ގއ.މާމެންދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް މަޤާމުން ވަކިކުރުމަށް ހުށައަޅަނީ

25 Oct 2020 | 03:48

ގއ.މާމެންދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ނިންމައިފިއެވެ.

ޖުޑީޝަލް ސާރވިސް ކޮމިޝަނުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ގއ.މާމެންދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް އަހްމަދު ޝުކޫރު ފަނޑިޔާރުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.

އިސްމެޖިސްޓްރޭޓް މަގާމުން ދުރުކުރަން ނިންމާފައިވަނީ ޝުކޫރުއާ ގާތްގުޅުމެއް އޮންނަ ފަރާތެއްގެ ބަންދާމެދު ގޮތެއް ނިންމުމުގެ މައްސަލަ ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގައި ހނގި ދުވަހު އެކޯޓުގައި މަސައްކަތްކުރާ މެޖިސްޓްރޭޓެއް ގޮތުގައި ހުރެ، ހައްޔަރުކުރެވިފައިވާ ފަރާތުގެ ގާނޫނީ ވަކީލުއާ ޝުކޫރު ބައްދަލުވެ ދިން ސިޓީއުރަކާ ހަވާލުވިކަން ސާބިތުވުމާ ގުޅިގެންނެވެ.

އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ކުރީގެ ފަނޑިޔާރުންތަކާ ބައްދަލުކޮށް ވަކި ރިއާސީ ކެންޑިޑޭޓަކަށް ތާއީދުކޮށް ވާހަކަދައްކައި ވޯޓު ހޯދުމަށް މަސައްކަތްކޮށްފައިވާތީއާއި، ގއ.ކޮލަމާފުށިން ހައްޔަރުކުރި ބައެއްގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ގއ.ވިލިގިނލީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުގެ ކުރިން ޝަރީޢަތުގެ މަޖިލީހުން ބޭރުން، އެމީހުންގެ ބަންދާއިމެދު ނިންމާނެ ގޮތް ފުލުހުންނާ ހިއްސާކޮށް ބަންދާއި މެދު ގޮތެއް ނިންމުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އަދުލުވެރިކަމުގެ ހަމަތަކުން ބޭރުން އަމަލުކޮށްފައިވާކަން ސާބިތުވެފައިވާތީ ކަމަށްވެސް ޖުޑިޝަލް ސާރވިސް ކޮމިޝަނުން ނެރުނު ނޫސްބަޔާނުގައި ވެއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 32 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާއި، (5) ވަނަ ނަންބަރާއި، (10) ވަނަ ނަންބަރާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.5 ވަނަ ނަންބަރާއި، 3.1 ވަނަ ނަންބަރާއި، 4.2 ވަނަ ނަންބަރާއި، 7.1 ވަނަ ނަންބަރާއި އަދި 7.2 ވަނަ ނަންބަރާއި ޚިލާފަށް ކޮށްފައިވާ ޢަމަލުތަކެއްކަމަށް ވާތީ އާއި އަދި އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު ކުރި މި ޢަމަލުތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ފަދަ ފަނޑިޔާރުކަމުގެ މަޤާމާ އެކަށީގެން ނުވާފަދަ ޢަމަލުތަކެއްކަމަށް ވާތީ، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު)ގެ 32-1 (ހ) ގެ 4 ވަނަ ނަންބަރުގެ ދަށުން، އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް 21 އޮކްޓޫބަރު 2020 ވަނަ ދުވަހު ބޭއްވުނު ކޮމިޝަނުގެ 76 ވަނަ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

އަހްމަދު ޝުކޫރު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފެންނަކަމަށް ނިންމިއިރު، އޭނާގެ އިތުރު 8 މައްސަލައެއްވެސް އެކޮމިޝަނުން ތަޙްޤީޤުކުރަމުންދާ ކަމަށްވެސް މި ނޫސްބަޔާނުގައި ވެއެވެ.

Advertisement

ކޮމެންޓް