Advertisement

ދީނާއި ރަސޫލާއަށް ކުރާ ފުރައްސާރަ ހުއްޓުވުމަށް މުސްލިމް ގައުމުތަކުގެ ލީޑަރުން ގުޅިގެން މަސައްކަތްކުރަންޖެހޭ: އިމްރާން ޚާން

29 Oct 2020 | 10:17

އިސްލާމްދީނާއި މާތްވެގެންވާ ރަސޫލާއަށް ފުރައްސާރަކުރުން ހުއްޓުވުމަށް މުސްލިމް ގައުމުތަކުގެ ލީޑަރުން ގުޅިގެން މަސައްކަތްކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މުސްލިމް ގައުމުތަކުގެ ވެރިންނަށް އެޑްރެސްކުރައްވާ އާންމުކުރެއްވި ހުޅުވާލެވިފައިވާ ސިޓީގައެވެ.

އިމްރާން ޚާން ވިދާޅުވީ ހުޅަނގުގެ ދުނިޔޭގައި، ވަކިން ޚާއްސަކޮށް ޔޫރަޕްގައި މާތްވެގެންވާ ކީރިތި ރަސޫލާއަށް މަލާމާތާ ފުރައްސާރަކުރަމުންދާތީ އިސްލާމީ އުންމަތުގެ ގިނަބަޔަކު ކަންބޮޑުވާކަމަށެވެ. އަދި ދާދިފަހުން ލީޑަރޝިޕް ލެވެލްގައި ދެއްކި ވާހަކަތަކާއި ކީރިތި ގުރުއާނަށް ގަދަރުކުޑަކޮށް އަމަލުކުރުމަކީ މިގައުމުތަކުގައި އިތުރުވަމުންދާ އިސްލާމަފޯބިއާގެ ހެއްކެއްކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އިމްރާން ޚާން ވަނީ މިގައުމުތަކުގެ ވެރިންނަށް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި މުސްލިމުން ކީރިތި ރަސޫލާއާއި ގުރުއާނަށް ކުރާ ފުން ލޯތްބާއި އިހުތިރާމް ގިނަ ފަހަރަށް ފުރިހަމައަށް ވިސްނިފައި ނުވާކަމަށް ގަބޫލުކުރައްވާކަމަށްވެސް ވިދާޅުވެފައެވެ.

އެމަނިކުފާނު ވިދާޅުވީ އެފަދަ ކަންކަމުގެ ސަބަބުން އެ މުޖުތަމައުގައި މުސްލިމުން މާޖިނަލައިޒް ނުވަތަ އެކަހެރިވާން ދިމާވާ ކަމަށާއި، އޭގެ ސަބަބުން ދީނީގޮތުން ހަރުކަށި ފިކުރު އުފެދެން މެދުވެެރިވާކަމަށެވެ. އަދި މި ނުބައި ސައިކަލްގެ ސަބަބުން ދެފަރާތުގައިވެސް ހައްދުފަހަނަ އަޅާފައިވާ މީހުން އުފެދޭކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ވިދާޅުވިއެވެ.

މިފަދަ މާހައުލެއްގައި ހަމަނުޖެހުމާއި މަރުތައް އުފައްދާ ނަފްރަތާއި ހައްދުފަހަނަ އަޅައިދިއުމުގެ ސައިކަލް ނައްތާލުމަށްޓަކައި މުސްލިމް ދުނިޔޭގެ ލީޑަރުން އިސް ނަގަންޖެހޭކަމަށް އިމްރާން ޚާން ވަނީ ފާހަގަކުރައްވާފައެވެ.

Advertisement

ކޮމެންޓް