ދޯނި ހައިޖެކްކުރިކަމަށް ބުނާ މައްސަލަ: ދޯނީގެ ވެެރިފަރާތާއި ފުލުހުން ދައްކާ ވާހަކަ ދިމާނުވޭ؟

27 Oct 2020 | 15:47

މަހަށް ނުކުމެ އުޅުނު ދޯންޏަކަށް ތޫނު ހަތިޔާރާއި އެކު އަރައި އެ ދޯނި ހައިޖެކްކުރިކަމަށް ބުނާ މައްސަލައިގައި ފުލުހުންނާއި ދޯނީގެ ވެރިން ދައްކާ ވާހަކަތައް ދިމާނުވާކަން ފާހަގަވެއްޖެއެވެ.

މި މައްސަލަ ފުރަތަމަ ރިޕޯޓްކުރި ފަރާތްކަމަށްވާ "އައްޑޫ ލައިވް" އިން ބުނެފައިވާ ގޮތުގައި ތޫނު އެއްޗެއްސާއި އެކު ގްރޫޕަކުން އަރާފައިވަނީ ސ. ހިތަދޫގައި ދުއްވާ ފަސްކުރި ދޯންޏަށެވެ. އެދޯނި އެވަގުތު އޮތީ ލ. ގަމު "ވަޑިނޮޅު" ކައިރީ އެންދަމަން ދިއްލައިގެންނެވެ. އެތަނުގައި ތިއްބާ ހަތިޔާރާއި އެކު 30 ވަރަކަށް މީހުން ދޯންޏަށް އަރައި، އެ ދޯނި އެމީހުންގެ ބެލުމުގެ ދަށަށް ގެންގޮސް ލ.ގަމަށް ގެންދިއުމަށް އެންގިކަމަށް ދޯނީގައި ތިބި މީހުންނާއި ހަވާލާދީ އެ ނޫހުން ވަނީ ބުނެފައެވެ. އަދި އެވަގުތުގެ ތެރޭގައި ބައްތި ފޯނަކުން ސ.މީދޫ ފުލުހުންނަށް ގުޅައި، އެކަން އެންގުމުން ދޯނި ގަމަށް ކައިރި ކުރި އިރު ފުލުހުންގެ ވެހިކަލެއް އޮތްކަމަށް ވަނީ ބުނެފައެވެ.

"އެމީހުން ދޯނީގައި ތިބި މީހުންގެ ނަން ނޯޓުކޮށް ފޮނުވާލައިފި، އަދި ދޯނީގައި ތިބި ވަޅި، ކަތިވަޅި ފަދަ ތަކެތި ނަގައިގެން ގޮސްފި"، ދޯނީގައި ހުރި މީހަކު ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން އެ ދޯނީގެ ވެރިފަރާތުން ވަގުތު ނޫހަށް މައުލޫމާތުދެމުން ބުނީ މީގެ ދެއަހަރު ކުރިން އެދޯނި ހަތް މިލިއަން ރުފިޔާ އަށް ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޖާބިރުގެ ކުންފުންޏަކަށް ވިއްކާލި ކަމަށާއި ނަމަވެސް އެ ފަރާތުން ދެއްކީ އެންމެ ހަތް ލައްކަ ރުފިޔާކަމަށެވެ. އެއަށްފަހު ދޯނި ހަވާލު ކުރަން އެތައް ފަހަރަކު އެދުމުން ވެސް ދޯނި ހަވާލު ނުކުރިކަމަށް ވަނީ ބުނެފައެވެ.

"އެހެންވެ ދޯނީގެ ވެރިފަރާތް ނިސްބަތްވާ އަތޮޅަށް ދޯނި ވަނުމުން ދޯންޏަށް އަރައި ސުލްހަވެރިކަމާއި އެކު ދޯންޏާއި ހަވާލުވީ. އެއްވެސް ހަމަނުޖެހުމެއް ނުހިނގާ. ދޯންޏަށް އެރި މީހުންގެ އަތުގައި އެއްވެސް ކަހަލަ ހަތިޔާރެއް ނުހުންނާނެ." ދޯނީގެ ވެރިފަރާތުން "ވަގުތު" އަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ. އަދި އެ ދޯންޏަށް އަރާފައި ވަނީވެސް އެމައުލޫމާތު ފުލުހުންނާއި ކައްދޫގައި ތިބޭ ސިފައިންނަށް ދިނުމަށް ފަހުގައިކަމަށް ވަނީ ބުނެފައެވެ.

ނަމަވެސް މިކަމާއި ގުޅިގެން މީޑިއާތަކުން ކުރި ސުވާލުތަކަށް ޖަވާބުދެމުން ފުލުހުން ބުނީ ދޯންޏަށް ގެންދިޔަ ކަމަށް ބެލެވޭ ތޫނު އެއްޗެހިތަކެއް ދޯނިތެރޭ ހުރުމުން އެތަކެތި މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

އަދި މިއީ އެއްބަސްވުމެއްގެ ދަށުން ގަނެފައިވާ ދޯންޏެއް ކަމަށާއި، ދޯންޏަށް ވެފައިވާ އެއްބަސްވުމަށް އަމަލުކޮށްފައިނުވާތީ ދޯނީގެ ވެރިފަރާތުން ހިންގި އަމަލެއްކަމަށް ވަނީ ބުނެފައެވެ. ފުލުހުން އިތުރަށް ބުނީ މިމައްސަލަ ތަހްގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

މީގެ އިތުރުން ފުލުހުން ވަނީ މީހުން ހައްޔަރުކޮށްފައި ނުވަނީ އެވަގުތާއި ހަމައަށް ފުލުހުންނަށް ލިބިފައިވާ މައުލޫމާތުގެ މައްޗަށް ރިއާޔަތްކޮށްކަމަށް ބުނެފައެވެ. އަދި ދޯންޏަށް އަރަން ދިއުމުގެ ކުރިން އެ މައުލޫމާތު ފުލުހުންނާއި ހިއްސާކޮށްފައި ނުވާކަމަށާއި، މިކަމުގެ މައުލޫމާތު ފުލުހުންނަށް ދިނީ އެމްއެންޑީއެފްއިން ކަމަށްވެސް ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ގިނަ ފަރާތްތަކުން ދަނީ މި މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތާއި މެދު ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރަމުންނެވެ. އެގޮތުން މިއީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައިވެސް ބައެއް ފަރާތްތަކުން ދަނީ ސިފަކުރަމުންނެވެ.

Advertisement

ކޮމެންޓް