Advertisement

އިންޑޯ-ޕެސިފިކާއި ބައިނަލްއަގްވާމީ މުޖުތަމައުގައި ދިވެހިރާއްޖެއިން މުހިންމު ދައުރެއް އަދާކުރޭ: ޕޮމްޕެއޯ

28 Oct 2020 | 21:08

އިންޑޯ-ޕެސިފިކް ސަރަހައްދާއި ބައިނަލްއަގްވާމީ މުޖުތަމައުގައި ދިވެހިރާއްޖެއިން ފުޅާވަމުންދާ މުހިންމު ދައުރެއް އަދާކުރަމުން ގެންދާކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކަލް ޕޮމްޕެއޯ ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވީ ދިވެހިރާއްޖެއަށް މިއަދު ކުރެއްވި ރަސްމީ ދަތުރުފުޅުގައި ފޮރިން މިނިސްޓަރ ޝާހިދާއި އެކު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިންނެވެ.

ސެކްރެޓަރީ ޕޮމްޕެއޯ ވިދާޅުވީ ދިވެހިރާއްޖެއާ އެމެރިކާއާއި ދެމެދުގައި އޮތް ދޭދޭ ގުޅުންތައް މިއަށްވުރެ ބަދަހިވެފައިވާ ދުވަސްވަރެއް ނެތޭ ދެންނެވިދާނެކަމަށާއި، އެއީ ރަނގަޅު ސަބަބުތަކަކާއި ހެދިކަމަށެވެ. އެގޮތުން ދެ ޑިމޮކްރަޓިކް ގައުމުންވެސް މިނިވަން އަދި ހުޅުވާލެވިފައިވާ އިންޑޯ-ޕެސިފިކްއެއް އޮންނަންޖެހޭކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި ދެގައުމުން އެކި ދާއިރާތަކުން އެކުގައި މަސައްކަތްކުރަމުންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެގޮތުން ޓްރަމްޕް ސަރުކާރުގައި ދެގައުމުން ކައުންޓަރ-ޓެރަރިޒަމްގެ ދާއިރާގައި އެކުގައި މަސައްކަތްކުރުން ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް ފާހަގަކުރެއްވިއެވެ.

ޕޮމްޕެއޯގެ ވާހަކަފުޅުގައި ވަނީ ފުރަތަމަ ފަހަރަށް އެމެރިކާއިން ދިވެހިރާއްޖޭގައި ރެސިޑެންޓް އެމްބެސެޑަރަކާއި އެކު އެމްބަސީއެއް ހުޅުވަން ގަސްދުކުރާކަން އިއުލާންކުރައްވާފައެވެ. ޕޮމްޕެއޯ ވިދާޅުވީ މިކަން އޯވަނައިޓުން ނުވާނެކަމަށާއި، ނަމަވެސް މިއީ ކުރަން ރަނގަޅުކަމެއް ކަމަށެވެ.

ސެކްރެޓަރީ ޕޮމްޕެއޯ އިތުރަށް ވިދާޅުވީ އިންޑޯ-ޕެސިފިކް ސަރަހައްދާއި ބައިނަލްއަގްވާމީ މުޖުތަމައުގައި ދިވެހިރާއްޖެއިން ފުޅާވަމުންދާ ދައުރެއް އަދާކުރަމުން ގެންދާ ކަމަށެވެ. އަދި މިނިވަން ޑިމޮކްރަޓިކް ރާއްޖެއެއްގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި އެމެރިކާއިން ދެމިއޮންނަން ބޭނުންވާ ކަމަށާއި، އެމްބަސީއެއް ހުޅުވުމަކީ އެކަމަށް ލިބޭނެ އެހީއެއް ކަމަށެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެމެރިކާއިން ފޮރުކޮށްދެމުންދާ އެހީތެރިކަން ވަނީ އިތުރުކޮށްފައެވެ. މި ގޮތުން، ކޯވިޑް-19 ގެ ހާލަތާ ގުޅިގެން އެމެރިކާއިން ރާއްޖެއަށް ފޯރުކޮށްދީފައިވާ މާލީ އެހީތެރިކަމާއި ޞިއްޙީ ދާއިރާއާ ގުޅުންހުރި ސާމާނުގެ އެހީތެރިކަން ފާހަގަކޮށްލެވެއެވެ. މި ގޮތުން، ކޯވިޑް-19 އާ ގުޅިގެން ޔުނައިޓެޑް ސްޓޭޓްސް އޭޖެންސީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް މެދުވެރިކޮށް އެމެރިކާއިން ރާއްޖެއަށް ފޯރުކޮށްދޭ ދެ މިލިއަން އެމެރިކާ ޑޮލަރުގެ އެހީއާއި، 2019 ވަނަ އަހަރުގެ މާރިޗު މަހުގެ 12 ވަނަ ދުވަހު ދެ ޤައުމުގެ ދެމެދު ވެފައިވާ ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެސިސްޓެންޓް އެއްބަސްވުމުގެ ދަށުން ފޯރުކޮށްދޭ 35 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ ފާހަގަކޮށްލެވެއެވެ.

Advertisement

ކޮމެންޓް