ޝައިޠާނުން ކުރާ 12 ދުއްތުރާއެއް

29 Oct 2020 | 10:59

މާތް ﷲގެ އަޅުތަކުން މަގުފުރައްދައި، އެބައިމީހުންނަށް ތަފާތު ގޯނާތައް ކުރުމަށް ކެތްމަދުވެފައިވާ ޝައިޠާނުން ތަފާތު ގޮތްގޮތުން އެ އަޅުތަކުންނަށް އުނދަގޫތައް ކޮށްހަދައެވެ. 

މިގޮތުން މި ޝައިޠާނުންތައް އިންސާނުންނަށް ކުރާ އުނދަގޫތަކުގެ ތެރޭގައި:

(1) އުފަންވާ ވަގުތު ޙަމަލާދިނުން: ކުއްޖާ އުފަންވާ ވަގުތަކީ ޝައިޠާނާ ވަރަށް ފާރަވެރިވެ، އެ ކުއްޖާ މަގުފުރެއްދުމަށްޓަކައި އެ ކުއްޖާއާ ޙަވާލުވާ ޝައިޠާނުންގެ ޤަރީނު އެކަމާ ޙަވާލުވާ ވަގުތެވެ. ކުއްޖާ އުފަންވާއިރު ކުއްޖާ ރޮއިގަންނަ ސަބަބުތަކުގެ ތެރެއިން އެއްސަބަބަކީ މިއީއެވެ. رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ޙަދީޘްގައި އައިސްފައިވެއެވެ. "ކުއްޖާ ވިހާނިމުމުން ރޮއިގަންނަނީ ޝައިޠާނާގެ ދުއްތުރާއެއްގެ ސަބަބުންނެވެ." (مسلم) އެހެންކަމުން، މިފަދަ ދުއްތުރާތަކުން ދަރިފުޅު ސަލާމަތްކުރުމަށްޓަކައި ދެމަފިރިން އެއްދާންކުރާއިރު "بِسْمِ اللَّهِ اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبْ الشَّيْطَانَ مَا رَزَقْتَنَا" މާނައީ: "ﷲގެ އިސްމުފުޅުން ފަށަމެވެ. އޭ ﷲ! ޝައިޠާނާ އަޅަމެންނާ ދުރުކޮށްދެއްވާނދޭވެ! އަދި އިބަ ﷲ އަޅަމެންނަށް ދެއްވަވާ (ދަރިންނާވެސް) ޝައިޠާނާ ދުރުކުރައްވާނދޭވެ!" މިފަދައިން ކިޔުމަށް އައިސްފައިވެއެވެ. އަދި އެކުދިންނާއި އެކުދިންގެ ދަރިފަސްކޮޅު ޝައިޠާނުންގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވުމަށް ދުޢާކުރުމަކީ މައިންބަފައިން ކުރުމަށް އައިސްފައިވާކަމެކެވެ.

(2) ވަސްވާސްދިނުން: މިއީ ޝައިޠާނުން އެންމެ ޢާއްމުކޮށްކުރާ، އަދި އެންމެ ސިއްރުން ކުރާ ކަންތަކެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ((مِن شَرِّ الْوَسْوَاسِ الْخَنَّاسِ * الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ * مِنَ الْجِنَّةِ وَالنَّاسِ *)) މާނައީ: "ފިލައިހުރެ ވަސްވާސްދޭ ޝައިޠާނާގެ ނުބައިކަމުންނެވެ. (އެބަހީ: ޝައިޠާނާގެ ނުބައިކަމުން އެކަލާނގެ ޙަޟްރަތުން ރައްކާތެރިކަން ލިބިގަންނަމެވެ.) އެ (ޝައިޠާނާ) އެއީ މީސްތަކުންގެ ހިތްތަކުގައި ވަސްވާސް އުފައްދާ ޝައިޠާނާއެވެ. ޖިންނީންގެ ތެރެއިންނާއި، މީސްތަކުންގެ ތެރެއިންވާ ޝައިޠާނުންނެވެ." އިންސާނާ މަގުފުރެއްދުމަށްޓަކައި ޝައިޠާނާ ތަފާތު ވައްތަރުގެ ވަސްވާސްތައް ދެއެވެ. އެއިގެ ތެރޭގައި؛ ޞައްޙަ ޢަޤީދާއާމެދު ޝައްކުއުފައްދައެވެ. މިފަދަ ޙާލަތްތަކުގައި ﷲގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދި އަޢޫޛުކިޔުމުން އެކަންދާނެކަމުގައި މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ބަޔާންކޮށްދެއްވާފައިވެއެވެ. އަދި ވުޟޫކުރާއިރުގައްޔާއި، ނަމާދުކުރާއިރު ކަންކަން އޮޅުވާލުމަށްޓަކައި ވަސްވާސްދެއެވެ. މިގޮތުން ޝައިޠާނާ ނަމާދުގައި ޤުރްއާން ކިޔެވުން އޮޅުވާލާތީ، ޢުޘްމާން ބުން އަބިލްޢާޞް رَضِيَ اللهُ عَنْهُ ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ސުވާލުދެންނެވުމުން، ނަމާދަށް ހުރެފައި އަޢޫޛުކިޔުމަށްފަހު ވައަތް ފަރާތަށް ތެތްކަން ހުންނަވަރަށް ތިންފަހަރު ފުމެލުމަށް އިރުޝާދު ދެއްވިއެވެ.

(3) އިންސާނާ ނިދާއިރު ގޮށްޖެހުން: އަބޫ ހުރައިރާ رَضِيَ اللهُ عَنْهُ ގެ ކިބައިން ރިވާވެފައިވެއެވެ. رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. "ތިޔައިގެ ތެރެއިން މީހަކު ނިދައިފިނަމަ، ޝައިޠާނާ އެމީހާގެ ކަނދުރާގައި ތިން ގޮށްޖަހައެވެ. އަދި ކޮންމެ ގޮށެއް ޖަހާލުމަށްފަހު މިފަދައިން ބުނެއެވެ. "ތިބާއަށް ދިގުރެއެއް ލިބިގެންވެއެވެ. ފަހެ، ނިދާށެވެ!" ފަހެ، އެމީހާ ތެދުވެ، ﷲ އަށް ޛިކުރުކޮށްފިނަމަ އެއިގެ ތެރެއިން ގޮށެއް މޮހިގެންދެއެވެ. ވުޟޫކޮށްފިނަމަ އެއިގެ ތެރެއިން ގޮށެއް މޮހިގެންދެއެވެ. ނަމާދުކޮށްފިނަމަ އެއިގެ ތެރެއިން ގޮށެއް މޮހިގެންދެއެވެ. މިހައިރުން، އެމީހަކު ހެނދުނުކުރާނީ މުރާލި، ހެޔޮ ނަފްސަކާއެކުގައެވެ. އެހެންނޫންނަމަ، އެމީހަކު ހެނދުނުކުރާނީ ކަންނެތް، ނުބައި ނަފްސަކާއެކުގައެވެ." (البخاري ومسلم) ޝައިޠާނާގެ މިފަދަ ޢަމަލުތަކުން ރައްކާތެރިވުމަށްޓަކައި، ޙަދީޘްގައި ބަޔާންވެގެންދިޔަ ކަންތައްތައް ކުރުމާއި، ނިދާއިރު ކަންކަން ކުރުމަށް އަންގަވާފައިވާ ގޮތަށް ކަންކަންކުރުމާއި، ކިޔަންޖެހޭ ޛިކުރުތައް ކިޔުމަށް ފަރުވާތެރިވާންޖެހެއެވެ. އޭގެ ތެރޭގައި ވުޟޫކޮށްގެން ނިދުމާއި، އާޔަތުލް ކުރުސިއާއި އެނޫންވެސް ވާރިދުވެފައިވާ ޛިކުރުތައް ކިޔުން ހިމެނެއެވެ.

(4) ބިރުވެރި ހުވަފެން ދެއްކުން: އިންސާނާ ނިދާފައި އޮންނައިރުވެސް، ބިރުދައްކައި ހާސްކުރުމަށްޓަކައި ޝައިޠާނާ އޭނާއަށް ބިރުވެރި ހުވަފެންތައް ދައްކައެވެ. މިގޮތުން އަބޫ ޤަތާދާ رَضِيَ اللهُ عَنْهُ ގެ ކިބައިން ރިވާވެފައިވާ ޙަދީޘްގައިވެއެވެ. رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. "ހެޔޮ ރަނގަޅު ހުވަފެން އަންނަނީ ﷲގެ ޙަޟްރަތުންނެވެ. އަދި ބިރުވެރި ހުވަފެން އަންނަނީ ޝައިޠާނާގެ ފުށުންނެވެ. ފަހެ، އެމީހާ ނުރުހޭކަމެއް ހުވަފެނުން ފެނިއްޖެނަމަ، އެމީހެއްގެ ވައަތް ފަރާތަށް ތެތްކަން ހުންނަވަރަށް ތިންފަހަރު ފުމެލާށެވެ. އަދި ޝައިޠާނާގެ ކިބައިން ރައްކާތެރިކަން ދެއްވުންއެދި އަޢޫޛުކިޔާށެވެ. ފަހެ، އެއިރުން އެކަމުގެ ގެއްލުމެއް ނުފޯރާނެއެވެ." (البخاري ومسلم) މި ޙަދީޘާއި މިކަމާގުޅުންހުރި އެހެން ޙަދީޘްތަކުން އެނގޭގޮތުގައި ނުރުހޭކަހަލަ ހުވަފެނެއް ފެނިއްޖެނަމަ، އަންނަނިވި ކަންކަމުގެ ތެރެއިން ކަންކަން ކުރާށެވެ. އެއ ؛ އެ ހުވަފެނުގެ ނުބައިކަމުންނާއި ޝައިޠާނާގެ ނުބައިކަމުން ސަލާމަތްކޮށްދެއްވުމަށް އެދި ﷲއަށް ދުޢާކުރުމާއި (އެބަހީ؛ އަޢޫޛުކިޔުމާއި)، ވައަތް ފަރާތަށް ތެތްކަން ހުންނަވަރަށް ތިންފަހަރު ފުމެލުމާއި، އެ ހުވަފެނުގެ ވާހަކަ ނުދެއްކުމާއި، ނިދާފައި އޮތްފަރާތްނޫން އަނެއް ފަރާތަށް އެނބުރިލުމާއި، ނަމާދެއް ކޮށްލަން ތެދުވުމެވެ.

(5) ބިރުދެއްކުން: ޝައިޠާނުންނާއި، އެބައިމީހުންގެ އަޢުވާނުންނާމެދު ބިރުދެއްކުވުމަކީވެސް މިބައިމީހުންގެ ޙީލަތެކެވެ. މިގޮތުން، ފަޤީރުވެދާނެކަމުގެ ބިރުދެއްކުމާއި، މާތް ﷲގެ ޢަދުއްވުންގެ ކުޅަދާނަކަމާއި މޮޅުކަމާއި ބާރުވެރިކަން ހިތަށް ގެނުވައިގެން ބިރުދެއްކުމާއި، މާތް ﷲގެ ޙުކުމްފުޅުތަކަށް ޢަމަލުކޮށްފިނަމަ ދެރަގޮތެއް ކުރިމަތިވެދާނެކަމަށް ބިރުދެއްކުންފަދަ ކަންކަން ހިމެނެއެވެ. އަދި ތަފާތު ފިލްމުތަކާއި، ޑްރާމާތަކާއި، ޚިޔާލީ ވާހަކަތަކުގެ ޒަރީޢާއިން ޝައިޠާނުންގެ ބާރުގަދަކަން ދައްކުވައިދީގެން ބިރުދައްކުވައެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ((إِنَّمَا ذَٰلِكُمُ الشَّيْطَانُ يُخَوِّفُ أَوْلِيَاءَهُ فَلَا تَخَافُوهُمْ وَخَافُونِ إِن كُنتُم مُّؤْمِنِينَ)) (آل عمران: 175) މާނައީ: "ހަމަކަށަވަރުން، އެއީ، ހަމަ ޝައިޠާނާއެވެ. އެކަލޭގެ، އެކަލޭގެ އެކުވެރިން ދެކެ (ތިޔަބައިމީހުން) ބިރުގަންނަވަނީއެވެ. ފަހެ، ތިޔަބައިމީހުން އެބައިމީހުންދެކެ ބިރުނުގަންނާށެވެ! އަދި، ތިޔަބައިމީހުން، މުއުމިނުން ކަމުގައިވާނަމަ، ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ބިރުވެތިވާށެވެ!"

(6) ފިތުނަ އުފެއްދުން: އިބްލީސް އޭނާގެ ލަޝްކަރުގެ މީހުން މީސްތަކުންގެ ތެރޭގައި ފިތުނަ އުފެއްދުމަށްޓަކައި ފޮނުވައެވެ. އެބައިމީހުންގެ ވަޒީފާއަކީ މީސްތަކުންގެ މެދުގައި ފިތުނަފަސާދަ އުފެއްދުމެވެ. ފިތުނަފަސާދާގައި އެބައިމީހުން އެއްބަޔަކު އަނެއްބަޔަކާ ވާދަކޮށް ކުރިއެރުމަށް މަސައްކަތް ކުރެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ((إِنَّمَا يُرِيدُ الشَّيْطَانُ أَن يُوقِعَ بَيْنَكُمُ الْعَدَاوَةَ وَالْبَغْضَاءَ فِي الْخَمْرِ وَالْمَيْسِرِ وَيَصُدَّكُمْ عَن ذِكْرِ اللَّـهِ وَعَنِ الصَّلَاةِ)) (المائدة: 91) މާނައީ: "ޝައިޠާނާ އެދޭކަން ކަށަވަރީ، ރަލާއި، ޖުވާގެ ސަބަބުން، ތިޔަބައިމީހުންގެ މެދުގައި ޢަދާވާތްތެރިކަމާއި، ރުޅިވެރިކަން އުފެއްދުމަށެވެ. އަދި ﷲ ހަނދުމަކުރުމާއި، ނަމާދުކުރުމަށް ތިޔަބައިމީހުންނަށް ހުރަސްއެޅުމަށެވެ." އަދި ޖާބިރު ބުން ޢަބްދުﷲ رَضِيَ اللهُ عَنْهُمَا ގެ ކިބައިން ރިވާވެފައިވާ ޙަދީޘްގައިވެއެވެ. رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ޙަދީޘް ކުރެއްވިއެވެ. "އިބްލީސް އޭނާގެ ތަޚްތު ފެންމަތީގައި ބަހައްޓައެވެ. ދެން، އޭނާގެ ލަޝްކަރުތައް އެކި ދިމަދިމާލަށް ފޮނުވައެވެ. އަދި އެބައިމީހުންކުރެ އޭނާއާ އެންމެ އަރިސްވެގެންވާނެމީހަކީ އެންމެ ބޮޑު ފިތުނައެއް އުފެއްދިމީހެކެވެ. ދެން، އެބައިމީހުންކުރެ މީހަކު ގެނެސް ކީއްތޯކުރީ އަހައެވެ. އެހިނދު، ތިމަން އެވެނި މިވެނި ކަމެއް ކުރީމޭ ބުނެއެވެ. އެހިނދު އޭނާ ބުނެއެވެ. ތިބާ އެއްވެސް ކަމެއް ކޮށްފައެއް ނުވެއެވެ. ދެން އޭގެ ތެރެއިން އެހެންމީހަކު ގެނެސް، ކީއްތޯކުރީ އަހައެވެ. އެމީހާ ބުނެއެވެ. "ތިމަންނަ މީހަކާ އޭނާގެ އަނބިމީހާއާ ވަކިވަންދެން ދޫނުކޮށް ފިތުނަ އުފެއްދީމެވެ." އެހިނދު، އިބްލީސް އެމީހަކު އޭނާއާ އަރިސްކޮށްލުމަށްފަހުގައި ބުނެއެވެ. "ކަލޭތީ މޮޅުމީހެކެވެ." (مسلم)

(7) އާފުރުވުން: އިންސާނާ ވަރުބަލިކޮށް، ލޮޑުކުރުވައި، ނިދިގެނައުމަށްޓަކައި ޝައިޠާނުން އިންސާނާ އާފުރުވައެވެ. އަދި އާފުރުމުން މަލާމާތުގެގޮތުން ހީ ހަދައެވެ. ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ޙަދީޘްގައި އައިސްފައިވެއެވެ. "އާފުރުން ދަންނައެވެ! ފަހެ، އެކަންތައް އަންނަނީ ޝައިޠާނާގެ ފުށުންނެވެ. ކުޅަދާނަވީވަރަކުން އެކަން ދުރުކުރާށެވެ! ފަހެ، (އާފުރޭމީހާ އާފުރެމުން) "ހާ" ކިޔައިފިނަމަ، ޝައިޠާނާ އެމީހަކާދިމާލަށް ހީގަނެއެވެ" (البخاري ومسلم) އަދިވެސް އެހެން ޙަދީޘެއްގައި އައިސްފައިވެއެވެ. "ތިޔައިގެ ތެރެއިން މީހަކު އާފުރޭކަމުގައިވާނަމަ، ފަހެ އެމީހެއްގެ އަތުން އެމީހާގެ އަނގަމަތީގައި އަތްއަޅާށެވެ! ފަހެ، (އެހެންނޫނީ) ޝައިޠާނާ (ހަށިގަނޑުގެ ތެރެއަށް) ވަންނާނެއެވެ."

(8) ނޭފަތުގެ ހިނދުރީގެ ތެރޭގައި ރޭކުރުން: އަބޫ ހުރައިރާ رَضِيَ اللهُ عَنْهُ ގެ ކިބައިން ރިވާވެފައިވެއެވެ. رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. "ތިޔައިގެ ތެރެއިން މީހަކު ނިދިން ތެދުވެއްޖެނަމަ، ތިންފަހަރު ނޭފަތުގެ ތެރެއަށް ފެންލައި އެފެން ފޮޅާލާށެވެ! ފަހެ، ޝައިޠާނާ އެމީހާގެ ނޭފަތުގެ ހިނދުރީގެ ތެރޭގައި ރޭކުރެއެވެ." މީގެ މާނައަކީ؛ ނިދިން ތެދުވުމަށްފަހު، ނޭފަތުގެ އެތެރެ ސާފުކުރުމެވެ. މިކަމުން ދޭހަކޮށްދެނީ ނިދުމުގެ ކުރިން ކިޔަންޖެހޭ ޛިކުރުތައް ކިޔުމުގެ މުހިއްމުކަމެވެ.

(9) ޢައުރަތައް ކަޝްފުކުރުން: މާތް ﷲ އިންސާނާއަށް ދެއްވެވި ހެދުންތައް ބާލުވައި، ނުވަތަ ކުރުކުރުވައިގެން އެބައިމީހުންގެ އަޢުރަތައް ކަޝްފުކުރުމަކީ ޝައިޠާނާ ކުރާ ދުއްތުރާއެކެވެ. ފަންނުވެރިކަމާއި، ހުނަރުތަކާއި، ފެޝަންތަކުގެ ނަމުގައި މާތް ﷲ ނިވާކުރުމަށް ކަނޑައެޅުއްވި ހަށިގަނޑުގެ ބައިތައް ކަޝްފުކުރުމަކީ ޝައިޠާނުންގެ އަމާޒެކެވެ. އިންސާނުންގެ ޢައުރަތަކަށް ބެލުމަކީ ޝައިޠާނުން ކުރާ ހިތްވާކަމެކެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ((فَوَسْوَسَ لَهُمَا الشَّيْطَانُ لِيُبْدِيَ لَهُمَا مَا وُورِيَ عَنْهُمَا مِن سَوْآتِهِمَا)) (الأعراف: 20) މާނައީ: "ދެންފަހެ، އެ ދެކަނބަލުންގެ ޢައުރައިން އެ ދެކަނބަލުންނަށް ނިވައިވެގެންވާ ތަން ފާޅުކުރުމަށްޓަކައި، އެ ދެކަނބަލުންނަށް ޝައިޠާނާ ވަސްވާސްދިނެވެ." ޖިންނި ޝައިޠާނުންގެ ލޯތަކަށް ފޮރުވުމަށްޓަކައި ފާޚާނާއަށް ވަންނައިރު ((بِسْمِ اللهِ)) ކިޔުމަށާއި އެނޫންވެސް ޒިކުރުތައް ކިޔުމަށް އައިސްފައިވެއެވެ.

(10) ހަނދާން ނެއްތުވުން: މާތް ﷲގެ މަތިން ޛިކުރުކުރުމާއި، އެނޫންވެސް ހެޔޮކަންކަން ހަނދާން ނެއްތުވުމަކީ ޝައިޠާނުން ކުރާ ދުއްތުރާއެކެވެ. މޫސާގެފާނު ޙަޟިރުގެފާނުގެ އަރިހަށް ކުރެއްވި ދަތުރުފުޅުގައި، އެކަލޭގެފާނުގެ ޚާދިމު ދެންނެވިބަސް މާތް ﷲ ކީރިތި ޤުރްއާނުގައި ގެންނަވާފައިވެއެވެ. ((فَإِنِّي نَسِيتُ الْحُوتَ وَمَا أَنسَانِيهُ إِلَّا الشَّيْطَانُ أَنْ أَذْكُرَهُ)) (الكهف: 63) މާނައީ: "ހަމަކަށަވަރުން، ތިމަން އެ މަހުގެމަތިން ހަނދާންނެތުނީއެވެ. އަދި އެ މަހުގެމަތިން ތިމަން ހަނދާންކުރުން ހަނދާންނެތިކޮށްލީ، ޝައިޠާނާ ފިޔަވައި އެހެން އެއްޗެއްނޫނެވެ."

(11) ސިޙުރާއި ޙަސަދައިގެ ބާރުގައި ދުއްތުރާކުރުން: އިންސާނުންގެ ތެރެއިންވާ ސިޙުރުވެރިންގެ ސިޙުރުގެ ބާރުގައާއި، ޙަސަދަވެރިންގެ ޙަސަދައިގެ ބާރުގައި އިންސާނުންނަށް ތަފާތު އުނދަގޫތަކާއި މުޞީބާތްތައް ޝައިޠާނުން ޖައްސައެވެ. މީސްތަކުންގެ ދިރިއުޅުން ބަރުބާދުކުރުމާއި، ތަފާތު ވޭނާއި ހިތްދަތިކަން ކުރިމަތިކުރުވައެވެ.

(12) ލޭ ދަތުރުކުރާފަދައިން އިންސާނާގެ ގައިގެ ތެރޭގައި އުޅުން: رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ޙަދީޘްގައި އައިސްފައިވެއެވެ. "ހަމަކަށަވަރުން، އާދަމުގެދަރިޔާގެ ގައިގެ ތެރޭގައި ލޭ ދަތުރުކުރާފަދައިން ޝައިޠާނާ ދަތުރުކޮށް އުޅެއެވެ." (البخاري ومسلم)

ބަޔާންވެ މިދިޔައީ އިބްލީހާއި އޭނާގެ ޢައުވާނުން އިންސާނާއަށް ކުރާ ބައެއް ދުއްތުރާތަކެވެ. މިހުރިހާ ސަބަބުތަކެއްގައި ހިފައިގެން އެބައިމީހުން މަސައްކަތްކުރާއިރުވެސް، ޙަޤީޤީ މުއުމިނުންގެ ގާތުގައި އެބައިމީހުންނަކީ ބަލި ނިކަމެ ތި ބައެކެވެ. އެބައިމީހުންގެ މަކަރުވެރިކަމާއި ހީލަތްތެރިކަމަކީ ނިކަމެތި އެއްޗެކެވެ. މާތް ﷲ ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވެއެވެ. ((فَقَاتِلُوا أَوْلِيَاءَ الشَّيْطَانِ إِنَّ كَيْدَ الشَّيْطَانِ كَانَ ضَعِيفًا)) (النساء: 76) މާނައީ: "ފަހެ، ތިޔަބައިމީހުން ޝައިޠާނާގެ ވާގިވެރިންނާ ހަނގުރާމަކުރާށެވެ! ހަމަކަށަވަރުން، ޝައިޠާނާގެ ކެހިވެރިކަންވަނީ ނިކަމެތިވެގެންނެވެ."

ލިޔުނީ: އައްޝައިޚް މުޙައްމަދު ސިނާން

Advertisement

ކޮމެންޓް