Advertisement

ސޫދާނުންވެސް އިޒްރޭލާ އެކު ރަސްމީ ގުޅުންތައް ގާއިމްކުރަން ތައްޔާރުވަނީ

24 Oct 2020 | 16:55

އެމެރިކާ މެދުވެރިއެއްގެ ގޮތުގައި އޮވެގެން އިޒްރޭލާއި އެކު ރަސްމީ ގުޅުންތައް ގާއިމްކުރުމުގެ މަސައްކަތް ސޫދާނުންވެސް ފަށައިފިއެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި މިދިޔަ ބުދަ ދުވަހުގެ ވަގުތެއްގައި ޚާއްސަ ޗާޓާޑް ފްލައިޓެއްގައި އިޒްރޭލުގެ ވަފްދެއް ވަނީ ސޫދާންގެ ވެރިރަށް ޚަރްތޫމަށް ޒިޔާރަތްކޮށްފައެވެ.

މިކަމާއި ގުޅިގެން ސޫދާންގެ ސަރުކާރުގެ މަސްދަރަކާއި ހަވާލާދީ އަލްޖަޒީރާ ނޫހުން ބުނެފައިވާ ގޮތުގައި އިޒްރޭލާއި އެމެރިކާގެ ވަފްދަކުން ވަނީ ސުދާންގެ އިންތިގާލީ އޮތޯރިޓީގެ ރައީސް ޖެނެރަލް އަބްދުލް ފައްތާހު އަލް ބުރުހާނާއި ބައްދަލު ކުރައްވާފައެވެ. އެގޮތުން މި ބައްދަލުވުމުގައި އިޒްރޭލާއި ސޫދާނާއި ދެމެދު ރަސްމީ ގުޅުންތައް ގާއިމްކުރުމާއި މެދު މަޝްވަރާކޮށްފައިވާކަމަށް ވަނީ ބުނެފައެވެ.

ބެލެވޭ ގޮތުގައި ސޫދާންގެ އިންތިގާލީ ގާނޫނު ހަދާ މަޖިލިސް އުފެދުނުހާ އަވަހަކަށް ދެގައުމުގެ މެދުގައި ގުޅުންތައް ގާއިމްކުރުމަށް ރަސްމީގޮތުން މަސައްކަތްތައް ފެށިގެންދާނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެމެރިކާ މެދުވެރިއެއްގެ ގޮތުގައި އޮވެގެން މެދުއިރުމަތީގެ ގިނަ ގައުމުތަކުން ދަނީ އިޒްރޭލާއި އެކު ރަަސްމީ ގުޅުންތައް ގާއިމްކުރަމުންނެވެ. އެގޮތުން ޔޫއޭއީ އަދި ބަހްރެއިން ހިމެނެއެވެ. މިކަމަށް ފަލަސްތީނުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔައި، މިއީ އެގައުމަށް ދެވުނު އަނިޔާއެއްގެ ގޮތުގައި ސިފަކޮށްފައެވެ.

Advertisement

ކޮމެންޓް