ތޫނު ހަތިޔާރާއެކު އަރައި މަސްދޯންޏެއް ހައިޖެކް ކުރިކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ

26 Oct 2020 | 11:30

ތޫނު ހަތިޔާރާއި އެކު ގްރޫޕަކުން މަސްދޯންޏަކަށް އަރައި އެދޯނި ހައިޖެކްކުރިކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ރާއްޖޭގެ އޮންލައިން ނޫހެއްކަމަށްވާ "އައްޑޫ ލައިވް" ގައި ބުނެފައިވާ ގޮތުގައި ރޭ ދަންވަރު 12:30 ހާއިރު ތޫނު އެއްޗެއްސާއި އެކު ގްރޫޕަކުން އަރާފައިވަނީ ސ.ހިތަދޫގައި ދުއްވާ ފަސްކުރި ދޯންޏަށެވެ. އެދޯނި އެވަގުތު އޮތީ ލ.އަތޮޅުގެ ފަޅުރަށެއް ކަމަށްވާ "ވަޑިނޮޅު" ކައިރީ އެންދަމަން ދިއްލައިގެން ކަމަށް ވެސް އެނޫހުގައި ބުނެފައި ވެއެވެ

މިކަމާއި ގުޅިގެން ފުލުހުން ބުނީ ރޭ 11:55 ހާއިރު ލ.އަތޮޅު ވަޑިނޮޅު ކައިރި އޮތް މަސްދޯންޏެއް ބަލާ ލޯންޗްގައި ބަޔަކު އެ ދޯންޏަށް ދިޔަކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެންކަމުން މިމައްސަލާއާ ގުޅިގެން ފުލުހުން މައުލޫމާތު ސާފަކުރުމުން އެ ދޯނި ލ.ގަން ތުނޑި އަށް ކަިއިރިކުރަން އަންގާފައިވާ ކަމަށާއި، އަދި ފުލުހުން ދޯންޏަށް ގޮސް ބެލިބެލުމުން އިތުރު ބަޔަކު ދޯންޏަށް އަރާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެއްވެސް މާރާމާރީއެއް ހިނގާފައިނުވާ ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

ފުލުހުން ބުނީ ދޯންޏަށް ގެންދިޔަ ކަމަށް ބެލެވޭ ތޫނު އެއްޗެހިތަކެއް ދޯނިތެރޭ ހުރުމުން އެތަކެތި މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

އަދި މިއީ އެއްބަސްވުމެއްގެ ދަށުން ގަނެފައިވާ ދޯންޏެއް ކަމަށާއި، ދޯންޏަށް ވެފައިވާ އެއްބަސްވުމަށް އަމަލުކޮށްފައިނުވާތީ ދޯނީގެ ވެރިފަރާތުން ހިންގި އަމަލެއްކަމަށް ވަނީ ބުނެފައެވެ. ފުލުހުން އިތުރަށް ބުނީ މިމައްސަލަ ތަހްގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ނަމަވެސް މި ދޯނީގެ ވެރިފަރާތުން "ވަގުތު" ނޫހަށް މައުލޫމާތު ދެމުން ބުނީ މީގެ ދެއަހަރު ކުރިން އެދޯނި ހަތް މިލިއަން ރުފިޔާ އަށް ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޖާބިރުގެ ކުންފުންޏަކަށް ވިއްކާލި ކަމަށާއި ނަމަވެސް އެ ފަރާތުން ދެއްކީ އެންމެ ހަތް ލައްކަ ރުފިޔާކަމަށެވެ. އެއަށްފަހު ދޯނި ހަވާލު ކުރަން އެތައް ފަހަރަކު އެދުމުން ވެސް ދޯނި ހަވާލު ނުކުރިކަމަށް ވަނީ ބުނެފައެވެ.

"އެހެންވެ ދޯނީގެ ވެރިފަރާތް ނިސްބަތްވާ އަތޮޅަށް ދޯނި ވަނުމުން ދޯންޏަށް އަރައި ސުލްހަވެރިކަމާއި އެކު ދޯންޏާއި ހަވާލުވީ. އެއްވެސް ހަމަނުޖެހުމެއް ނުހިނގާ. ދޯންޏަށް އެރި މީހުންގެ އަތުގައި އެއްވެސް ކަހަލަ ހަތިޔާރެއް ނުހުންނާނެ." ދޯނީގެ ވެރިފަރާތުން "ވަގުތު" އަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

Advertisement

ކޮމެންޓް