އެންމެ ވަރުގަދަ ޝަޚްޞިއްޔަތު!

27 Oct 2020 | 12:51

މަލާމާތާއި، ފުރައްސާރައާއި ތުޙުމަތުގެ ދޫތަކުން އެބޭކަލެއްގެ އުޖާލާކަން ފަނޑުނުކުރެވުނު އެންމެ ވަރުގަދަ އެއް ޝަޚްޞިއްޔަތަކީ އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދުން صلى الله عليه وسـلم އެވެ. ހުރިހާ ޒަމާނެއްގައިވެސް ކާފަރުންގެ ދޫތަކުން ކެނޑިނޭޅި އެމާތް ޚުލްޤުގެ ޞަފްޙާތަކަށް ކުޅުޖަހަން މަސައްކަތް ކުރަމުން ދެއެވެ. އެ ނަމޫނާގެ ފަތްފުށްތަކަށް ދޮގާއި މަކަރުގެ އިލްޒާމްތަކުގެ ނަޖިސްއެޅުމަށް މަސައްކަތްކުރަމުން ދެއެވެ. އެހެންނަމަވެސް އެބޭކަލެއްގެ ތާރީޚް މުޅިދުނިޔޭގެ ތާރީޚްގައިވެސް އެންމެ ފުރިހަމައަށް ރައްކާކުރެވުނު އެމާތް ނަބިއްޔާއަކީ ދުނިޔޭގެ އެންމެ ގިނަ ބަޔަކު އެފަރާތަކަށް ލޯބިވެސްކުރާ ފަރާތެވެ. ދުނިޔެއަށް ފޮނުވުނު އެންމެހާ މަޚްލޫޤުތަކުންގެ މައްޗަށް އެކަލޭގެފާނު ޚާއްސަވެ، މާތްކުރެވިފައިވަނީ އިލާހީ ނިޔާގެ ދަށުންނެވެ.

އެކަލޭގެފާނު ވިދާޅުވާ ބަސްފުޅުތަކަކީވެސް އިއްވެވޭ ވަޙީއެއް ކަމުގައި ޤުރުއާނުގައި ބަޔާން ކުރެވުނު. ހަމައެހެންމެ އެކަލޭގެފާނު ފޮނުއްވުނީ ނަބީކަމާއި ރަސޫލުކަމުގެ ސިލްސިލާ ނިންމެވި އެންމެ ފަހުގެ ނަބިއްޔާކަމުގެ ސިއްކަ ޖެހެވިގެންނެވެ. ނަބީކަން ޚަތިމް ކުރެއްވި ބޭކަލެއްގެ ގޮތުގައި. ހުރިހާ ޝަރަފަކާއި ޢިއްޒަތެއް އެކަލޭގެފާނަށް ވަނީ ﷲތަޢާލާގެ ހަޟްރަތުން ލިބިލައްވާފައިވެއެވެ.

ޝައްކެއްނެތްގޮތުގައި އިންސާނީ ޙަޔާތަށް ބޭނުންވާނޭ ހުރިހާ އަސާސެއް އެކަލޭގެފާނުވަނީ މިއުންމަތަށް ފޯރުކޮށްދެއްވާއި، ބަޔާންކޮށްދެއްވާފައިއެވެ. އެކަލޭގެފާނުގެ ޢަމަލީ ޙަޔާތުން ތަމްސީލްކޮށްދެއްވާފައެވެ. އެކަމުގެ މައްޗަށް މުޅި އިސްލާމީ އުންމަތްވަނީ ހެކިވެފައެވެ. އަދި ކިއެއްތަ! މުޅި އިންސާނިއްޔަތުވެސްމެއެވެ. އެހެންކަމުން އެކަލޭގެފާނުގެ ދިރިއުޅުއްވުމުން އިންސާނާގެ ދިރިއުޅުން ކާމިޔާބު ކުރަން ބޭނުންވާނެ ހުރިހާ ރަހައަކާއި ކުލައެއް ލިބިގެންދާނެކަމީ އިޤްރާރުވެފައިވައި އަސްލެވެ.

އިންސާނާ އޭނާގެ ދުނިޔެއާއި އާޚިރަތް ކާމިޔާބު ކުރުމަށް ދެނެގަންނަންޖެހޭ އެންމެ އަސާސީ އެއްބިންގަލަކީ ކާއިނާތުގައި ވެރި އިލާހެއްވާކަމެވެ. ﷲގެ ރަސޫލާ صلى الله عليه وسـلم ވަނީ ހުރިހާ ޚަލްޤުތަކެއްގެ ވެރި ﷲ تبارك وتعالى އެއްކައުވަންތަކުރާނެ ތައުޙީދުގެ ބިންގާތައް ނުހަނު ސީދާކޮށް އަޅުއްވައިދެއްވާފައެވެ. އަޅާއާއި ރައްބާއި ދެމެދުގައި އޮންނަންޖެހޭ ރޫޙާނީ ގުޅުން ބަޔާންކޮށްދެއްވާފައެވެ.

ވަޙީ ފޯރުކޮށްދިނުމުގެ ބުރަ އެކަލޭގެފާނާއި ހަވާލުކުރެވުނު ހިނދު ހަތް އުޑުގެ މަތިން އިއްވޭ އިލާހީ ބަސްފުޅުތައް މީސްތަކުންނަށް ފޯރުކޮށްދިނުމުގައި ފަރުވާތެރިވެލެއްވެވިއެވެ. ޙިކުމަތާއި މަޑުމައިތިރިކަން އިސްކުރެއްވެވިއެވެ. ކެތްތެރިކަމާއިއެކު އަނިޔާތަކާއި މަލާމާތްތަކުގެ ކުރިމަތީގައި ޘާބިތުވެވަޑައިގެންނެވިއެވެ. ނަމާދާއި، ޒަކާތާއި، ރޯދަފަދަ އަޅުކަންތައް އަދާކުރާނެ އެންމެ ފުރިހަމަގޮތް އުންމަތަށް އުނގަންނައިދެއްވެވިއެވެ. ސުވަރުގެ އިންސާނާގެ މައްޗައް ޙަރާމްވެގެންދާ އެންމެ ބޮޑު ފާފަ ކަމުގައިވާ ޝިރުކާއި އޭގެ ހުރިހާ ވައްތަރުތައް ބަޔާންކޮށްދެއްވެވިއެވެ. މަރާއި އޭގެ ހަޤީގަތްތަކާއި ކަށްވަޅުގެ ބިރުވެރިކަން މީސްތަކުންނަށް ހާމަކޮށްދެއްވަވާ އެކަމާއި ކީރިތި ކުރައްވާ އުޅުއްވެވިއެވެ. ސުވަރުގޭގެ ނިޢުމަތްތަކުން ހިތްތައް އެދުންވެރި ކުރުއްވަވާ ނަރަކައިގެ ގަދަފަދަ އަޒާބުގެ ޚަބަރުން މީސްތަކުންނަށް ބިރުވެރިކަމުގެ ޚަބަރު ދެއްވެވި. ޤިޔާމަތުގެ ވާހަކަތަކުން ޤައިބުގެ މައްޗަށް އިންސާނާގެ އަޤީދާ ސީދާ ކުރެއްވެވިއެވެ.

މިނޫނަސް އެކަލޭގެފާނުގެ ނަމޫނާ ވަނީ އިންސާނީ ނަސްލުގެ މައްޗަށް ހުރިހާ ދާއިރާއެއްގައި ކުރިހޯއްދަވައިފައެވެ. ނުބަޔާއި ރަނގަޅު ވަކިކޮށް އޭގެ އިމާއި މިން ކަނޑައެޅުއްވެވިއެވެ. އިންސާނީ ތާރީޚް ދުއް އެންމެ ހެޔޮ މުޖުތަމަޢު ތަރުބިއްޔަތު ކުރެއްވެވީ އެކަލޭގެފާނުގެ ފުރިހަމަ ބެއްލެވުމުގެ ދަށުންނެވެ. ސަޙާބީ ބޭކަލުން އެބޭކަލުންގެ ފުރާނަފުޅަށްވުރެ ބޮޑަށް އެކަލޭގެފާނު ދެކެ ލޯބިވެ ވަޑައިގެންނެވިއެވެ.

އެހެނީ އެކަލޭގެފާނަކީ އެބޭކަލުންނާއިއެކު މަޖްލިސް ކުރައްވާ އުޅުއްވެވި މުޅި އުންމަތުގެ ވެރިއެއްމެއެވެ. އެބޭކަލުންނަށް ދިމާވާ ކޮންމެ ހިތާމައެއްގައި އެކަލޭގެފާނު ޢަމަލީ ގޮތުން ބައިވެރިވެލެއްވެވިއެވެ. ތަސައްލީ ދެއްވަވާ ހިތްވަރުދެއްވެވިއެވެ. އެބޭކަލުންނަށް ފާފައެއް ކުރެވިއްޖެނަމަ ﷲގެ ހަޟްރަތުގައި އެފާފަ ފުއްސެވުމަށްއެދި ދުޢާ ކުރައްވަވައެވެ. ގޯސްކޮށް ކުރެވޭ ކަންކަން އިސްލާޙު ކޮށްދެއްވަވައެވެ. ޙުނައިނު ހަނގުރާމައަށް ވަޑައިގެންނެވި ދުވަހު ބަރަކާތް ހޯދުމަށް ގަހެއް ކަނޑައަޅައިދެއްވުމަށް އަލަށް އިސްލާމްވި ސަޙާބީ ބޭކަލުން އެދިލެއްވި އެދިލެއްވުމަކީ ކުފުރެއްކަން ބަޔާންކޮށްދެއްވެވިއެވެ. ހަނގުރާމަތަކުގައި ޝަހީދުވާ މީސްތަކުންގެ ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެއްވެވިއެވެ. ބަލިމީހުނަށް ޒިޔާރަތްކޮށް ޖަނާޒާގައި ބައިވެރިވެ ވަޑައިގެން މައްޔިތާއަށް ހެޔޮ ދުޢާ ކުރެއްވެވިއެވެ. ދުވަހަކުވެސް ޒާތީގޮތުން ނުވަތަ ބަދަލު ހިފުމުގެ ރޫޙެއްގައި އަމަލުކުރައްވާފައެއްނުވޭމެއެވެ. މުޅި ދުނިޔެދުއް އެންމެ ބޮޑު މާފު، އާދެ މައްކާ ފަތަޙަ ކުރެއްވި ދުވަހު އެކަލޭގެފާނުވަނީ މައްކާގެ މުޝްރިކުންނަށް ދެއްވަވާފައެވެ.

އެކަލޭގެފާނަކީ އެކަލޭގެފާނަށް މަޝްވަރާއެރުވުމަށް ސަޙާބީންގެ ފަރާތުން ގިނަގިނައިން އެދިލައްވާ އުޅުއްވި ބޭކަލެއްކެވެ. ޚަންދަގު ހަނގުރާމައިގައި ދިފާޢީ ބޮޑު ވަޅުގަނޑެއް ކޮންނެވީވެސް ސަލްމާނުލްފާރިސީގެ މަޝްވަރާއަކަށެވެ. އެކަލޭގެފާނަކީ ހަނގުރާމައިގެ ޤާއިދެއް، ސަފުތައް ތަރުތީބުކޮށް ޢަމަލީގޮތުން ޖިހާދު ކުރެއްވުމުގައި ބައިވެރިވެލެއްވެވިއެވެ. ޢަދާވާއްތެރިން ޤަތުލުކުރެއްވެވުމުގެ ކުރިން އިސްލާމްދީނުގެ ދައުވަތު ދެއްވާވައެވެ. ހަނގުރާމައިގެ ބަދަލުގައި ސުލްޙައިގެ މަގަށް ލޯބިކުރައްވައެވެ. ﷲގެ ހައްދުތަކާއި ޝަރީއަތަށްޓަކައި ކަނޑިވެސް އުފުއްލަވާ، ކަމާ ނުބެހޭ މީހުން މެރުން ހަނގުރާމައިގައި މަނާކުރެއްވެވިއެވެ. އަންހެނުންނާއި ކުޑަކުދިން ޤަތުލު ނުކުރެއްވުމަށް އަމުރުކުރެއްވެވިއެވެ. ގަސްގަހާ ގެއްސާއި ޖަނަވާރުތަކަށް ގެއްލުން ދިނުން ނަޙީ ކުރެއްވެވިއެވެ. ﷲގެ ހައްޤުތައް ރައްކާތެރިކުރުމަށް މަސްލަޙަތެއްގެ ގޮތުގައި މުޝްރިކުން އަޅުކަންކުރާ ތަންތަނަށް ހަމަލާދިނުމުން ދުރުވެ ތިބުމަށް އަމުރު ކުރެއްވެވިއެވެ. މިނޫނަސް ދޫނި ސޫފާ ސޫއްޕާއި ޖަނަވާރަށް ގެއްލުން ދިނުމާއި އަނިޔާކުރުން ނަހީކުރެއްވެވިއެވެ. ހުދު އެތަކެއްޗަށްވެސް އިޙްސާންތެރިވެލައްވާ މީސްތަކުންނަށްވެސް ދިރޭ ތަކެއްޗަށް އިޙްސާންތެރިވުމަށް އަމުރުކުރެއްވެވިއެވެ. ކަރުހިއްކައިގެންފައިވައި ކުއްތާއަކަށް ފެންދިނުމުގެ ފަޟްލުވެސް ބަޔާންކޮށްދެއްވެވިއެވެ. ކާންނުދީ ބުޅަލެއްގެންގުޅި އެމަރާލި އަންހެނާގެ މައްޗަށްހުރި އަޒާބުވެސް ބަޔާންކޮށްދެއްވެވިއެވެ.

އެކަލޭގެފާނުގެ ހަޔާތްޕުޅުން ބަލާލި ކޮންމެ ދިމާލަންވެސް ފެންނަނީ އެކަލޭގެފާނުގެ މާތް ޚުލްޤުފުޅެވެ. ރިވެތި ނަމޫނާތަކެވެ. އެގޮތުން މަގުތަކުގެ ހައްޤުތައް މަގުތަކަށް ދިނުމަށާއި އެމަގުތަކުގައިވާ މީސްތަކުންނަށްވާ އުދަނގޫތައް އެއްފަރާތް ކުރުމަށް އިރުޝާދުދެއްވެވިއެވެ. އެއްދުވަހެއްގައި އެކަލޭގެފާނަށް ޢާއްމުގޮތެއްގައި ޚިދުމަތްކުރައްވާ އުޅުނު ޔަހޫދީންގެ ކުޑަކުއްޖެއްގެ ޚަބަރު ނުވުމުން އޭނާޔާވެސް ޒިޔާރަތްކުރެއްވެވިއެވެ. ބަނޑުހައިހޫނު ކަންމަތީ ހުންނަވާ އަވަށްޓެރިންނާއި މެހެމާނުންނަށް އިސްކަންދެއްވަވައެވެ. މުސްކުޅިވެ ދުވަސްވެފައިވާ މީހުންގެ މަސައްކަތްތައް އެކަލޭގެފާނުގެ އަމިއްލަ އަތްޕުޅުން ކޮށްދެއްވަވައެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލައްވާ ހޭހަންކުރެއްވެވިއެވެ. އަލަށް އިސްލާމްވާ މީހާއަށް ދީނީ އަދި މާއްދީގޮތުން އެހީތެރިކަން ފޯރުކޮށްދެއްވަވައެވެ. ސަޙާބީންނާއިއެކު ސަމާސާކުރައްވާ ހިނިވަރުނަ ކުރައްވަވައެވެ. އެބޭކަލުން ކުޅުއްވާ ބައެއް ކުޅިވަރުތައް ބައްލަވާ ހެޔޮ ސިއްޙަތާއި ދުޅަހެޔޮކަމުގެ މައްޗަށް ބާރުއަޅުއްވަވައެވެ. ނިޔަފަތި ކެނޑުއްވުމާއި ދަތް ސާފުކުރެއްވުމާއި ފުނާ އެޅުއްވުމާއި އަދި މިނޫނަސް ސާފުތާހިރުވުމުގެ މައްޗަށް ނުހަނު ބޮޑަށް އަމުރުކުރައްވާ އެކަލޭގެފާނުގެ އަމަލީ ޙަޔާތުން އެކަން ދައްކަވާ ދެއްވެވިއެވެ. އަދި އަމަލީގޮތުން ބަކަރި ހުއިހެއްޕެވި އެމާތް ނަބިއްޔާ ވިޔަފާރީގެ ތެރެއިން ހުއްދަކުރެވިގެންވާ ކަންކަމާއި މަނާކުރެވިގެންވާ ކަންކަން އުއްމަތަށް ދަސްކޮށްދެއްވެވި.އެވެ. ކާއިނާތުގެ ވެރި ރައްބުގެ ޙުދޫދުތައް މުޢާމަލާތުގެ ހުރިހާ ކަމެއްގައިވެސް ހިފެހެއްޓުމަށް އިރުޝާދުދެއްވެވިއެވެ.

އެކަލޭގެފާނުގެ ޢާއިލީ ދިރިއުޅުއްވުމަކީވެސް ކާމިޔާބު ޙަޔާތަކަށް ބޭނުންވާނޭ ހުރިހާ އުޞޫލުތަކެއް އޭގައި އެކުލެވިގެންވާ ނަމޫނާއެއް. އަނބިއަނބި ކަނބަލުންނަށް ނަޞޭޙަތް ދެއްވަވާ ޢިލްމު އުނގަންނަވައިދެއްވެވިއެވެ. ކަންކަމުގައި އެކަނބަލުންނާއި މަޝްވަރާކުރައްވަވާ، އެކަނބަލުންގެ ރަޢުޔު ހޯއްދެއްވެވި. ޙައްޤުތައް ދިނުމުގައި ޢަދުލުވެރި ވެވަޑައިގެންނެވިއެވެ. ދުވަހަކުވެސް ކާތަކެއްޗަށް ފާޑުވިދާޅުވެ ނުލައްވައެވެ. ކާނެ އެއްޗެއް ގޭގައި ނެތްނަމަ ހުންނަވަނީ ރޯދަޔަށެވެ. ގޭތެރޭގެ މަސައްކަތުގައި ބައިވެރިވެލައްވާ، އަނބިއަނބި ކަނބަލުންނަށް އެހީތެރިވެދެއްވާ އުޅުއްވެވިއެވެ. ކާފަ ދަރިކަލުން ކަމުގައިވާ ޙަސަންގެފާނާއި ޙުސެއިންގެފާނު ގެންގުޅުއްވެވިއެވެ. އަދި ކުޑަކުދިންނާއިއެކު ވަގުތު ހޭދަކުރެއްވެވިއެވެ. އެކަލޭގެފާނުގެ ލޮބުވެތި ދަރިކަނބަލުން ފާތިމަތުގެފާނާއިއެކު އެކަމަނާގެ އުފަލާއި ހިތާމަތަކުގައި ޝާމިލުވެލައްވާ އެކަމަނާއަށް އެކަމަނާގެ ޙަޔާތުގެ މައްސަލަތަކުގައި އިރުޝާދު ދެއްވެވިއެވެ. ފާތިމަތުގެފާނާއި ޢަލީގެފާނާއި މެދުގައި އުފެދޭ ނުތަނަވަސްކަން ޙައްލުކޮށްދެއްވެވިއެވެ. ދުވަހަކުވެސް އަޙްލުންގެ ތެރެއިން އެއްވެސް ބޭކަނބަލެއްގެ ގައިގައި ޖައްސަވާފައެއްނުވެއެވެ. މިފަދަ ނަމޫނާއެއް ދުނިޔޭގެ އުދަރެހުން ފާޅުވެފައިވާއިރު އެކަލޭގެފާނު މައްޗަށް އަދާކޮށްދެން ޖެހޭ ޙައްޤުތައް އަޅުގަނޑުމެންނަށް އަދާކުރެވޭބާ؟

އެކަލޭގެފާނުގެ ސާފު ޢަމަލުފުޅުތަކުން ދެން އަޅުގަނޑުމެންނަށް ފެންނަނީ ޙައްޤަށް ލޯބުކުރައްވާ މިންވަރެވެ. ޔަތީމުންނާއި ފަޤީރުންނަށް ލިބިގެންވާ އެބައިމީހުންގެ ޙައްޤުތައް މުއްސަދިންގެ މުދަލުން އެބައިމީހުނަށް ދެއްވެވިއެވެ. ޙައްދު ކަނޑައެޅިފައިވާ ކުށެއް ޡާބިތުވެއްޖެނަމަ އޭގެ ޙައްދު ޤާއިމްކުރެއްވެވިއެވެ. ޒިނޭކުރިކަމަށް އިޢުތިރާފްވި އަންހެނާ ރަޖަމްކުރެއްވެވިއެވެ. އެއަންހެނާގެ ލެއަށް ބަދުބަސްބުނި ސަޙާބީންނަށް އެއަންހެނާގެ ތަޢުބާގެ މާތްކަން ހަނދާންކޮށްދެއްވެވިއެވެ. ޤިޞާސް ހިފޭ މީހާގެ މައްޗަށްވެސް އޯގާތެރިވެލެއްވިއެވެ. އެހެންނަމަވެސް ﷲގެ ޝަރީއަތް ޤާއިމްކުރުމުގައި ﷲގެ ފޮތަށް ޙުކުމް ކުރެއްވެވިއެވެ. އެކަލޭގެފާނު އެންމެ ލޯބިފުޅުވާ ދަރިކަނބަލުން ފާތިމަތުގެފާނު ވައްކަން ކުރެއްވި ކަމުގައި ވީނަމަވެސް އެކަމަނާގެ އަތްޕުޅުވެސް ކަނޑުއްވާނެކަން އިޢުލާން ކުރެއްވިއެވެ. ޙައްޤާއި އަދުލަށް އިންޞާފުކުރެއްވެވިއެވެ.

އާދެ މިއީ އެނަބީއެއްގެ ނަބީކަމަށް، އެރަސޫލެއްގެ ރަސޫލުކަމަށް އަޅުގަނޑުމެން ހެކިވެގެންތިބި މުޙައްމަދުން صلى الله عليه وسـلم ގެ ހަޔާތުގެ ކުރު ޚުލާސާއެކެވެ. އެނަބިއްޔާގެ މުއްސަދި ސިޔަރަތުން ހޮވާލެވުނު މަދު މަޢުލޫމާތުކޮޅެކެވެ. ޣައިރު މުސްލިމުންވެސް އެބޭކަލެއްގެ ނަމޫނާގެ މައްޗަށް ހެކިވެފަވާ އަޅުގަނޑުމެންގެ ފުރާނައަށްވުރެވެސް އެބޭކަލެއްދެކެ ލޯބިވާންޖެހޭ ބޭކަލެއްގެ ވާހަކައެވެ. ސަޙާބީ ބޭކަލުން އެކަލޭގެފާނުގެ ދިފާޢުގައި އެބޭކަލުންގެ މޭފުޅުތައް ލޮންސިތަކާއި ތީރުތަކުގެ ކުރިމަތީގައި ކުރިމަތިކުރެއްވި ބޭކަލެއްގެ ވާހަކައެވެ. އެ ޝަޚްޞިއްޔަތުގެ ދިފާޢުގައި އަޅުގަނޑުމެންނަށް ކުރެވުނީ ކޮންކަމެއްތޯ އަމިއްލަ ނަފްސާއި ސުވާލުކުރަން އެބަޖެހެއެވެ. މިއަދު އަޅުގަނޑުމެންނަށް އެކަލޭގެފާނުގެ ސުންނަތަކީ އަގެއްނެތް އެއްޗެއްގެ ގޮތުގައި ބެލެވިފައިވިޔަސް އެކަލޭގެފާނަކީ އަޅުގަނޑުމެންދެކެ އިންތިހާއަށް ލޯބިވެވަޑައިގަންނަވާ އަދި ހޫނުކަން ގަދަވެގެންވާ ޤިޔާމަތްދުވަހު އުއްމަތުގެ މައްޗަށް ޝަފާޢަށްތެރިވެލައްވާނޭ މާތް ސާހިބާއެވެ. ކޮންމެ މީހަކު ނަފްސީ ނަފްސީ ގޮވަމުންދާ އެ ޤިޔާމަތް ދުވަހު އެކަލޭގެފާނު އިސްކުރައްވާނީ އެކަލޭގެފާނުގެ އުންމަތެވެ. އާދެ އަޅުގަނޑުމެންގެ މިއުންމަތެވެ.

ރިވެތިވެގެންވާ ދިރުއުޅުމެއް އެކަލޭގެފާނު ދައްކަވާފައިވާއިރު އެއަށް އަޅުގަނޑުމެންގެ ދިރިއުޅުން ޢަމާޒު ނުކުރެވެނީ ކީއްވެގެންތޯ އިއަދު އަޅުގަނޑުމެން ސުވާލުކުރަން އެބަޖެހެއެވެ. ކާމިޔާބު ވާނޭ ހުރިހާ ސިފަތަކާއި ގޮތްތަކެއް ބަޔާންކޮށްދެއްވާފައިވާ އިރު ޣައިރު މުސްލިމުންގެ ގޮތްތަކާއި އުޅުންތައް އަޅުގަނޑުމެންނަށް ކަމުދިއުމަކީ ހައިރާންވާންޖެހޭ ކަމެކެވެ. އެކަލޭގެފާނު މިއަދު ވަނީ އަވަހާރަވެފައެވެ، ފަސްގަނޑުގެ ދަށުގައި ވަޅުލެވިފައެވެ. ދުނިޔެ ދޫކޮށް ﷲތަޢާލާގެ ދާއިމީ ރަޙްމަތަށް ދަތުރުކުރެއްވި އިރު މިލްކުގައި އެއްވެސް އެއްޗެއް ދޫކުރައްވާފައެއްނުވެއެވެ. ހަމައެހެންމެ ދުނިޔެއާއި އާޚިރަތް ބާއްޖަވެރި ކުރުމަށް ބޭނުންވާނެ އެއްވެސް ކަމެއް ބަޔާންނުކޮށް ދޫކޮށްލާފައެއްވެސް ނުވެއެވެ. އެތައް ސަތޭކަ އަހަރައް ކުރިން އެކަލޭގެފާނު ބުނެދެއްވި ފިލާވަޅުތައް މިއަދުގެ އިރުފަދައިން ފެންނަން އެބަހުއްޓެވެ. ސިޔާސީ ގޮތުން އެކަލޭގެފާނު އެޅުއްވި ހަރުދަނާ ފިޔަވަޅުތަކާއި ނިންމުންތައް ނިންމެވީ އިންސާނުންގެ މަސްލަހަތަށް އެންމެ ރަނގަޅުގޮތަކީ އެގޮތްކަމުގަ ޔަޤީންކުރައްވައިގެންނެވެ. އިޤްތިޞާދީ ބިނާތައް ފަރުމާކުރެއްވީ ދޭދޭ މީހުންގެ ޙައްޤުތައް ރައްކާތެރިވާނޭ ގޮތަކަށެވެ. ޢިޖުތިމާއީ ފޭރާން ބައްޓަންކުރެއްވެވީ ރީތި ހުރިހާ އާދަތަކުގެ ކުލަތައް އޭގައި ޖައްސަވާ މުޑުދާރު ނުބައި ހުރިހާ އާދަތަކުން އެފޭރާން ސަލާމަތްވާނޭ ގޮތަށެވެ.

ވީއިރު ދަޢުލަތެއް ނުވަތަ މުޖުތަމަޢެއް ނުވަތަ ރަށެއް ނުވަތަ ޢާއިލާއެއް ނުވަތަ ފަރުދެއްގެ އަމިއްލަ ނަފްސުވިޔަސް ﷲގެ ފޮތާއި އެކަލޭގެފާނުގެ މޫރިތި ސުންނަތުގެ މަތީގައި ބިނާކުރުމުގެ ފުރިހަމަ ނަމޫނާވަނީ ޢަމަލީގޮތުން ތަމްޞީލުކޮށް ބަޔާންކޮށްދެއްވާފައެވެ. އެކަލޭގެފާނަށްފަހު އެޝަޚްޞިއްޔަތުގެ ހިޔަލުގައި އަޅުގަނޑުމެންގެ ދިރިއުޅުން އާރާސްތުކޮށް އެކަލޭގެފާނުގެ ސުންނަތް ދިރުވާ ބަޔަކުކަމުގައި އަޅަމެން ލައްވައިފާންދޭވެ.

﴿لَقَدۡ كَانَ لَكُمۡ فِىۡ رَسُوۡلِ اللّٰهِ اُسۡوَةٌ حَسَنَةٌ لِّمَنۡ كَانَ يَرۡجُوا اللّٰهَ وَالۡيَوۡمَ الۡاٰخِرَ وَذَكَرَ اللّٰهَ كَثِيۡرًاؕ‏﴾ [سورة الأحزاب21]

މާނައީ. "ހަމަކަށަވަރުން ﷲގެ ރަސޫލާގައި ތިޔަބައިމީހުނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. އެއީ ﷲއާއި އާޚިރަތް ދުވަހަށް އެދޭމީއަށެވެ. އަދި ﷲގެ މަތިން ގިނަގިނައިން ހަނދުމަ ކުރާ މީހާއަށެވެ."


ލިޔުނީ: ޝެއިހް ހަސަން ފައިސަލް

Advertisement

ކޮމެންޓް

Advertisement