ކްލަބުގެ 10،000ވަނަ ގޯލާއެކު ލިވަޕޫލްއަށް ފަސޭހަ މޮޅެއް

28 Oct 2020 | 05:13

ޗެންޕިއަންސް ލީގުގެ ގްރޫޕް ޑީގައި ލިވަޕޫލް އަދި މިޓިލަންޑް ވާދަކުރި މެޗް 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ގްރޫޕުގެ އެއްވަނައިގަ ލިވަޕޫލް ހަމަޖެހިލައިފިއެވެ.

ފުރަތަމަ އެގާރައަށް ބަދަލުތަކެއް ގެނެސްގެން ކުޅުނު ލިވަޕޫލް މެޗުގެ ލީޑް ނެގީ 55 ވަނަ މިނެޓުގައި ޖޮޓާ ޖަހައިދިން ގޯލާއެކީއެވެ. ނިމިދިޔަ ސީޒަނުގައި ވުލްވްސް ދޫކޮށް މި ސީޒަނަށް ލިވަޕޫލްއާއި ގުޅުނު ޖޮޓާގެ މި ގޯލަކީ ކްލަބުގެ ތާރީހުގައި އެ ކްލަބުން ކާމިޔާބުކުރި 10،000 ވަނަ ގޯލެވެ.

ބަދަލުތަކަކާއެކު ކުޅުން ނަމަވެސް ލިވަޕޫލްގެ ފަރާތުން މި މެޗުގައި މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާއިރު އެޓީމުގެ ދެވަނަ ގޯލަކީ ލިބުނު ޕެނަލްޓީއަކުން ސަލާހް ޖެހި ގޯލެކެވެ.

މެޗުގައި ލިވަޕޫލްއަށް ދިމާވި ހަމައެކަނި ނުތަނަވަސްކަމަކީ ފަބީނިއޯއަށް އަނިޔާވެ ކުޅުމާ ދުރުވާންޖެހުނުކަމެވެ. ސްޓާ ޑިފެންޑަރ ވެން ޑައިކް އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރުގައި ހުންނާނެކަން ޔަގީންވެފައިވާއިރު މަޓިޕް އަށްވެސް ވަނީ އަނިޔާވެފައެވެ.

މި ކުޅުންތެރިން ނެތް ތަން ފޫބެއްދުމަށްޓަކައި ޑިފެންސްއަށް ކުޅެމުން އައި ފަބީނިއޯއަށް ވެފައިވާ އަނިޔާގެ ކުޑަބޮޑުމިން އަދި ސާފެއްނުވެއެވެ.

ރޭ މެންޗެސްޓާ ސިޓީ އަދި މާސޭ ބައްދަލުކުރި މެޗް 3-0 ކުން ފަސޭހަކަމާއެކު ކާމިޔާބުކުރި މެންޗެސްޓާ ސިޓީއެވެ. ޓޯރޭސް، ގުންޑޮގަން، އަދި ސްޓާލިންގް ގޯލުތައް ކާމިޔާބު ކޮށްދިންއިރު ގާޑިއޯލާއަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ ބައިކޮޅަށް ގޯލެއް ނުވަދެ މެޗް ނިންމާލެވުން ކަމެވެ.

Advertisement

ކޮމެންޓް