މާރޗުމަހުން ފެށިގެން ޝާހިދު 43 ޤައުމެއްގެ އިސްބޭފުޅުންނާއި ބައްދަލުކުރައްވައިފި

31 Oct 2020 | 12:21

2018ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 17 ދުވަހުގައި ދިވެހިރާއްޖޭގެ ވެރިކަމާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ހަވާލުވި އިރު، ގިނަބަޔެއްގެ ލޯތައް އެންމެ ބޮޑަށް އަމާަޒުވި އެއް ދާއިރާއަކީ ޚާރިޖިއްޔާއެވެ. ސަބަބަކީ، އޭގެ ކުރީ ސަރުކާރުން ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ގެންގުޅެފައިވާ ގޮތުންނެވެ. އާ ސަރުކާރުން ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް ގެންނާނެކަމަށް ގިނަބަޔަކަށް އޮތީ އުންމީދުކުރެވިފައެވެ.

އެ އުންމީދުތައް ހަގީގަތަކަށް ހެދުމަށް ޚާރިޖީ ވަޒީރުކަމުގެ މަގާމާއި ހަވާލުވެ ވަޑައިގެންނެވީ މީގެކުރިންވެސް އެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެއްކަމަށްވާ ޝާހިދެވެ. ޚާރިޖީ ދާއިރާ އަދި ސިޔާސީ ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެންނެވި ބޭފުޅެކެވެ.

މިނިސްޓަރ ޝާހިދު މަގާމާއި ހަވާލުވެ ވަޑައިގަތުމަށްފަހު އަދި ދުވަސްތަކުގައި އިދިކޮޅު ސިޔާސީ ފަރާތްތަކުންނާއި އާންމުން އެންމެ ބޮޑަށް ދައްކަމުންދިޔަ ވާހަކައަކީ އެބޭފުޅާ ގައުމުތަކަށް ދަތުރުކުރައްވާ މިންވަރު ގިނަވުމެވެ. ބައެއް ފަރާތްތަކުން ވަނީ މިއީ ދައުލަތުގެ މާލިއްޔާއިން ކުރާ އިސްރާފެއްގެ ގޮތުގައިވެސް ސިފަކުރައްވާފައެވެ. ނަމަވެސް ސަރުކާރުން ފާހަގަކުރި ގޮތުގައި މި ދަތުރުތަކަކީ ދިވެހިރާއްޖެއާއި އެހެން ގައުމުތަކާއި އަދި ޖަމްއިއްޔާތަކާއި ގުޅުން ބަދަހިކުރުމަށް މުހިންމު ދަތުރުތަކެކެވެ. މިއީ ދިވެހި ގައުމުގެ މޫނުމަތި ރަނގަޅުކުރުމަށް ކުރަންޖެހޭ ދަތުރުތަކެކެވެ.

ކޮންމެ ގޮތެއްވެސް ކޮވިޑް-19އާއި ގުޅިގެން ދުނިޔޭގެ ދަތުރުފަތުރު ކުރުމަށް އައި ހީނަރުކަމާއި، މާލެ ލޮކްޑައުންކުރުމާއި ގުޅިގެން މިނިސްޓަރ ޝާހިދަށް ކުރިއެކޭ އެއްފަދައިން ގައުމުތަކަށް ދަތުރުކޮށް އިސްވެރިންނާއި ބައްދަލުކުރެއްވޭގޮތެއް ނުވާނެއެވެ. ނަމަވެސް، ފޮރިން މިނިސްޓްރީގެ މީސް މީޑިޔާ އެކައުންޓްތަކުން ފެންނަ ގޮތުގައި ލޮކްޑައުންގެ ތެރޭގައިވެސް މިނިސްޓަރ ވަނީ ވާޗުއަލްކޮށް ގިނަ ބައްދަލުވުންތަކެއް ބާއްވަވާފައެވެ.

މިކަމާއި ގުޅޭގޮތުން ވޮއިސްއަށް ފޮރިން މިނިސްޓްރީގެ ފަރާތުން މައުލޫމާތު ދިންގޮތުގައި މިނިސްޓަރ ވަނީ ރެސިޑެންޓް ސަފީރުން ފިޔަވައި 43 ގައުމުގެ އެކި ފަންތީގެ މަންދޫބުންނާއި ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން އެބޭފުޅާ ވަނީ ދިވެހިރާއްޖޭގެ ތަރައްގީއަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ވޯލްޑް ބޭންކް، އޭޑީބީ، އަބޫ ދާބީ ފަންޑް، އީޔޫ އަދި ސާކް ފަދަ ޖަމާއަތްތަކުގެ އޮފިޝަލުންނާއިވެސް ބައްދަލުކުރައްވާފައެވެ.

މީގެ ތެރެއިން 40 ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައިވަނީ ފޯން ކޯލް ނުވަތަ ވީޑިޔޯ ކޯލްތައް މެދުވެރިކޮށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިނިސްޓަރ ޝާހިދު ވަނީ ލޮކްޑައުންގެ ތެރޭގައި ވާޗުއަލްގޮތެއްގައި އދ.، އޯއައިސީ، ކްލައިމެޓް ވަލްނަރެބިލިޓީ ފޯރަމް އަދި ކޮމަންވެލްތު ފަދަ ޖަމާއަތްތަކުގެ އިސްވެރިންގެ އެކި އެކި ބައްދަލުވުންތަކުގައި ރާއްޖެ ތަމްސީލްކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި ކޮވިޑް-19ގެ ބަލިމަޑުކަމުން ދިވެހިރާއްޖެއާއި މުޅި ދުނިޔެ އަރައިގަތުމަށް ބޭނުންވާނެ ކަންކަމާއި، ބައިނަލްއަގްވާމީ އެހެނިހެން މުހިންމު މައްސަލަތަކުގައި އެބޭފުޅާ ވަކާލާތު ކުރައްވާފައި ވާނެކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ. މީގެ އިތުރުން، ޝާހިދު ވަނީ ޚާއްސަ މުނާަސަބާތަކާއި ގުޅޭގޮތުން ބޭއްވުނު ރިސެޕްޝަންތަކުގައި ގައުމުތަކުގެ ބަސްތަކުންވެސް ވާހަކަ ދައްކަވާފައެވެ.

ފޮރިން މިނިސްޓްރީން އިތުރަށް ބުނީ 2018ވަނަ އަހަރު މަގާމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން މިނިސްޓަރ ޝާހިދު 100 އަށްވުރެ ގިނަ ގައުމުތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވާފައިވާނެކަމަށެވެ. އަދި މިއީ ދިވެހިރާއްޖެއާއި އެހެން ގައުމުތަކުގެ ގުޅުންތައް ބަދަހިކޮށް، ދިވެހި ރައްޔިތުންނަށް ގިނަ ގުނަ ފައިދާތަކެއް ލިއްބައިދޭ ބައްދަލުވުންތަކެއްކަމަށް އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

Advertisement

ކޮމެންޓް