ފަހު ވަގުތު ޖެހި ގޯލުތަކާއެކު ރެއާލް މެޑްރިޑް ސަލާމަތްވެއްޖެ

28 Oct 2020 | 05:07

ބުރޫޝިއާ މޮންޗެންގްލާބެކް އާއި ވާދަކޮށް ރެއާލް މެޑްރިޑް މެޗުގެ އެންމެ ފަހު ވަގުތު ކޮޅުގެ ތެރޭގައި ޖެހި ގޯލުތަކުން ޕޮއިންޓެއް ކަށަވަރު ކޮށްފިއެވެ.

ރެއާލްއިން ގިނަ ވަަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އުފެއްދި މި މެޗުގައި ފުރަތަމަ ގޯލް ޖަހާ ލީޑް ނަގާފައިވަނީ މޮންޗެންގްލާބެކްއެވެ.

މޮންޗެންގްލާބެކް އިތުރު ގޯލެއް ޖަހާ އެޓީމުގެ ލީޑް ފުޅާ ކުރުމާއެކު މި ސީޒަނުގެ ޗެންޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި ޝަކްތާ އަތުން ބަލިވެފައި އޮތް ރެއާލް ޕްރެޝަރަށް ވެއްޓުނެވެ. މޮންޗެންގްލާބެކްގެ ދެގޯލުވެސް އެޓީމަށް ކާމިޔާބު ކޮށްދިނީ ތޫރަމްއެވެ.

87 ވަނަ މިނެޓުގައި ބެންޒީމާ ޖަހި ގޯލާއެކު ރެއާލްގެ އުންމީދުތައް އާވެގެން ދިޔައިރު އެޓީމަށް ޕޮއިންޓެއް ކަށަވަރު ކޮށްދިން ގޯލު ދެއްކި އިތުރު ގަޑީގައި ކާމިޔާބުކޮށްދިނީ ކަސެމީރޯއެވެ.

ރެއާލް ހިމެނޭ ގްރޫޕް ބީގައި ދެން ކުޅެވުނު މެޗުގައި އިންޓަ މިލާން އަދި ޝަކްތާ ޑޮނެސްކް ބައްދަލުކުރި މެޗް ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި 0-0 ކުންނެވެ. އެއާއެކު 4 ޕޮއިންޓާއެކު ޝަކްތާ އޮތީ ގްރޫޕުގެ އެއްވަނައިގައެވެ. އިންޓަ މިލާން އަދި މޮންޗެންގްލާބެކްއަށް 2 ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން ދެވަނައިގަ އޮތީ މޮންޗެންގްލާބެކްއެވެ. އެއް ޕޮއިންޓާއެކު ރެއާލް އޮތީ ގްރޫޕުގެ ފުލުގައެވެ.

ޗެންޕިއަންސް ލީގުގައި ރޭ ކުޅުނެވުނު އެހެން މެޗުތަކުގެ ނަތީޖާތަކަށް ބަލާއިރު ބަޔާން މިއުނިކް ވަނީ 2-1 ކުން ލޮކޮމޯޓިވް މޮސްކޯ ބަލިކޮށްފައެވެ. ޖާއޯ ފީލިކްސްގެ ދެ ގޯލާއެކު އެޓްލެޓިކޯ މެޑްރިޑްވަނީ ފަހަތުން އަރާ ސާލްސްޒްބާގްގެ މައްޗަށް ކުރި ހޯދާފައެވެ.

އެޓްލާންޓާ އަދި އަޔެކްސް ވާދަކުރި މެޗް 2-2 ކުން އެއްވަރުވެގެން ނިމުނުއިރު ޕޯޓޯ ވަނީ 2-0 ކުން އޮލިމްޕިއާކޯސްގެ މައްޗަށް ކުރި ހޯދާފައެވެ.  

Advertisement

ކޮމެންޓް