މައިކް ޕޮމްޕެއޯ ދިވެހިރާއްޖެއަށް މިއަދު ވަޑައިގަންނަވާނެ

28 Oct 2020 | 11:21

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ދިވެހިރާއްޖެއަށް ވަޑައިގަންނަވާނެއެވެ.

ސެކްރެޓަރީ ޕޮމްޕެއޯ ދިވެހިރާއްޖެއަށް ވަޑައިގަންނަވަނީ ދެކުނު އޭޝިޔާގެ ބައެއް ގައުމުތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. އެގޮތުން ރޭގެ ވަގުތެއްގައި އެމަނިކުފާނު ވަނީ އަވައްޓެރި ސްރީލަންކާއަށް ވަޑައިގަންނަވާފައެވެ.

ޕޮމްޕެއޯގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައި، މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދުއާއެކު ރަސްމީ މަޝްވަރާތައް ބާއްވަވާނެއެވެ. މި މަޝްވަރާތަކުގައި ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުންނާއި، ކުރިމަގުގައި ދެޤައުމުގެ މެދުގައި ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން ދެބޭފުޅުން ވާހަކަފުޅު ދައްކަވާނެއެވެ.

މި ދަތުރުފުޅުގެ ތެރެއިން ދެގައުމުގެ ގުޅުމާއި ބެހޭ މުހިންމު ކަމެއް އިއުލާން ކުރެވިގެންދާނެކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާރޓްމެންޓުން މީގެކުރިން ވަނީ ބުނެފައެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯގެ މި ދަތުރުފުޅަކީ 1992 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު އެމެރިކާގެ އޭރުގެ ޚާރިޖީ ވަޒީރު ޖޭމްސް އެޑިސަން ބޭކަރ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އެމެރިކާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކުރައްވާ އެންމެ މަތީ ފަންތީގެ ދަތުރުފުޅެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސެކްރެޓަރީ ޕޮމްޕެއޯގެ ދައުވަތަކަށް މިނިސްޓަރ ޝާހިދު ވަނީ 2019 ފެބްރުއަރީ 19 ވަނަ ދުވަހު އެމެރިކާގެ ވެރިރަށް ވޮޝިންޓަންއަށް ވަޑައިގެން ސެކްރެޓަރީ ޕޮމްޕެއޯ އާ ބައްދަލުކުރައްވާފައެވެ.

މި ދަތުރުފުޅާއި ގުޅޭ އެންމެ ފަހުގެ ޚަބަރުތައް "ވޮއިސް"ގެ ކިޔުންތެރިންނަށް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

ކޮމެންޓް