Advertisement

ދިވެހިންގެ ބަދަލުވަމުންދާ ދިރިއުޅުން

31 Oct 2020 | 10:43

ދިވެހިންނަކީ އަބަދުވެސް ތަފާތު ބައެކެވެ. އަމިއްލަ ބަހަކާއި އަމިއްލަ ސަގާފަތެއް ގެންގުޅޭ ބައެކެވެ. ނަމަވެސް މިއަދު މިވަނީ ދިވެހީންގެ މިކަން ބަދަލުވެފައެވެ. ކޮންމެ ގޮތަކަށް ބެލިކަމުގައިވިއަސް، ދިވެހިން މިވަނީ ވަރަށް ބޮަޑަށް ހުޅަނގުގެ އާދަކާދަ ތަކަށް ދެވިހިފައިފައެވެ.

އެބައެއްގެ މެދުގައި އެއްބައިވަންތަކަމާއި، އެއްބައެއްވަންތަ ކަމާއި، އެއްބަނޑު އެއްބަފާކަން އޮތުމުގެ ނަސީބު ދިވެހިންނަށް ވަނީ ލިބިފައެވެ. ނަމަވެސް ހިތާމައަކީ މި ރިވެތި އަޚްލާގުގެ ތެރެއިން، ގިނަ އާދަތައް ދިވެހިންގެ ތެރެއިން ނެތެމުން ދިއުމެވެ. ނޫނީ ބަދަލުވަމުންދާ ކަމެވެ. ދީނީގޮތުން ބަލައިލިޔަސް އިހުޒަމާނުގައި ދިވެހިންގެ ކިބައިން ފެންނަމުން އައި އާދަތައް ވަނީ ވަރަށް ބޮޑަށް ނެތިގޮސްފައެވެ.

ކުދި އާއިލާ ތަކެއްގެ މައްޗަށް ބިނާވެފައިވާ މި ދިވެހި މުޖުތަމައުގައި، އޮތްހާވެސް އެއްޗަކީ، މި މުޖުތަމައުގައި އޮތް ފުން ލޯތްބާއި އެކުވެރިކަމެވެ. އެއްގެއިން އަނެއް ގެއަށް، އެއްރަށުން އަނެއް ރަށަށް، އެއް އަތޮޅުން އަނެއް އަތޮޅަށް، ދަތުރުކޮށް، ތިމާގެ މީހުންނާއި، ރަށްޓެހި ރަހުމަތްތެރިންގެ ޙާލުބަލައި، ދެކެފަރިތަކޮށް، ހަމަ އެހާމެ ގުޅުން ބަދަހިކޮށް، ދިރިއުޅުން ބައްޓަން ކުރަމުން އައި ސަގާފަތެވެ. މިކަމުގެ ސަބަބުން، އާއިލީ ގުޅުމާއި، ގާތްތިމާގެ ގުޅުންތަކާއި އަވަށްޓެރިކަމުގެ ގުޅުންތައް އައީ ހަރުދަނާވެ، އެކަތައަށް ވަމުންނެވެ.

އުފެދޭ ސުވާލަކީ، މިދެންނެވި އާދަތައް މިއަދު ނެތިގެން މިދަނީ ކީއްވެގެންތޯއެވެ؟ މިކުރެވުނު ސުވާލުގައި އޮތް ބަރުދަނަކީ ކޮބައިތޯ ބަލައިލުމުގެ ގޮތުން، ދިވެހިންގެ ތެރެއިން މިއަދު ފެންނާން އޮތް އާދައެއް ކަމުގައިވާ ކެއިން ބުއިމަށް ބަލައިލަމާ ހިނގާށެވެ. އިހު އުޅުނު ދިވެހިންގެ މެދުގައި، އެޒަމާނުގައި ކޮންމެ ކަމެއްގައިވެސް ވަކި ހާއްސަ، ހަމަތަކަކާއި، ގަވާއިދުތަކަކާއި، އުސޫލުތަކެއް އޮވެއެވެ. މިސާލެއްގެ ގޮތުން މަގުމަތީގައި ކެއުމާއި ބުއިމަކީ، މިއަދު އާންމު ގޮތެއްގައި ފެންނާނެ މަންޒަރެކެވެ. އެހެން ނަމަވެސް މިކަމަކީ، އިހު ދިވެހީންގެ ނަޒަރުގައި ވަރަށް ހުތުރު އާދައެކެވެ. ޒަމާން ތަރައްގީވެ ތަހުޒީބުވަމުން އަންނަ އައުމުގައި، ދޫކޮށްލާން ޖެހޭނީ ބޯދާ އާދަތަކެވެ. މިދެންނެވި ފަދަ ސާދާ އާދަތަކެއް ނޫނެވެ. އެހެންނޫންނަމަ މި ތަހުޒީބު ޒަމާނުގައިވެސް، "ޑައިނިންޓޭބަލް ނުވަތަ ޑައިނިންރޫމް" ގޭބީސީ ތަކުގައި ނުހުންނާނެއެވެ. މިކަމަކީ، މަގުމަތީން ފުއްދާލެވެން އޮތް ކަމެއްނަމަ، ކާ މޭޒާއި ގޮނޑިއާއި ކާކޮޓަރި ހެދުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އަޅުގަނޑަށް އެނގޭ ކަމަކީ، އިސްލާމް ދީނުގައި، ކެއިންބުއިމުގެ ރީތި އާދަތަކެއް އޮންނަކަމެވެ. އަދަބުތަކެއްވެސް އޮންނަކަމެވެ. އެއްސުފުރާއަކުން ކާން އަރަން، ދީން ބާރުއަޅާ ކަމެވެ.

ދިވެހި މުޖުތަމައުގައި އެއްބައިވަންތަކަމުގެ ރީތި ސަގާފަތަކާއި، ސިފަތަކަކާއި، އާދަތަކެއް ނެތީވިއްޔާ އެއީ ދިވެހިވަންތަކަން ހާމަވާ އެއްބައެއްވަންތަ މުޖުތަމައެކޭ ދެންނެވިދާނެތޯއެވެ؟ ދިވެހިންގެ ރަށްވެހި މުޖުތަމައު، އެއްބައިވަންތަ ކުރުވީ، ދިވެހިންގެ ތެރޭގައި ނުލިޔެވި އޮތް، އެހެން ނަމަވެސް އެންމެންގެ މައްޗަށް، އަމަލު ކުރަމުން އައި ގާނޫނަކުންނެވެ. އެއީ ލިޔެވިފައި އޮތް ގާނޫނަކަށްވުރެން ބާރުގަދަ ސަގާފަތެކެވެ. އާދަކަދަ ތަކެކެވެ.ހަމަތަކެކެވެ. މިސާލަކަށް ގަޔަށް އެއްޗެއްނުލައި މަގުމައްޗަށް ނުނިކުތުމެވެ. 

ސަލާމްކޮށް، ހާލުއަހައި އުޅުމުގެ އާދައެވެ. އެއްސުފުރާމަތިން، އާއިލާއާއި ތިމާގެ މީހުންނާއި، ރައްޓެހި ރަހުމަތްތެރިން، ކައިބޮއި އުޅުމުގެ އާދައެވެ. ރަށް ކުނިކަހާ ރީތިކޮށް ބޭއްވުމުގެ އާދައެވެ. ބޮޑެތިމީހުންނަށް އިހުތިރާމް ކުރުމުގެ އާދައެވެ. ހެޔޮފޯރުކޮށްދީ އުޅުމުގެ އާދައެވެ. ހިލޭ ސާބަހަށް ފަންނުމަސް ބަހައި އުޅުމުގެ އާދައެވެ. އޮޑިދޯނިފަހަރު އެހެލައި ބޭލުމުގައި، ވަލުގައި ހިފައިދޭން ގޮސް އުޅުމުގެ އާދައެވެ. މިއިން އެއްވެސް ވާހަކައެއް އެއްވެސް ގާނޫނެއްގައި ލިޔެފައި އޮއްވައި ދެކެވަޑައިގަތީމުތޯއެވެ؟ އެކަމަކު، މިއާދަތައް، އެތައް ގަރުނަކަށް ދެމިގެން އެއައީ، އެއީ މުޖުތަމައެއްގައި ކޮންމެހެން އޮންނާންޖެހޭ ސިފަ ތަކެއްކަމަށް، އިހު ކާބަފައިން ބަލައިގެންފައި އޮތީމައެވެ. މިއަދު މުޖްތަމައުއިންނާއި އާއިލާތަކުން، ފެންނަންޖެހޭ އެއްބައިވަންތަކަން، އެންމެ އެދޭގޮތުގައި ފެންނަމުން ނުދަނީ، އާދަކާދަތައް، ބަދަލުވެ ދިއުމުންނެވެ. މުޖުތަމައުގެ " ސޯޝަލް ވެލިއުސް" ނުވަތަ އިޖުތިމާއީ އަގުތައް ބީވެގެން ދިއުމުންނެވެ. މިދެންނެވި އެކުވެރިކަމެއް، އެއްބައިވަންތަކަމެއް އަދި އިހު އޮތް އާއިލީ ގުޅުމެއްވެސް އަޅުގަނޑުމެންގެ ތެރޭގައި ފެންނަކަށް ނެތެވެ.

މިއަދު މިމުޖުތަމައުގައި ހިލޭ ސާބަހަށް އެއްވެސް އުޖޫރައެއްނެތި މަސައްކަތް ކޮށްދި އުޅޭތީ ފެންނަނީވެސް މަދުބައެއްގެ ފުށުންނެވެ. އަޅުގަނޑުމެންގެ ތެރޭގައި އެއްބަޔަކު އަނެއްބަޔަކަށް އިތުބާރުކުރާ ބައެއް ނެތެވެ. މިއާދަވަނީ މި މުޖުތަމައުން ގެއްލިފައެވެ. އަނެކާ އާއިމެދު ދެކޭގޮތާއި ގަބޫލުކުރާގޮތް ތަފާތުވަމުން، އެމީހަކާ ޚިޔާލު ތަފާތު ކޮންމެ މީހަކީ ކަމުނުދާ އަދި އެހާމެ ގޯސްމީހެއް މީހެއްކަމުގައި ދެކޭ މީހުންވަނީ އިތުރުވެފައެވެ. މާނައަކީ، ހުރިހާވެސް މީހަކީ، ތިމާއެވެ. އެންމެ މޮޅަށް އެގެނީވެސް، އެނގެންޖެހޭނީވެސް ތިމާއަށެވެ. ތިމާ ނިންމާ ނިންމުން އެއީ އެންމެ ފަހުގެ ނިންމުމެވެ.  

ސުވާލަކީ، އެހެން ކަމަށް ވާނަމަ، ތިމާ އެ ދީނެއްގައި ފައިތިލަ ސާބިތުކޮށްގެންހުރި އިސްލާމްދީން، ޚުދު ތިމާއަށާއި މުޖުތަމައަށް، ގޮވާލާ " ވައަމްރުހުމް ޝޫރާ ބައިނަހުމް" ގެ މަތިވެރި މަޝްވަރާގެ އުސޫލު ކޮބައި ހެއްޔެވެ؟ 

ފޮޓޯ: ޕިންއިންޓްރެސްޓް

Advertisement

ކޮމެންޓް