Advertisement

ގޭންގް ސްޓާރ -4-

31 May 2020 | 06:28

ވަޒީފާއެއް ހޯދުމަށް އަހަރެން މަސައްކަތް ފެށީމެވެ. އަހަރެންނަށް ލިބިފައިވާ ނަތީޖާއާ ގުޅޭ ކަހަލަ ވަޒީފާތަކަށް އަހަރެން ގެންދިޔައީ މެއިލް ފޮނުވަމުންނެވެ. މިގޮތަށް އަހަރެން ދެ ތިން މަސް ވަންދެކަށް މަސައްކަތް ކުރީމެވެ. އެތައް އިންޓަވިއުއަކަށް ދިޔައީމެވެ. ނަމަވެސް ލިބެމުން ދިޔައީ އެއް ޖަވާބެކެވެ. ޙަބަރެއް ވާނެކަމެވެ. މިކަމާ އަހަރެން ވަރަށް މާޔޫސްވީމެވެ. އަދި ޗަކޯ އާ ބައްދަލްކޮއް އެވާހަކަ ހިއްސާކުރީމެވެ. ޗަކޯ އަހަރެންނަށް ހިއްވަރު ދިނެވެ. އަދި ކޮންމެހެން ގޮނޑިއެއްގައި އިންނަ ވަޒީފާއެއް ހޯދުމަކީ މުހިއްމު ކަމެއް ނޫންކަން އަހަރެންނަށް ވިސްނައިދިނެވެ. އަދި އެންމެ ދަށް ފަންތީގެ ވަޒީފާ އަކީވެސް އަތަށް އާމްދަނީއެއް ލިބޭނޭ ކަމެއްނަމަ އެކަމަށް ކުރިމަތިލާން ބުނެލިއެވެ.

ޗަކޯގެ ނަސޭހަތް އަޑުއަހާ އަހަރެން ގުދަނެއްގެ މަސައްކަތު މީހެއްގެ ވަޒީފާ ހޯދީމެވެ. އެވަޒީފާއިން ލިބޭ އާމްދަނީއިން އަހަރެންނަށް ދެކޮޅުވެސް ނުޖެހެއެވެ. ނަމަވެސް އަހަރެންނަށް ދަތިކަން ޗަކޯ ދިޔައީ ފިލުވައިދެމުންނެވެ. އެ ގުދަނުގައި މަސައްކަތް ކުރާ އެންމެނާވެސް އަހަރެން ގުޅިގެން އުޅެން ދަސްކުރީމެވެ އޭގެ ސަބަބުން އަހަރެންނަށް އެންމެންވެސް ގަދަރުކުރިއެވެ އަދި ލޯބިވެސް ލިބެންފެށިއެވެ. އަދި މުދާ ހިފައިގެން ތަންތަނަށް ދަމުންގޮސް މުޅި މާލެ ހިތުދަސްކުރީމެވެ.

އަހަރެން އެގުދަނުގައި މަސައްކަތްކުރާތާ މިއަދު މީ ތިން އަހަރު ހަމަވިދުވަހެވެ. މަސައްކަތް ނިންމާފައި ގެއަށް ދާން އުޅެނިކޮއް އަހަރެން ކައިރީ މަޑުކުރަން ގުދަނާ ހަވާލުވެގެންހުރި މެނޭޖަރު ބުނެލިއެވެ. ސަބަބަކީ އަހަރެންނާ ކުންފުނީގެ އެންމެ އިސްފަރާތަކުން ބައްދަލްކޮއްލަން ބޭނުންވާތިއެވެ. މެނޭޖަރުއާއެކު އަހަރެން މިބުނާ އިސްފަރާތަކާ ބައްދަލު ކުރުވަން ގެންދެވުނީ ކައިރީގައި އިންނަ ކެފޭއަކަށްށެވެ. އެތަނުގައި ވަކިން އިން ކޮޓަރިއަކަށް އަހަރެން ވެއްދިއެވެ. އަދި މޭޒެއްދޮށުގައި ބައިންދާފައި މެނޭޖަރުވެސް މަޑުކޮއްލައިގެން ހުރިއެވެ. މާކަށް ގިނައިރެއްނުވެ ކޮޓަރިއަށްވަނީ ފައިލްތަކެއް ހިފައިގެން ހުރި ޒުވާން ރީތި ކުއްޖެކެވެ. އަދި އޭނާ ފަހަތުން މެދު އުމުރުގެ މީހަކުވެސް ވަނެވެ. އަހަރެން އިން މޭޒުގައި އެމީހުން އިށީނެވެ. އަދި ފައިލްތައް ހާވާލާފައި އެތަނުން އެއް ފައިލް ނަގާ މެދު އުމުރުގެ މީހާ ކަރުކަހާލުމަށްފަހު އަހަރެންނާ ހަތަރުކަޅި ހަމަކޮއްލުމަށްފަހު ހަރުކަށި އިބާރާތުން ފަށައިގަަތެވެ.

" އަހަރެންނަކީ މި ކުންފުނީގެ ވަރަށް އިސް މީހެއް. އަހަރެންނަށް ކިޔަނީ ޒިޔާދު. އަހަރެން ކަލޭ މިތަނަށް ހާޒިރުކުރަން މިޖެހުނީ ކީއްވެކަން އެނގޭތަ؟ "

އަހަރެން ހައިރާންވެފައި އިނދެ ބޯހޫރުވާލީމެވެ. ސަބަބަކީ އަހަރެންނަކީ ވަޒީފާއަށް ފަރުވާކުޑަކޮއް އެއްވެސް ކުށެއްކޮއްފައި ނުވާ މީހަކަށް ވާތީއެވެ.

" ކަލޭކަހަލަ ކިޔަވައިގެން ހުރި މޮޅުކުއްޖަކު ކީއްކުރަން މިކަހަލަ ވަޒީފާއެއް ތި އަދާކުރަނީ؟ އަހަރެން މިއަދު މި އައީ ކަލޭގެ ފައިލްވެސް ހިފައިގެން އޭގައި މިވާ ނަތީޖާއަކާ ކަލޭ ތި އަދާ ކުރާ ވަޒީފާއަކާ އެކަށީގެނެއްނުވޭ. ގުދަން މެނޭޖަރުވެސް ބުނި އެހެން ފުރުތަމަ ކަލޭގެ ސެޓްފިކެޓްތައް ލިބުން ދުވަހު އަހަރެންނަށް ގުޅާފައި. އަހަރެން ބުނެގެން އޭނާ ކަލޭ ބެހެއްޓީ ކަލެއަށް އުޅެން ކެރޭތޯ ބަލަން. ދެން މި ކިޔާދެނީ ކަލޭ މިތަނަށް ގެނެވުނު ސަބަބު. މިއަދުން ފައްޓައިގެން ކަލޭ ތިހުރީ މަސައްކަތު މީހެއްގެ ވަޒީފާއިން ވަކިކޮއްފައި. "

ޒިޔާދު އެހެން ބުނުމުން އަހަރެން ވީ މާޔޫސްއެވެ. އަދި އިސްދަށަށް ޖަހާލުމަށްފަހު ޝުކުރިއްޔާއޭ ބުނެ ގޮނޑިން ތެދުވެގެން ދާން ހިނގައިގަތީމެވެ. ގޮސް ގޮސް ހުއްޓާ ޒިޔާދު އަހަރެން ކައިރީ މަޑުކުރަން ބުނެ ގޮނޑީގައި އިށީނުމަށް ބުނެލިއެވެ. އަނެއްކާވެސް އޭނާގެ ހަރުކަށި ރާގުން ފަށައިގަތެވެ.

" ކީއްވެތަ ކަންފަތުން އެއްބައި އަޑު އަހަނީ އަހަރެން މިބޫނީ ކަލޭ ތިހުރީ މަސައްކަތު މީހެއްގެ ވަޒީފާއިން ވަކިކޮއްފައޭ އަހަރެން ނުބުނަން ކަލޭ ކުންފުނިން ވަކިކުރި ވާހަކައެއް. ކަލެއަށް އަހަރެން ތިން ދުވަހު ޗުއްޓީއެއް މިދެނީ އެޔަށްފަހު ކަލޭ ނުކުންނަން ޖެހޭނީ އެސިސްޓެންޓް މެނޭޖަރެއްގޮތުގައި ތިމަސައްކަތް ކުރާ ގުދަނަށް. ކަލޭގެ އުޖޫރަވެސް އަހަރެން މަތިކޮއްދޭނަން އުންމީދުކުރަން އުފާވާނެކަމަށް މިހާރު. މަރުހަބާ އެންގޭތޯ "

މިހެން ބުނުމަށް ފަހު ވަޒީފާ މަތި ކުރިކަމުގެ ލިޔުން އަހަރެންނަށް އޭނާ ދިނެވެ. އަދި ކުރިޔަށް ދިޔުމަށް ހިއްވަރުދިނެވެ. ވީ އުފަލުން އަހަރެން ބުނާނެ އެއްޗެއް ނޭނގިފައި އިނދެ ގުދަން މެނޭޖަރަށް ނަޒަރު ހިނގާލީމެވެ. އޭނާގެ މޫނުމަތިން ފެނިގެންދިޔައީ އުފާވެރިކަމެވެ. އަހަރެން ކޮޅަށް ތެދުވެ އެންމެނާ ސަލާމް ކުރުމަށްފަހު ގެއަށް ދިޔައީމެވެ. އަދި ގޮސް މާމަ އަތަށް އެ ސިޓީ ދިނީމެވެ. ސިޓީ ދިނުމުން މާމަ އެއީ ކޮން އެއްޗެއްތޯ އަހާލިއެވެ. އަހަރެން ސަމާސާ ކުރަން ރޯކަމަށް ހަދާފައި ވަޒީފާއިން ކަނޑާލީއޭ ބުނީމެވެ. މާމަ އެކަމާ ފިކުރު ކުރަން ފެށުމުން ހިނިތުން ވެލާފައި މާމަ ކައިރި އެއީ ސަމާސާއެއްކަމަށް ބުނެ ވީ ހުރިހާ ކަމެއް ކިޔާދިނީމެވެ. މާމަވެސް އެކަމާ ވަރަށް އުފާކުރިއެވެ. މާމައާއެކު ވަގުތު ހޭދަކުރުމަށް ފަހު ޗަކޯއަށް މި އުފާވެރި ޙަބަރުދޭން އަހަރެން ހިނގައި ގަތީމެވެ.  

Advertisement

ކޮމެންޓް