގެން ދިޔައެވެ. އެހިނދު ސާރާ ފުން ނޭވާއެއް ބޭރުކޮށްލިއެވެ. އަދި ދުވެފައި ކަހަލަ ގޮތަކަށް ގޮސް ދޮރުލައްޕާ ތަންޑުއެޅުވިއެވެ. ދުރުގައި ހުރި އިގްބާލު އޭރު ހުރީ ކަޅި ޖަހާނުލައި ސާރާއާއި ދިމާލަށް ބަލަހައްޓައިގެންނެވެ. އިގްބާލުގެ ހަޔާތަށް ބަހާރު މޫސުމް އައި ކަހަލަ އިހުސާސެއް އޭނާއަށް ކުރެވުނެވެ. އޭނާގެ ހިތް އޭރު އުފަލުން ނަށަނީއެވެ.

އިގްބާލަށް ސާރާއާއި ދުރުގައި ނުހުރެވުނެވެ. އޭނާ ދުވެފައި ގޮސް ސާރާ ގައިގައި ބައްދައިލިއެވެ. ހަމަ އެ ނޭވާގައި ސާރާއަށްވެސް ބައްދައިލެވުނެވެ. އެވަގުތު ދެމީހުންގެ ލޮލުންވެސް ކަރުނަ ފާއްދާލިއެވެ. "ސާރާ، ހަމަ އަސްލުވެސް އަހަރެންދެކެ ލޯބިވާތީތަ އެހެން ބުނީ؟." އިގްބާލު ސުވާލުކުރިއެވެ. "އާ އިގްބާލް. އަހަރެންނަށްވެސް ނޭންގުނު އިގްބާލު ދެކެ ލޯބިވެވުނީ ކިހިނެއް ކޮންގޮތަކުން ކަމެއް." ސާރާ އިގްބާލުގެ މޫނަށް ބަލައިލިއެވެ. "އަހަރެން މިއަދު ވަރަށް އުފާވެއްޖެ. ހަމަ ތެދެއް މިބުނީ. އަހަރެން ސާރާގެ ލޯތްބަތް އެދި ހާދަ ދުއާއެއް ކުރީމޭ. އިރާދަކުރެއްވިއްޔާ އުމުރު ދުވަހު ސާރާ އުފަލުގައި ގެންގުޅޭނަން." އިގްބާލު ސާރާގެ ނިތްކުރިއަށް ބޮސްދިނެވެ. ސާރާއަށް އޭރުވެސް އުފަލުން ރޮވެނީއެވެ.

އެރޭ އެދެމީހުންނަށް އައީ މާމުއި ހަނދުވަރުގެ ރެއެކެވެ. މަލާޒު ގެއްލުމުގެ ހިތާމާގައި އެތައް ދުވަސްތަކެއް ހޭދަކުރުމަށްފަހު، ދިރިއުޅުމަށް އުފާވެރިކަމެއް އައިސްދާނެ ކަމަކަށް ސާރާ ދުވަހަކުވެސް ގަބޫލެއް ނުކުރެއެވެ. ނަމަވެސް އެކަން ބަދަލުކުރި މީހަކީ އިގްބާލެވެ. ސާރާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނު ކަމުގެ އިހުސާސް ކުރެވެން ފެށިއެވެ. ސާރާގެ ދިރިއުޅުމުގައި ނަގަމުން ދިޔަ ގުބާރުތައް ހުއްޓުމަކަށް އައީކަމަށް އޭނާ ނިންމިއެވެ. އުފާވެރިކަން އިންތިހާއަށެވެ. ހެނދުނު ހޭލެވުނީ ފޯނުގެ އެލާމުގެ އަޑަށެވެ. އޭރު އަދި އިރެއް ނާރައެވެ. ވުމާއެކު ސާރާ އަވަސްވެގަތީ ފަތިސް ނަމާދުކުރުމަށެވެ. އޭނާ ހެއްދެވި ފަރާތަށް ހަމްދުކުރިއެވެ. ހުރިހާ ކަމެއް އެންމެ މޮޅަށް ދެކެދެނެވޮޑިގެންވާ ޚާލިގުވަންތަ އިލާހަށް އޭނާގެ ހިތް ބަންޑުންކޮށްލިއެވެ. އޭނާއަށް އެ ފަރާތުން ކެތްތެރިކަން ދެއްވީތީ އެކަމާއި އުފާކުރިއެވެ. އަދި އިގްބާލު ފަދަ އޭނާ ދެކެ އިންތިހާއަށް ލޯބިވާ މީހެއް އޭނާގެ ދިރިއުޅުމަށް ލިބުނީތީ އެކަމާ ޝުކުރުވެރިވިއެވެ. ނަސީބު، މިފަހަރު ސާރާއަށް ވަފާތެރިވީއެވެ.

ސާރާވެސް އަދި އިގްބާލުވެސް ބޭނުންވީ ލަސްނުކޮށް އަވަހަށް ކައިވެނިކުރުމަށެވެ. އެއް ގެއެއްގެ ތެރޭގައި ނީދެ ދެމީހުން އުޅުމަކީ ރަނގަޅުކަމެއް ނޫންކަމަށް ދެމީހުންވެސް ގަބޫލުކުރެއެވެ. އެއީ ދެމީހުންގެވެސް ސެމިސްޓަރ ބްރޭކަށް ވުމާއެކު، އިގްބާލު އޭނާގެ އާއިލާ މީހުންގެ ލަފައާއި މަޝްވަރާއާއި އެކު ކައިވެނީގެ ކަންކަން އަވަސްކުރިއެވެ. ޕާޓީ ނުބާއްވާ ކުޑަ ގޮތަކަށް ހުރިހާ ކަމެއް ނިންމާލިއެވެ. ސާރާވެސް ބޭނުންވީ އެގޮތެވެ. ސާރާގެ ފަރާތުން އެ ކައިވެންޏަށް މަރުހަބާ ކިޔަން އައީ ފަރީދާއާއި ވަހީދެވެ. އެމީހުން މިހާރު ސާރާ ދެކެނީ އެމީހުންގެ ދަރިއެއްގެ ގޮތުގައެވެ. މަލާޒު ނެތް ދުނިޔޭގައި އަދި މަލާޒަށް އެމީހުންގެ ފަރާތުން ނުދެވުނު ލޯބި ސާރާއަށް ދިނެވެ. ސާރާއަށް ވެސް މިއަދު މައިންބަފައިން ނެތްކަމުގެ އިހުސާސް އެދެމަފިރިންގެ ސަބަބުން ކުރާކަށް ނުޖެހުނެވެ. އެއީ ސާރާގެ ހަޔާތުގައި އައި އެންމެ އުފާވެރި އެއް ދުވަހޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

އިގްބާލާއެކު ހޭދަވަމުން އައީ ވަރަށްވެސް އުފާވެރި ދުވަސްތަކެކެވެ. ކިޔެވުން ވެސް މަޑުމަޑުން ދިޔައީ ކުރިއަށެވެ. އިގްބާލުގެ ދަރިފުޅު ރާހިލްއާ ވެސް ސާރާގެ ގުޅުން ދިޔައީ މަޑުމަޑުން ބަދަހިވަމުންނެވެ. އާދަކާދައިގެ މަތިން އެދުވަހަކީ ސާރާ ޝޮޕިންއަކަށް ނިކުމެލި ދުވެހެކެވެ. އެދުވަހު މަގުމަތިން މައުސޫމާއާއި ދިމާވިއެވެ. އެތައް ޒަމާނެއްކޮށްފައި ދެމީހުން ދިމާވުމުން ސާރާ ހުރީ އުފަލުން ފޮޅިފައެވެ. މައުސޫމާވެސް އުޅުނީ ޝޮޕިންއަކަށް ނިކުމެއެވެ. ވުމާއެކު ދެމީހުން އެކުގައި ޝޮޕިން ނިންމާލުމަށްފަހުގައި ކޮފީއަކަށް ދިޔައެވެ. ކޮފީގައި ހޭދަވި ދެ ގަޑިއިރު ދިޔައީ ވޭތުވެދިޔަ ދުވަސްތަކުގައި ހިނގާދިޔަ ކަންކަމުގެ ވާހަކަ ދެއްކުމުގައެވެ. ސާރާގެ ކައިވެނީގެ ހަބަރު ލިބިފައި މައުސޫމާ ހުރީ އުފަލުން ބުނާނެ އެއްޗެއް ނޭންގިފައެވެ. އިރުއޮއްސުމާއެކު ދެމީހުންވެސް ހިނގައިގަތީ ގެއަށް ދިއުމަށެވެ. އަދި ބައްދަލުވާނެކަމުގެ އުއްމީދުގައެވެ.

ސާރާ ގެއަށް ދިޔައިރު އިގްބާލު ގޭގައި އުޅެއެވެ. ސާރާ ފެނުމާއެކު، އިގްބާލު އައިސް ސާރާ ގައިގައި ބައްދާލިއެވެ. "އައްދެ. ކުޑަކުއްޖެއްހެން އައިސް ތި ބައްދާލިއްޔޯ؟". ސާރާ އިގްބާލު ގައިގައި ފިރުމާލަމުން ބުންޏެވެ. "ސާރާ ނުފެނި ގިނައިރު ހޭދަވެގެން ދިޔައީމަ މިސްވީ." އިގްބާލު ސާރާގެ މޭމަތީގައި ބޯއަޅާލިއެވެ. "ހިހި. އަހަރެން އަދި ގެއްލުނީއެއް ނޫނެއްނު. އިރާދަކުރެއްވިއްޔާ އަހަރެންނެއް ނުގެއްލޭނެ." ސާރާ އިގްބާލުގެ ނިއްކުރިއަށް ބޮސްދިނެވެ. އެހިނދު އިގްބާލު ކުރިއަށްވުރެ ބާރަށް ސާރާ ގައިގައި ބައްދާލިއެވެ. ދެން ހޭދަވި ވަގުތަކީ ވަރަށް އުފާވެރި ވަގުތުކޮޅެކެވެ. ސާރާއަށް މިއިން ދުވަހަކުވެސް ފިރިހެނެއްގެ ފަރާތުން ނުލިބޭ ލޯތްބާއި އޯގާތެރިކަން އިގްބާލުގެ ފަރާތުން ދިޔައީ ލިބެމުންނެވެ. ސާރާގެ ދިރިއުޅުމަށް މަދުވެފައިވާ ކަމަކީ އެއީއެވެ.

ސާރާއަށް ހޭލެވުނީ އިރުގެ ދޯދިތައް ދޮރުފޮތިގަނޑުން ފުރޭނިގެން އޭނާގެ މޫނަށް އެޅުމުންނެވެ. އާދުވަހަކަށް އިރުއެރީއެވެ. ފަތިސް ނަމާދަށް ނުހޭލެވުމާއެކު، އޭނާ ފުރަތަމަވެސް އަވަސްވެގަތީ ނަމާދުކުރުމަށެވެ. އޭނާ ހޭލާފައި އިގްބާލަށްވެސް ގޮވިއެވެ. ނަމާދުކޮށްލައިގެން ސާރާ ނިކުތީ އިގްބާލު އޮފީހަށް ދާންވާއިރަށް ހެނދުނުގެ ނާސްތާ ތައްޔާރުކުރާށެވެ. ސައި ތައްޔާރުކޮށްގެން ދެމީހުން އެއްކޮށް ސައިބޮއެ ނިމުމާއެކު އިގްބާލު ދިޔައީ އޮފީހަށެވެ. ސާރާ ދެން ފެށީ ކޭކު އެޅުމުގެ މަސައްކަތް ކުރާށެވެ. ރާހިލްއަށް އޭނާ އަޅައިދޭން އުޅޭ ކޭކުގެ މަސައްކަތް ފެށިއެވެ. ގޭތެރޭގައި ހުރެގެން އެކަހަލަ މަސައްކަތެއް ކުރަންފެށުމަކީ ހިތްހަމަ ޖެހުމާއި އުފާވެރިކަން ގެނެސްދޭ ކަމެކެވެ.

ޝާލިޔާގެ އުނދަގުލެއް އޭގެ ފަހުން ނުވެއެވެ. ޝާލިޔާ އޭނާގެ ދަރިފުޅުވެސް އެގެއަށް މަދުމަދުން ފޮނުވާ ހަދައެވެ. ކޮންމެ އިންސާނަކަށްވެސް ވިސްނޭނެ ދުވަހެއް އަންނާނެކަން ޔަގީނެއެވެ. ޝާލިޔާއަށް ވެސް ވިސްނުނީއެވެ. އެކަމާ އިގްބާލަށްވުރެ ވެސް ބޮޑަށް އުފާކުރާ މީހަކީ ސާރާއެވެ. ސާރާ އެއްވެސް ހާލެއްގައި އިގްބާލާއި، ޝާލިޔާ ދުރުކުރާކަށް ބޭނުމެއް ނޫނެއެވެ. ސަބަބަކީ އެދެމެދުގައި ރާހިލް ހުރުމުންނެވެ. މަންމަ އާއި ބައްޕަ ވަކިވެފައިވީ ނަމަވެސް ދަރިފުޅުގެ ހައްގުގައި ދަރިފުޅާއެކު އިގްބާލާއި ޝާލިޔާ ވަގުތު ހޭދަކުރުމުގެ ފުރުސަތު ސާރާ އަބަދުވެސް ދެއެވެ.

ކޭކުގެ މަސައްކަތް ނިންމާލުމަށްފަހުގައި ފެންވަރަން ވަންނަން އުޅެނިކޮށް ޝިފާނުގެ ފޯނެއް އައެވެ. "ހަލޯ ސާރާ. ވަރަށް އުފާވެރި ހަބަރެއްދޭން މި ގުޅީ." ފޯނު ފުރަތަމަވެސް ނެގުމާއެކު ޝިފާނު ބުނީ މިހެންނެވެ. "އެހެންތަ؟. އަނެއްކާ ކޮންކަހަލަ ހަބަރެއް؟." ސާރާ އަވަސް ގޮތަކަށް ސުވާލުކުރިއެވެ. "ނާޝިދު އަހަރެމެންގެ ބެލުމުގެ ދަށަށް ގެނެވިއްޖެ." ޝީފާން ދިން ހަބަރާއެކު، ސާރާއަށް ހުރެވުނު ތަންވެސް ނޭންގުނެއެވެ. "އޭ..ކީކޭ. ތިއީ ހަމަ އަސްލު ހަގީގަތެއްތަ؟." ސާރާއަށް ގަބޫލުނުކުރެވޭ ރާގަކަށް އަހާލެވުނެއެވެ. "އާ ސާރާ. ނާޝިދު މިހާރު ހައްޔަރުކޮށްފިން. މިފަހަރު ދެން ކަންވާ ގޮތެއް ބަލަމާ. ވީ ހޭވް އިނަފް އެވިޑެންސް." ޝިފާން ބުންޏެވެ.

"އޯކޭ.އޯކޭ. އަހަރެންނަށް ވާނުވާ އަންގާލާތި. އަހަރެންނަށް ނާޝިދާއި ބައްދަލެއް ނުކުރެވޭނެތަ؟." ސާރާ ބޭނުންވީ ނާޝިދުއާއި ބައްދަލުކުރާށެވެ. "ތިކަން ނުވާނެ. އެކަމަކު ސާރާ އަހަން ބޭނުން ސުވާލެއް އަހަރެން ކައިރި ބުނޭ. އަހަރެން ޖަވާބު ހޯދަދޭނަން." ޝިފާން ބުންޏެވެ. ސާރާ ފަހުން ގުޅާނެކަމަށް ބުނެ ފޯނު ބޭއްވިއެވެ. އަދި ވަގުތުން އިގްބާލަށް މެސެޖުކޮށްފައި އެވާހަކަ ބުންޏެވެ. ސާރާ ކުޑަކޮށް ޖެހިލުންވާންފެށިއެވެ. ނާޝިދަކީ އާދައިގެ މީހެއް ނޫނެވެ. ނާޝިދުގެ އެތައް މީހުންނެއް މި ފުރަ މާލޭގައި އުޅޭނެކަން ޔަގީނެވެ. އެއިން މީހަކު ސާރާއަށް ހަމަލާއެއް ދީފާނެތީ އޭނާ އެކަމާ ހާސްވިއެވެ. ނާޝިދު ހައްޔަރުކުރުމާއި ގުޅިގެން ހަމަ ޔަގީނުންވެސް ސާރާއަށް އޭގެ އުނދަގޫ ޖެހޭނެއެވެ. ނަމަވެސް ސާރާ ފަހަތައް ޖެހޭކަށް ބޭނުމެއް ނޫނެވެ. މަލާޒާއި ނިޝާގެ މަރުގެ ބަދަލުގައި ނާޝިދަށް ލިބެންޖެހޭ ހައްގު އަދަބު އޭނާއަށް ލިބެންޖެހެއެވެ.

Advertisement

ކޮމެންޓް