Advertisement

ތުރުކީއަށާއި ގްރީސްއަށް ބިންހެލުމެއްގެ އަސަރުކޮށްފި

30 Oct 2020 | 19:54

ތުރުކީގެ އައްސޭރިފަށުގެ ޝަހަރެއްކަމަށްވާ އިޒްމިރް އަދި ގްރީސްގެ ބައެއް ރަށްތަކަށް ބިންހެލުމެއްގެ އަސަރުކޮށްފިއެވެ.

ރެކްޓަރ މިންގަނޑުން 7.0ގެ ބާރުމިނުގެ މި ބިންހެލުމުގައި ތުރުކީގެ އިޒްމިރް ޝަހަރުގެ ބައެއް އިމާރާތްތައް ވަނީ ވެއްޓިފައެވެ. އެގައުމުގެ ކަމާބެހޭ ފަރާތްތަކާއި ހަވާލާދީ ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ބައެއް ފަރާތްތައް ވަނީ ތާށިވެފައެވެ. އެފަރާތްތައް ސަލާމަތްކުރުމުގެ މަސައްކަތް އާންމުންނާއި ސަލާމަތީ ޚިދުމަތްތަކުން ގުޅިގެން ދަނީ ކުރަމުންނެވެ.

މި ބިންހެލުމުގައި އެ ސަރަހައްދުން 4 މީހުން މަރުވެ، 120 ވަރަކަށް މީހުން ޒަޚަމްވެފައިވާކަމަށް ތުރުކީގެ ސަރުކާރާއި ހަވާލާދީ "މިޑްލް އީސްޓް އައި" އިން ވަނީ ރިޕޯޓްކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ބިންހެލުމަށްފަހު މޫދުގެ ލޮނުގަނޑު ވަނީ ދަމައިގަނެ، "މިނީ ސުނާމީ"އެއްގެ ގޮތަށް އެ ޝަހަރަށް އަރާފައެވެ.

އަލްޖަޒީރާއިން ރިޕޯޓްކުރާގޮތުގައި މި ބިންހެލުމުގެ އަސަރު ވަނީ ގްރީސްގެ ބައެއް ރަށްތަކަށާއި ވެރިރަށް އެތެންސްއަށްވެސް ކޮށްފައެވެ. މި ބިންހެލުމުގެ ސަބަބުން ގްރީސްގައި އިމާރާތްތަކަށް ގެއްލުން ލިބި، މިނީ ސުނާމީއެއް އެރުން ފިޔަވައި އިތުރު ކަމެއް ހިނގައިދިޔަ ކަމަކަށް މިހާތަނަށް ރިޕޯޓްކޮށްފައެއް ނުވެއެވެ.

Advertisement

ކޮމެންޓް