ފަސް ގޯލު ޖަހާ ޔުނައިޓެޑުން ފެންވަރު ދައްކާލައިފި

29 Oct 2020 | 05:05

ޗެންޕިއަންސް ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އަދި ޖަރުމަނުގެ އާރްބީ ލެއިޕްޒިގް ބައްދަލުކުރި މެޗް ތަފާތު ބޮޑު ނަތީޖާއަކުން ޔުނައިޓެޑް ކާމިޔާބުކޮށްފިއެވެ. ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މެޗް އެޓީމުން ކާމިޔާބު ކޮށްފައިވަނީ 5-0 ކުންނެވެ.

21 ވަނަ މިނެޓުގައި ޕޮގްބާ ދިން ބޯޅައަކުން ޔުނައިޓެޑްގެ ފުރަތަމަ ގޯލް ޖަހައިދިނީ އެޓީމުގެ ޒުވާންތަރި މޭސަން ގްރީންވުޑްއެވެ.

ދެވަނަ ހާފުގަ ޔުނައިޓެޑުން ގެނައި ބަދަލުތަކާއެކު މެޗުގެ އޮއެވަރު ބޮޑުތަނުން ބަދަލުވެގެން ދިޔަ މަންޒަރު ފެނިގެން ދިޔަ އިރު ރަޝްފޯޑް ވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އަރާ ތިން ގޯލް ޖަހާ ހެޓްރިކެއް ފުރިހަމަ ކޮށްފައެވެ. އެޓީމުގެ އަނެއް ގޯލަކީ ލިބުނު ޕެނަލްޓީއަކުން މާޝިއަލް ކާމިޔާބު ކޮށްދިން ގޯލެކެވެ.

ރަޝްފޯޑުގެ މި ހެޓްރިކާއެކު އޭނާ ވެފައިވަނީ އޮލެ ގުނަ ސޯލްޝާއަށް ފަހު ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އަރާ ހެޓްރިކް ހެދި ޔުނައިޓެޑްގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ. ސޯލްޝާ މި ރެކޯޑް ހަދާފައިވަނީ 1999 ވަނަ އަހަރު ޕްރިމިއާ ލީގުގައި ނޮޓިންގްހަމް ފޮރެސްޓްއާއި ދެކޮޅަށެވެ.

ނިމިދިޔަ ސީޒަނުގެ ޗެންޕިއަންސް ލީގުގައި ވަރުގަދަކޮށް ފެނުނު ޕީއެސްޖީ އަދި ލެއިޕްޒިގް ބަލިކޮށް ލިބުނު 6 ޕޮއިންޓާއެކު ޔުނައިޓެޑް އޮތީ ގްރޫޕް އެޗްގެ އެއްވަނައިގައެވެ.

ޗެންޕިއަންސް ލީގުގައި ރޭ ޗެލްސީ ކުޅުނު މެޗުން އެޓީމުވެސް ވަނީ ރަނގަޅު ނަތީޖާއެއް ހާސިލްކޮށްފައެވެ. އެގޮތުން ކްރަންސްނޯޑާގެ މައްޗަށް ޗެލްސީ ކާމިޔާބު ހޯދާފައިވަނީ 4-0 ގެ ނަތީޖާއަކުންނެވެ. ގިނަ ހަރަދުތަކެއް ކޮށްގެން މި ސީޒަނަށް ތައްޔާރުވި ޗެލްސީގެ އެޓޭކިންގ ކުޅުންތެރިންގެ ފަރާތުން މި މެޗުގައި ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ.

މި މެޗުގައި ޗެލްސީގެ ގޯލްތައް ޖަހައިދިނީ ހަޑްސަން އޮޑީ، ވާނާ، ޒިޔެޗް، އަދި ޕިއުލިސިޗް އެވެ.

Advertisement

ކޮމެންޓް