Advertisement

އިސްލާމްދީނާއި މާތްވެގެންވާ ރަސޫލާއަށް ކުޑައިމީސްވާ ބަސް ބުނުމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމެއް ނޫން: ދިވެހިރާއްޖެ

28 Oct 2020 | 15:42

އިސްލާމްދީނާއި މާތްވެގެންވާ ރަސޫލާއަށް ކުޑައިމީސްވާ ބަސް ބުނުމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމެއް ނޫންކަމަށް ދިވެހިރާއްޖެއިން ބުނެފިއެވެ.

ދިވެހިރާއްޖެއިން މިފަދައިން ބުނެފައިވަނީ ފޮރިން މިނިސްޓްރީން އިނގިރޭސިބަހުން ދާދި ދެންމެއަކު ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނީ އިސްލާމްދީނާއި ކީރިތި ރަސޫލާ މުހައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަށް ނިސްބަތްކޮށް އިތުރުވަމުންދާ ނުރަނގަޅު ވާހަކަތައް ރާއްޖެއިން ކުށްވެރިކުރާ ކަމަށާއި، މިއީ ނަފްރަތު އުފެދޭ ވާހަކަ ނުވަތަ ހޭޓް ސްޕީޗް ނޫން އެހެން ވާހަކައެއް ނޫންކަމަށެވެ. އަދި އިސްލާމްދީނާއި މާތްވެގެންވާ ރަސޫލާއަށް ކުޑައިމީސްވާ ބަސް ބުނުމަކީ ފުރިހަމަ ގޮތުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ބޭނުންކުރުން ކަމުގައި ނުބެލެވޭނެކަމަށް ވަނީ ބުނެފައެވެ.

ރާއްޖެއިން ބުނީ އިސްލާމްދީނުގެ އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ޑިމޮކްރަޓިކް މުޖުތަމައުއެއްގެ ހައިސިއްޔަތުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އަސާސީ އިންސާނީ ހައްގެއްގެ ގޮތުގައި ދެމެހެއްޓުމަށް ރާއްޖެއިން މަސައްކަތްކުރާނެކަމަށެވެ. އަދި ދީނުގެ ނަމުގައާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައިވެސް ހިންގާ ހަރުކަށި ފިކުރުގެ ކަންކަމާއި ރާއްޖެއިން ދެކޮޅުކަމަށް ވަނީ ބަޔާނުގައި ފާހަގަކޮށްފައެވެ.

މި ބަޔާނުގައި ރާއްޖެއިން އިތުރަށް ވަނީ އަމާންކަމުގެ ދީންކަމަށްވާ އިސްލާމްދީނާއި ނިރުބަވެރިކަމާއި ހަރުކަށި ފިކުރާއި ގުޅުވަން ކުރެވޭ މަސައްކަތްތަކަށް ދެކޮޅު ހަދާކަމަށް ބުނެފައެވެ.

Advertisement

ކޮމެންޓް

Advertisement