ރިޟްވާން މަރުވިކަން އާއިލާއަށް ރަސްމީކޮށް އަންގާފައި ނުވާކަމަށް އާއިލާއިން ބުނެފި

26 Oct 2020 | 06:03

2015 ވަނަ އަހަރުގެ ތެރޭގައި ވީނުވީއެއް ނޭނގި ގެއްލުވާލެވުނު މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން މަރުވިކަން އޭނާގެ އާއިލާއަށް ރަސްމީކޮށް އަންގާފައި ނުވާކަމަށް ބުނެފިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރޭ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން ވަނީ މޭޑޭ މުޒާހަރާގެ ތެރެއިން ދެއްކި ލިޔުންތަކަކީ އަސްލު ހެކިތަކެއް ނޫންކަމަށާއި އޭގެ ކޮޕީކަމަށް ވިދާޅުވެފައެވެ.

މިކަމަށް ރައްދުދެމުން ރިޟްވާާންގެ ދައްތަ ފާތިމަތު ޝެހެނާޒް ކުރި ޓްވީޓެއްގައި ބުނީ އެއްވެސް ކޯޓަކުން ރިޟްވާން މަރުވިކަން އާއިލާއަށް އަންގާފައި ނުވާކަމަށާއި، މަރު ކޮމިޝަނުންވެސް އެކަން ރަސްމީކޮށް އަންގާފައި ނުވާކަމަށެވެ. އެހެންކަމުން އިމްރާން މި ދެއްކި ވާހަކަތައް މަރު ކޮމިޝަނުން ތަހުގީގުކުރަން ޖެހޭކަމަށް ވަނީ ބުނެފައެވެ.

"މީކީ މަޝްހޫރުވާން ދައްކާ ކަހަލަ ވާހަކައެއް ނޫން"، ޝެހެނާޒް ބުންޏެވެ.

ރިޟްވާންގެ ދައްތަ އިތުރަށް ވަނީ ހަގީގަތެއް ނެތް އަނިޔާވެރި ވާހަކަ ދެއްކިއިރު، ރިލްވާންގެ އާއިލާ އެ ދަރިފުޅަށް ވީގޮތް ނޭނގިގެން ހިތާމަކުރާކަން އެންމެ ފަހަރަކުވެސް ވިސްނާލިންތޯ ސުވާލު އުފައްދާފައެވެ. އަދި ސިޔާސީ މީހުންގެ ފައިދާއަށް މި ބާވަތުގެ ވާހަކަދެއްކުމަކީ ދަށު ދަރަޖައިގެ އަމަލެއް ކަމަށާއި، އާއިލާއިން އެކަން ކުށްވެރިކުރާކަމަށްވެސް ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް