Advertisement

ޔުވެންޓަސް ބަލިކޮށް ބާސާ ގްރޫޕުގެ އެއްވަނައަށް

29 Oct 2020 | 11:12

ޗެންޕިއަންސް ލީގުގައި އެ މެޗަކަށް ގިނަ ބަޔަކު އިންތިޒާރު ކުރި ޔުވެންޓަސް އަދި ބާސެލޯނާ ވާދަކުރި މެޗް 2-0އިން ބާސެލޯނާ ކާމިޔާބު ކޮށްފިއެވެ.

ޑެމްބެލޭ ފޮނުވާލި ޝޮޓެއް ޑިފްލެކްޓްވެގެން ޔުވެންޓަސްގެ ކީޕަރު ސެޒްނީގެ ބޯމަތިން ގޮސް ގޯލުތެރެއަށް ވައިން ބޯޅައާއެކު ބާސެލޯނާއަށް ލީޑް ލިބުނު އިރު މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ފެނިފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ.

ޔުވެންޓަސްގައި ރޮނާލްޑޯ ނެތްތައް ވަރަށް ބޮޑަށް ފާހާގަވެގެން ދިޔަނަމަވެސް އެޓީމުގެ މޮރާޓާ ވަނީ މި މެޗުގައި ތިން ފަހަރެއްގެ މަތިން ބޯޅަ ގޯލުތެރެއަށް ވައްދާލާފައެވެ. ނަމަވެސް ވީއޭއާރް މެދުވެރިކޮށް ރެފްރީ ބެލި ބެލުމުގައި އޭގެން ކޮންމެ ގޯލެއްވެސް ވެފައިވަނީ އޮފްސައިޑް ގޯލްތަކަކަށެވެ.

ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅުމައި ގުޅުނު އަންސޫ ފާތީއަށް ޕެނަލްޓީ އޭރިއާ ތެރެއިން ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން ބާސެލޯނާގެ ލީޑް އިތުރަށް ފުޅާ ކޮށްދިނީ ކެޕްޓަން މެސީއެވެ.

މި ނަތީޖާއާއެކު ބާސެލޯނާއަށް ގްރޫޕް ޖީގެ އެއްވަނަ ލިބެނީ ކުޅުނު ދެމެޗުން މޮޅުވެ ލިބުނު 6 ޕޮއިންޓާއެކީއެވެ. ލިބުނު ތިން ޕޮއިންޓާއެކު ޔުވެންޓަސް އޮތީ ގްރޫޕުގެ ދެވަނައިގައެވެ. 

ޗެންޕިއަންސް ލީގުގައި ރޭ ކުޅެވުނު އެހެން މެޗުތަކުގެ ނަތީޖާތަކަށް ބަލާލާއިރު މޮއިސް ކީންގެ ދެ ގޯލާއެކު ޕީއެސްޖީ ވަނީ އިސްތަންބޫލް ބަސަކްސެހީރް ބަލިކޮށްފައެވެ. ސަންޗޯ އަދި ހަލާންޑް ޖެހި ގޯލްތަކާއެކު ބުރޫޝިއާ ޑޯޓްމަންޑް ޒެނިތް ސެއިންޓް ޕީޓަސްބާގްގެ މައްޗަށް ކުރި ހޯދިއިރު ރެނެސް އަތުން ސެވިއްޔާ މޮޅުވީ 1-0 ގެ ހަނި ނަތީޖާއަކުންނެވެ. 

Advertisement

ކޮމެންޓް