އިންޑޯ-ޕެސިފިކްގައިވާ ދެކޮޅުވެެރިކަމުގައި ބައިވެރިވާން ދިވެހިރާއްޖެއިން ނޭދޭ: ދުންޔާ

29 Oct 2020 | 21:39

އިންޑޯ-ޕެސިފިކް ސަރަހައްދުގައިވާ ދެކޮޅުވެެރިކަމުގައި ބައިވެރިވާން ދިވެހިރާއްޖެއިން ނޭދޭކަމަށް ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ދިވެހިރާއްޖެއަށް އިއްޔެ ކުރެއްވި ދަތުރުފުޅާއި ގުޅޭގޮތުން ދުންޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހިރާއްޖެއިން ބޭނުންވަނީ އަމާން އިންޑިއާ ކަނޑެއްކަމަށާއި، ދިވެހިރާއްޖެ މިނިވަންކަމަށް އިހުތިރާމްކުރުމަށް އެމެރިކާއަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އެގޮތުން ދިވެހިރާއްޖޭގެ ތަރައްގީއަށް ފައިދާވާނެ ހުރިހާ ގައުމަކާއެކު ގުޅުން ބޭއްވުމުގެ ހައްގަށް އިހުތިރާމްކުރުމަށް އެކަމަނާ ވަނީ ގޮވާލައްވާފައެވެ. އަދި ބާރުހޯދުމާއި އިންޑޯ-ޕެސިފިކް ސަރަހައްދުގައިވާ ދެކޮޅުވެެރިކަމުގައި ބައިވެރިވާން ދިވެހިރާއްޖެއިން ނޭދޭކަމަށް ދުންޔާ ވަނީ ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސެކްރެޓަރީ ޕޮމްޕެއޯގެ ދަތުރުފުޅަކީ ޗައިނާއާއި ދެކޮޅަށް މަަސައްކަތްކުރާނެ އިންޑޯ-ޕެސިފިކް ކޯލިޝަނެއް އުފެއްދުމަށްޓަކައި ކުރާ ދަތުރެއްކަމަށް މުރާސިލުން ވަނީ ސިފަކޮށްފައެވެ. އަދި މިކަމަށް ބާރުލިބިދޭފަދަ ވާހަކަތަކެއް އޭނާ ވަނީ އިންޑިއާ، ރާއްޖެ އަދި ސްރީލަންކާގައިވެސް ދައްކަވާފައެވެ.

ޕޮމްޕެއޯ ވިދާޅުވީ އިންޑޯ-ޕެސިފިކް ސަރަހައްދާއި ބައިނަލްއަގްވާމީ މުޖުތަމައުގައި ދިވެހިރާއްޖެއިން ފުޅާވަމުންދާ ދައުރެއް އަދާކުރަމުން ގެންދާ ކަމަށެވެ. އަދި މިނިވަން ޑިމޮކްރަޓިކް ރާއްޖެއެއްގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި އެމެރިކާއިން ދެމިއޮންނަން ބޭނުންވާ ކަމަށާއި، އެމްބަސީއެއް ހުޅުވުމަކީ އެކަމަށް ލިބޭނެ އެހީއެއް ކަމަށެވެ. 

Advertisement

ކޮމެންޓް