Advertisement

ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓްކުރުމަށް މަދަނީ ޖަމްއިއްޔާތަކުން ގޮވާލައިފި

29 Oct 2020 | 22:50

މާތް ނަބީއްޔާއަށް ފަރަންސޭސި ވިލާތުން ފުރައްސާރަކޮށްފައިވާތީ އެކަން ކުށްވެރިކޮށް އެގައުމުގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށްގޮވާލާ މަދަނީ ޖަމްއިއްޔާތަކުން ބަޔާނެއް ނެރެފިއެވެ.

މި ނޫސްބަޔާނުގައި އެ ޖަމްއިއްޔާތަކުން ބުނީ ޒަމާނުއްސުރެވެސް އިސްލާމްދީނުގެ އަދާވާތްތެރީން އަންނަނީ އަޅުގަނޑުމެންގެ މާތް ނަބިއްޔާއަށް ތަފާތު ގޮތްގޮތުން ފުރައްސާރަ އާއި ބޭއަދަބީ ބަސްތައް ރައްދުކުރަމުންކަމަށާއި މިއީ އެކަލޭގެފާނު އަވަހާރަވުމަށްފަހުވެސް ކުރަމުން އަންނަ ފިނޑި ހުތުރު އަމަލެއްކަމަށެވެ.

މިކަމުގެ ސަބަބެއްކަމުގައި ވެފައިވަނީ ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވުނު ނަބިއްޔާ ގެންނެވި ޝަރީޢަތައްވުރެ މޮޅު ނިޒާމެއް ގެނައުމަށް ނުކުޅެދުމާއިއެކު އަދި އެކަލޭގެފާނުން ގެންނެވި ޝަރީޢަތް ދުވަހެއް ދުވަހަކަށް ދުނިޔެއަށް ހަލުވިކަމާއެކު ފެތުރެމުންގޮސް ދާދި ކުޑަމުއްދަތެއްގެތެރޭގައި މުޅިދުނިޔޭގައި އިސްލާމުން ވެރިކަން ކޮށް، އެމީހުންގެ ބާރާއި ނުފޫޒު ހިނގައިގަނެދާނެކަމުގެ ބިރުކަމަށް ވަނީ ބުނެފައެވެ.

"މާތް ﷲ ވަނީ އެކަލޭގެފާނުގެ ޤަދަރާއި މަޤާމް މަތިވެރި ކުރައްވާފައިކަމުގައި އެކަލާނގެ އެންމެފަހުގެ ޝަރީޢަތް ބާވައިލެއްވި ޤުރްއާނުގައި އިޢުލާންކުރައްވާފައެވެ. އެހެންކަމުން މާތް ނަބިއްޔާގެ އަބުރުފުޅަށް އަރައި، ފުރައްސާރަކުރި ކޮންމެ ފަހަރަކުމެ، އިހުނަށްވުރެ އެކަލޭގެފާނުންގެ ނަންފުޅު ދުނިޔޭގައި މަތިވެރިވެ، އިސްލާމްދީން ޢިއްޒަތްތެރިވެގެން ގޮސްފައި ވެއެވެ"، ބަޔާނުގައި ބުނެފައިވެއެވެ.

މި ބަޔާނުގައި މަދަނީ ޖަމްއިއްޔާތަކުން ބުނީ ދީނާއި ދަޢުލަތް ވަކިކޮށް، ލާދީނީ ސަރުކާރެއް އެންމެކުރީގައި ޤާއިމުކުރި ފަރަންސޭސިވިލާތުގެ މިހާރުގެ ރައީސް މިދާކަށް ދުވަހު އަނެއްކާވެސް ކައުއިތުރު ނަބިއްޔާއަށް ނިސްބަތްކޮށް ކުރަހާފައިވާ ކާރޓޫނުތަކެއް އެޤައުމުގެ ސަރުކާރުގެ އޮފީސްތަކުގައި ބޮޑު ސްކުރީނުން އަޅުވާފައިވާ ކަމަށެވެ.

މިފަދަ ކޮންމެ ކަމަކީ ހައްދުފަހަނަޅާފައިވާ ކާފަރުން ޑިމޮކްރެސީ އާއި އިންސާނީޙައްޤުގެ ނަމުގައި ފަތުރާ ޝިޢާރުތަކުގެ އަނެއްފަރާތުގައިވާ ނަފްރަތާއި ގަދަކަމުން މީސްތަކުން އަޅުވެތިކުރުމުގެ މަކަރުވެރި މަސައްކަތް ބޭޒާރުވެ، ހާމަކޮށްދޭ ކަމެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ. އެހެންކަމުން ކާފަރު ވިލާތުގެ ޤައުމުތަކުން ހިންގާ މިފަދަ ޖަރީމާތަކަށް މުސްލިމުން ހޭލައި، މުސްލިމް މުޖްތަމަޢުތަކަށް އެކަންކަން ވެރިވެގަތުމުގެ ކުރީން ހުޝިއާރުވެ ތިބުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

"ފަރަންސޭސިވިލާތް ނުވަތަ ފްރާންސުގެ ސަރުކާރުން ހިންގާފައިވާ ލާދީނީ ގޮތެއްފޮތެއް ނެތް ނާތަހުޒީބު އެ ޢަމަލު ކުށްވެރިކުރުމަށް އަޅުގަނޑުމެން އަވަސްވެ ގަންނަންޖެހެއެވެ. އަދި އެޤައުމުގެ އުފެއްދުންތައް ބޮއިކޮޓުކޮށް، އެޤައުމުން އެ ޢަމަލުތައް ހުއްޓާލައި، މުސްލިމުންގެ ކިބައިން މާޢާފަށް އެދެފުމަށްދާންދެން އެމީހުންނާއެކު ސިޔާސީ އަދި ވިޔަފާރީގެ އެއްވެސް ގުޅުމެއް ނުބޭއްވުމަށް ދިވެހި ސަރުކާރަށް އަޅުގަނޑުމެން މި ގޮވާލަނީ ދިވެހި ހުރިހާ މުސްލިމުންގެ ނަމުގައެވެ. އަދި މި ގޮވާލުމަށް ސަރުކާރުން އިޖާބަނުދިންނަމަވެސް ކޮންމެ ދިވެއްސަކުވެސް އަމިއްލަ ފަރުދީ ޒިންމާގެ ގޮތުން ފުރާންސުގެ އުފެއްދުންތައް އެކީ އެކަށް ބޮއިކޯޓު ކުރުމަށް ގޮވާލަމެވެ! އަދި އެކަމުގެ ނުރުހުމާއި އިންކާރުކޮށް އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާގެ ދިފާޢުގައި އަޅުގަނޑުމެންވެސް ކޮންމެވެސް ޙައިޘިއްޔަތަކުން ބައިވެރިވުމުގެ ނަޞީބު ލިބިގަތުމަށްވެސް އެންމެހާ އަޚުންނާ އުޚްތުންނަށް ހަނދުމަކޮށްއަރުވަމެވެ"، ބަޔާނުގައި ބުނެފައިވެއެވެ.

Advertisement

ކޮމެންޓް

Advertisement