އެމެރިކާއިން ގައުމުތަކުގެ ސިޔާދަތަށް އިހުތިރާމްކުރާކަމަށް ޕޮމްޕެއޯ ވިދާޅުވުމަކީ ޖޯކެއް: ޗައިނާގެ އެމްބަސީ

29 Oct 2020 | 16:35

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ދިވެހިރާއްޖެއަށް އިއްޔެ ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެމެރިކާއިން ގައުމުތަކުގެ ސިޔާދަތަށް އިހްތިރާމްކުރާކަމަށް އެބޭފުޅާ ވިދާޅުވުމަކީ ޖޯކެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން ބުނެފިއެވެ.

އެ އެމްބަސީން މިފަދައިން ބުނެފައިވަނީ ޕޮމްޕެއޯގެ ދަތުރުފުޅާ ގުޅޭގޮތުން އިނގިރޭސި ބަހުންނާއި ޗައިނާބަހުން ނެރުނު ނޫސް ބަޔާނެއްގައެވެ.

ޗައިނާގެ އެމްބަސީން ބުނީ ދިވެހިރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ޕޮމްޕެއޯ ވަނީ ޗައިނާއާއި ބެހޭގޮތުން ސާބިތުނުވާ ސިޔާސީ ވާހަކަތައް ފަތުރައި، ރާއްޖެއާއި ޗައިނާގެ ގުޅުމަށް އަސަރުކުރުމަށް މަސައްކަތްކުރައްވާފައެވެ. އަދި އެމެރިކާއިން އަމަލުކުރާ ޔުނިލޭޓަލަރިޒަމް (ގައުމަކުން އެކަނި މަސައްކަތްކުރުން) އަދި ހެޖެމޮނީ (ބައިނަލްއަގްވާމީ މުޖުތަމައުގައި ނުފޫޒުގަދަ ހަމައެކަނި ގައުމު)ގެ އުސޫލުގެ ސަބަބުން ދޭދޭ ގައުމުތަކުގެ މެދުގައިވާ އަމާން ގުޅުންތައް ނުރައްކަލަށް ހުށައެޅިފައިވާކަމަށް އެމްބަސީން ވަނީ ބުނެފައެވެ.

އެ ބަޔާނުގައި ވަނީ ކޮންމެ ގައުމަކަށްވެސް ތަރައްގީވުމާއި މިނިވަން އަމާން ޚާރިޖީ ސިޔާސަތެއް ގެންގުޅުމުގެ ހައްގު އޮންނާނެކަމަށް ފާހަގަކޮށްފައެވެ. އަދި ފާޅުކަންބޮޑު ގޮތެއްގައި ކުދި އަދި މެދުފަންތީގެ ގައުމުތަކަށް ކޮޅެއް ނެގުމަށް ޕޮމްޕެއޯ ޕްރެޝަރކުރައްވަމުން ގެންދަވާކަމަށް ވަނީ ބުނެފައެވެ.

އަދި ގައުމުތަކުގެ ސިޔާދަތަށް އެމެރިކާއިން އިހުތިރާމްކުރާކަމަށް އެބޭފުޅާ ވިދާޅުވުމަކީ ޖޯކެއްގެ ގޮތުގައި ސިފަވާކަމަށް ޗައިނާގެ އެމްބަސީން ވަނީ ބުނެފައެވެ. 

މި ބަޔާން ނިންމާލަމުން އެމްބަސީން ބުނީ ޗައިނާގެ ތަރައްގީއަކީ ފުރުސަތެއްކަމަށާއި ނުރައްކަލެއް ނޫންކަމަށެވެ. އަދި އެކި ދާއިރާތަކުން ރާއްޖެއާއި ޗައިނާއިން ގުޅުން ބަދަހިކުރުމަކީ ދެގައުމުގެ ރައްޔިތުންނަށްވެސް ފައިދާހުރި ގޮތްކަމަށް ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް