ޔުނެސްކޯ ބަޔޮސްފިއަރ ރިޒާވަކަށް ހެދުމަށް ގިނަ މަސައްކަތް ކުރި ބަޔެއްގެ އަގު ވަޒަންނުކުރި މައްސަލައެއް!

30 Oct 2020 | 16:26

އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީއަކީ ޔުނެސްކޯ ބަޔޮސްފިއަރ ރިޒާވެއްކަމަށް ކަނޑައަޅާފައިވާއިރު، އެކަން ކުރުމަށްޓަކައި ބޮޑެތި މަސައްކަތްތަކެއް ކުރި ފަރާތްތަކެއްގެ އަގު ވަޒަންނުކުރާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

"ޓައިމްސް އޮފް އައްޑޫ" ނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އައްޑޫ އަދި ފުވައްމުލަކު ސިޓީއަކީ ބަޔޮސްފިއަރ ރިޒާވްގެ ގޮތުގައި ކަނޑައެޅުމުގެ ވަރަށްބޮޑު މަަސައްކަތެއް ކޮށްފައިވަނީ 2012ވަނަ އަހަރުން ފެށިގެން 2018ވަނަ އަހަރާއި ހަމައަށް ހިންގުނު ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓުންނެވެ. އެގޮތުން މި ޕްރޮގްރާމްގެ ތެރެއިން ވަނީ ވަކި ނިޒާމެއްގެ ދަށުން އައްޑޫ އަދި ފުވައްމުލަކުގައި ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކެއް ކަނޑައެޅިފައެވެ.

މި ސަރަހައްދުތައް ފަހުން ބަދަލުވެފައިވަނީ އައްޑޫ އަދި ފުވައްމުލަކު ނޭޗަރ ޕާކަށެވެ. 

ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓަކީ ކްލައިމެޓް ޗޭންޖް ޓްރަސްޓް ފަންޑްގެ ދަށުން ކުރިއަށްގެންދެވުނު ކަމެކެވެ. މިއީ އޮސްޓްރޭލިޔާ އެއިޑާއި ޔޫރަޕިއަން ޔޫނިއަންގެ މާލީ އެހީގައި، ވޯލްޑް ބޭންކުން މެނޭޖްކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. 

ނަމަވެސް ފާހަގަކޮށްލެވޭ ގޮތުގައި އައްޑޫ އަދި ފުވައްމުލަކު ސިޓީ ބަޔޮސްފިއަރ ރިޒާވަކަށް ބަދަލުވުމުން، އެންވަޔަރމެންޓް މިނިސްޓްރީން ޝުކުރު އަދާކުރި ފަރާތްތަކުގެ ތެރޭގައި މި ޕްރޮޖެކްޓަށް މާލީ އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކާއި ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓެއް ނުހިމެނެއެވެ.

ފުވައްމުލަކާއި އައްޑޫ އަކީ 'ޔުނެސްކޯ މޭން އެންޑް ބަޔޮސްފިއަރ ރިޒާވް ޕްރޮގްރާމް' ގެ ދަށުން 'ބަޔޮސްފިއަރ ރިޒާވްސް' ގެ ދަރަޖަ ލިބިފައިވާ ސަރަހައްދަތަކަކަށް ހެދުމަށް، ދިވެހި ސަރުކާރުގެ ފަރާތުން 30 ސެޕްޓެންބަރު 2019 ވަނަ ދުވަހު ޔުނެސްކޯ އަށް ހުށައެޅިއެވެ.

އަދި މިހުށަހެޅުމާ ގުޅިގެން ޔުނެސްކޯގެ 'އިންޓަނޭޝަނަލް ކޯޑިނޭޓިންގ ކައުންސިލް އޮފް މޭން އެންޑް ބަޔޮސްފިއަރ ރިޒާވު' ގެ 32 ވަނަ ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ ހުށަހެޅުން ފާސްކޮށް، ފުވައްމުލަކު އަދި އައްޑޫ އަތޮޅަކީ 'ޔުނެސްކޯ ބަޔޮސްފިއަރ ރިޒާވް' ގެ ގޮތުގައި އިއްޔެ (28 އޮކްޓޫބަރު 2020 ގައި) ވަނީ ކަނޑައަޅާފައެވެ.

Advertisement

ކޮމެންޓް