Advertisement

އިންޑިއާ ކަނޑުގެ ސަލާމަތަށްޓަކައި ދިވެހިރާއްޖެއާ އެމެރިކާއާއި ދެމެދު ބަދަހި ގުޅުމެއް އޮތުން މުހިންމު: ޝާހިދު

29 Oct 2020 | 23:22

އިންޑިއާ ކަނޑުގެ ސަލާމަތްތެރިކަން ކުރިއެރުވުމަށްޓަކައި ދިވެހިރާއްޖެއާ އެމެރިކާއާއި ދެމެދު ބަދަހި ގުޅުމެއް އޮތުމަކީ މުހިންމުކަމެއްކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިހެން ވިދާޅުވީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ދިވެހިރާއްޖެއަށް މިއަދު ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ ސަލާމަތާއި ގުޅުންހުރި ކަންތައްތަކުގައި ދިވެހިރާއްޖެއާއި އެމެރިކާއިން ގާތުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެގޮތުން ސަލާމަތީ ކަންކަމާއި ގުޅޭގޮތުން ދެގައުމުގެ މެދުގައި ހަރުދަނާ ގުޅުމެއް އަބަދުވެސް އޮންނަ ކަމަށާއި، އެކަމުގެ ހެއްކަކީ 1990ގެ އަހަރުތަކުގެ ކުރީކޮޅުން ފެށިގެން ދެގައުމުން ގުޅިގެން ބާއްވަމުންދާ އަސްކަރީ ތަމްރީންތައް ކަމަށް އެބޭފުޅާ ވިދާޅުވިއެވެ. އަދި މި ތަމްރީންތައް ފާއިތުވެދިޔަ އަހަރުތަކުގައި ފުޅާވެގެން ގޮސްފައިވާކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ.

ޝާހިދު ވިދާޅުވީ ސެކްރެޓަރީ ޕޮމްޕެއޯއާއި އެކުގައި މިއަދު ބޭއްވުނު ރަސްމީ މަޝްވަރާތަކުގެ ތެރެއިން އިންޑިއާ ކަނޑުގެ ސަލާމަތްތެރިކަން ކުރިއެރުވުމަށްޓަކައި ދިވެހިރާއްޖެއާ އެމެރިކާއާއި ދެމެދު ބަދަހި ގުޅުމެއް އޮތުމަކީ މުހިންމުކަމެއްކަމަށް ތަކުރާރުކުރައްވާފައިވާނެކަމަށެވެ. އެގޮތުން ދީނީގޮތުން ހައްދުފަހަނައަޅައި ދިއުމާއި ނިރުބަވެރިކަމާއި ދެކޮޅަށް ކުރާ މަސައްކަތުގައި އެ ގުޅުން ބަދަހިކުރުން ޚާއްސަގޮތެއްގައި މުހިންމުކަމަށް ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާއި އިންޑިޔާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާއި ގާތުން ގުޅިލާމެހިފައިވާ ކަމަށެވެ. އެގޮތުން ވަރުގަދަ އަދި ޑިމޮކްރަޓިކް ރާއްޖެއެއް އޮތުމަކީ އިންޑިއާ ކަނޑުގެ ސަލާމަތަށް މުހިންމު ކަމެއްކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެމެރިކާއިން ފޮރުކޮށްދެމުންދާ އެހީތެރިކަން ވަނީ އިތުރުކޮށްފައެވެ. މި ގޮތުން، ކޯވިޑް-19 ގެ ހާލަތާ ގުޅިގެން އެމެރިކާއިން ރާއްޖެއަށް ފޯރުކޮށްދީފައިވާ މާލީ އެހީތެރިކަމާއި ޞިއްޙީ ދާއިރާއާ ގުޅުންހުރި ސާމާނުގެ އެހީތެރިކަން ފާހަގަކޮށްލެވެއެވެ. މި ގޮތުން، ކޯވިޑް-19 އާ ގުޅިގެން ޔުނައިޓެޑް ސްޓޭޓްސް އޭޖެންސީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް މެދުވެރިކޮށް އެމެރިކާއިން ރާއްޖެއަށް ފޯރުކޮށްދޭ ދެ މިލިއަން އެމެރިކާ ޑޮލަރުގެ އެހީއާއި، 2019 ވަނަ އަހަރުގެ މާރިޗު މަހުގެ 12 ވަނަ ދުވަހު ދެ ޤައުމުގެ ދެމެދު ވެފައިވާ ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެސިސްޓެންޓް އެއްބަސްވުމުގެ ދަށުން ފޯރުކޮށްދޭ 35 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ ފާހަގަކޮށްލެވެއެވެ.

Advertisement

ކޮމެންޓް