Advertisement

ޒުވާނުން ބޭނުންވާ ބޯހިޔާވަހިކަމުގެ ބަދަލުގައި ލަތީފް ހުށަހެޅީ މިއުޒިކާއި މަޖާކޮށްލެވޭނެ މަރުކަޒެއް ޤާއިމްކުރުމަށް!

28 Oct 2020 | 22:35

މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކް އަޑުއަހާލައި، އެކުވެރިންނާ ބައްދަލުކޮށްލައި، ހާސްކަެއްނެތި ބޭރުގައި އުފާވެރި މާހަޢުލެއްގައި އެއްވެ ތިބެވޭނެފަދަ މަރުކަޒެއް ޤާއިމްކޮށްދިނުމަށް ޤަރާރެއް ހުށަހަޅައިފިއެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ލަތީފު މަޖިލީހަށް ހުށަހެޅި މިޤަރާރުގައި ވަނީ ސަރުކާރުން މާލެއަށް ދިމާވެފައިވާ އެންމެހައި ކަންތަކުން އަރައިގަންނަން މަސައްކަތް ކުރާއިރުވެސް ޒުވާނުންނަށް ޚާއްސަކޮށް މިޔުޒިކުކުޅެ މަޖާކޮށްލެވޭނެ ފަދަ މަރުކަޒެއް ޤާއިމްކޮށްދިނުމަށެވެ.

މި ޤަރާރަކީ ޒުވާނުންގެ މިޔުޒިކް ފަންނު އިތުރަށް ތަރައްގީ ކުރުމުގެ ވަސީލަތަކަށް ހެދުމަށް ސަރުކާރުން ކުރެވެންހުރި ކަންކަން ކުރުމަށް ސަރުކާރަށް ގޮވާލައި ހުށަހެޅި ޤަރާރެކެވެ.

މި ޤަރާރުގައި އިތުރަށް ބުނެފައިވަނީ މާލެއަށް ދިމާވެފައިވާ މައްސަލަތަކަކީ އެ މައްސަލަތަކުން އަރައިގަތުމަށް ދަތިވެފައިވާ މައްސަލަތަކެކެވެ. އެގޮތުން ތޮއްޖެހުމާއި، ބޯހިޔާވަހިކަމުގެ ދަތިކަމާއި މަގުތަކުގެ ކާރުބާރު ބޮޑު މައްސަލަތަކާއި، ވަޒީފާގެ ލިބުމުގެ ދަތިކަން ފާހަގަކުރައްވާފައިވެއެވެ.

އެހެންކަމުން ދިވެހި ޒުވާނުންގެ ތެރޭގައި ތިބި އާދަޔާޚިލާފް ކުޅަދާނަ ފަންނާނުން ތިބިކަން ފާހަގަކޮށް، އެފަދަ ޒުވާނުންނަށް މިޔުޒިކް ކުޅެވޭނެ ރަނގަޅު މަރުކަޒެއް ޤާއިމްކޮށްދިނުމަކީ މުހިންމު ކަމެއްގެ ގޮތުގައި މިޤަރާރުގައި ފާހަގަކޮށްފައިވެއެވެ.

ޤަޢުމެއްގެ ޤައުމިއްޔަތު ރަމްޒުކޮށްދޭ އެންމެ މުހިންމު ކަމަކީ ދިވެހިން ދިރިއުޅެމުން އައި ވައްޓަފާޅިއާއި ދޭދޭ މީހުންގެ މެދުގައި އޮތް ގުޅުން މިހާރު ނެތި ދިޔުމުގެ ބިރު ހީވެފައި އޮތުމެވެ. އެގޮތުން ދިވެހި ލަވަޔާއި މިޔުޒިކްގެ ޝައުގުވެރިކަން ޒުވާނުންގެ ކިބައިގައި އަށަގަންނަވަން ޖެހޭ ކަމަށް އެގަރާރުގައި ބުނެފައިވެއެވެ. އެހެންކަމުން އަންނަން އޮތް ޖީލުތަކަށް އެކަންކަން ވާސިލުކޮށްދޭން ތިބި ބަޔަކީ ޒުވާނުންނަށްވީއިރު، އެ ޒުވާނުންގެ މުހިންމު ބޭނުންތަކަކީ ސަރުކާރުން އިޖާބަދޭންވާނެ ކަންކަންކަމުގައި ހަސަން ލަތީފުގެ ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

ހަސަން ލަތީފް މިއުޒިކާއި މަޖާކުރުމުގެ މަރުކަޒެއް ޤާއިމް ކުރަން ހުށަހަޅާފައިވާއިރު، ރައީސް ޔާމީން ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު ކަމުގައިވާ "ހިޔާ" މަސްރޫއިން 3081 ޒުވާނުންނަށް، ޒުވާނުންނަށް ހާއްސަ ކުރެވިފައިވާ ކެޓަގަރީން ފްލެޓް ވަނީ ކަށަވަރުކުރެވިފައެވެ. މި އީ ބާކީ ހުރި ކެޓަގަރީތަކުން ލިބިފައިވާ ޒުވާނުން ނުހިމަނައި ހަމަ އެކަނި ޒުވާނުންގެ ކެޓަގަރީން ފްލެޓް ލިބޭނެކަން ނިމުނު ސަރުކާރުން ކަށަވަރުކޮށްދީފައިވާ ޒުވާނުންނެވެ. ނަމަވެސް ހަސަން ލަތީފް ނިސްބަތްވާ ސަރުކާރުން ވަނީ ހިޔާ ފްރޮޖެކްޓްގެ ޒުވާނުންގެ ފްލެޓް ވުޖޫދުގައި ނެތްކަމަށް ބުނެ އޮޅުވާލާފައިކަން ފާހަގަކޮށްލަންޖެހެއެވެ. ހައުސިންގ މިނިސްޓަރ އަސްލަމް ވުޖޫދުގައި ނެތްކަމަށް ވިދާޅުވި ޒުވާނުންގެ ފްލެޓްގެ ސްޓަރަކްޗަރ ވަނީ ނިމިފައެވެ. މިހާތަނަށްވެސް މި ފްލެޓްތަކާއި ބެހޭ ތަފްސީލް ސަރުކާރުން ހާމަކުރުމަށް އަންނަނީ ފަސްޖެހެމުންނެވެ. މިކަމާއި މަޖިލީހުގެ ސަރުކާރުގެ މެންބަރުން މަސައްކަތްކުރުމުގެ ބަދަލުގައި މިއުޒިކާއި މަޖަލުގެ މަރުކަޒުގެ ޤަރާރު ހުށަހެޅުން ދޭހަކޮށްދެނީ ސަރުކާރުން ޒުވާނުންނާއި މެދު ގެންގުޅޭ ތަސައްވުރުކަމަށް ގިނަ ޒުވާނުން އަންނަނީ މީސްމީޑިއާގައި ޝުއޫރުފާޅުކުރަމުންނެވެ.

Advertisement

ކޮމެންޓް