ގުބާރު 27

02 Nov 2020 | 10:48

ސާރާ ފެންވަރަން ވަދެފައިވެސް ވިސްނަމުން ދިޔައީ ދެން ކަންކަން އެނބުރިގެންދާނެ ގޮތަކާއި މެދުގައެވެ. ނާޝިދު ކޯޓުގައި އެއްވެސް ކަމަކަށް އެއްބަސްނުވާނެ ކަމުގެ ޔަގީންކަން ސާރާއަށް އެބައޮތެވެ. އޭނާ މިފަހަރުވެސް މަސައްކަތްކުރާނީ ކޮންމެވެސް ސިފައެއްގައި އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުން ބަރީއަވުމަށެވެ. ހިޔާލީ ކޯރެއްގެ ތެރޭގައި ހިނގަމުން ދިޔަ ސާރާގެ ސިކުނޑިން އެ ހިޔާލުތައް ބޭރުވީ އިގްބާލު އައިސް ފާހާނާގެ ދޮރުގައި ޓަކިޖެހި އަޑަށެވެ. ސާރާ އަވަސްގޮތަކަށް ފެންވަރާލައިގެން ކޮޓަރިއަށް ނިކުތްއިރު، ނިތްކުރި މަތީގައި ބޯ އަޅާލައިގެން އިގްބާލު އޮތެވެ. "އިގްބާލު!. ކިހިނެއްވީ؟." ސާރާ ގައިން ފެންހިއްކަމުން އިގްބާލާއި ވާހަކަ ދެއްކިއެވެ. "ބުނަންވީތަ؟." ނިތްކުރިމަތީގައި އޮތް އަތް ނަގަމުން އިގްބާލު ސާރާއާއި ދިމާލަށް ބަލާލިއެވެ.

"އާ. ބުނެބަލަ. އެހެންޏާ ގެއަށް އައިސް އޮންނަ ގޮތެއް ނޫން ތީކީ. އޮފީހުގައި މާ ބުރައީތަ؟." ސާރާ ދިޔައީ ސުވާލަކަށްފަހު ސުވާލެއް ކުރަމުންނެވެ. އެވަގުތު އިގްބާލު މަޑުހިގުމެއްގައި ހިނގާފައި އައިސް ސާރާގެ އުނަގަނޑުގައި ފުރަގަހުން ބައްދާލިއެވެ. އޭރު ސާރާ ގައިގައި އޮޅާލައިގެން ހުރި ތުވާލި ނުވެއްޓުނީ ހަމަ ކިރިޔާއެވެ. އިގްބާލު ބައްދާލިގޮތުން، ސާރާއަށް ދޭހަވީ މުޅިން އެހެން މާނައެކެވެ. ހީވީ ކަރުހިއްކައިގަނެގެން އުޅުނުހެންނެވެ. "ހިހި. ދެން މިގަޑިއަކު ނޫން. އޯކޭތަ؟." ސާރާ ދެލޯ މަރާލިއެވެ. "މިއުޅެނީ ތިކަހަލަ ކަމެއްގައެއް ނޫން. އަހަރެން މިއައީ ވަރަށް އުފާވެރި ހަބަރެއް ހިފައިގެން." އިގްބާލު ސާރާގެ ދެ ކޮނޑުގައި ހިފާފައި ގެންގޮސް މަޑުމަޑުން އެނދުމަތީގައި ބޭންދިއެވެ.

"އަހަރެންގެ ހަޔާތަށް ސާރާ އައި ފަހުން، އަހަރެންގެ ވިޔަފާރީގައިވެސް މި ލިބެނީ މުޅިންހެން ކާމިޔާބު. ތިއީ ހަމަ އަހަރެންނަށް ލެއްވި ރަހުމަތެއް. ތަންކޮޅެއް ކުރިންރެއަކު އަހަރެން ބުނީމެއްނު ސިންގަޕޯ ކުންފުންޏެއް ރާއްޖޭގައި މާރކެޓުކުރަން ފަހަރުގައި ލިބިދާނެއޭ. އެ ޑީލް ލިބުނީ އަހަރެންގެ ކުންފުންޏަށް. އެއީ ދެ މިލިއަން." އިގްބާލުދިން އެ އުފާވެރި ހަބަރާއެކު ސާރާއަށް ބޭއިހްތިޔާރުގައި އިގްބާލު ގައިގައި ބައްދާލެވުނެވެ. އިގްބާލު އެއަށްވުރެ ބާރަށް ސާރާގެ ގައިގައި ބައްދާލިއެވެ. ކުށްލިއަކަށް ސާރާ ހަނދާންވީ އަނެއްކާވެސް ނާޝިދުގެ މަތިންނެވެ. "އިގްބާލު އަހަރެން މެސެޖު ކުރީމެއްނު.!" ސާރާ ބުންޏެވެ.

"ޔެސް ސާރާ. މެސެޖު ލިބުނު. މިއަދަކީ ވަރަށް އުފާވެރި ދުވަހެއް. އިރާދަކުރެއްވިއްޔާ އިންސާފު ލިބޭނީ އަހަރެމެންނަށް. ނާޝިދު ދެކެ ނޫނީ ނާޝިދު ގޯނާއެއް ކޮށްފާނެ ކަމަށް ސާރާ ބިރުނުގަންނާތި. އޭރުން އޭނައަށް އެ ލިބެނީ ހިތްވަރެއް." އިގްބާލުގެ އެ އޯގާތެރި ބަސްތަކުން ހީވީ، ސާރާގެ ހިތުގެ ހާލު އޭނާއަށް ވަރަށް ރަނގަޅަށް އެނގޭހެންނެވެ. އިގްބާލުދިން ހިތްވަރުގެ ބަސްތަކާއެކު، ސާރާއަށް ހިތްވަރެއް ލިބުނެވެ. އަދި ފަސްނުޖެހި ކުރިއަށް ދިއުމަށް އަޒުމް ކަނޑައެޅިއެވެ. މިހެން އިންދާ، އިގްބާލު މަޑުމަޑުން ސާރާއާއި ގާތްވާންފެށިއެވެ. ސާރާވެސް މަޑުމަޑުން ގާތްވިއެވެ. އިގްބާލު ސާރާގެ ރިހި ކަނދުރާއަށް ބޮސްދިނެވެ. އަދި ސާރާގެ ގައިގައި އޮޅާފައިއޮތް ތުވާލު މަޑުމަޑުން ނިއުޅުވާލިއެވެ. ދެމީހުންގެ ނޭވާގެ ހޫނުކަން އެކަކު އަނެކަކަށް އިހުސާސް ކުރެވެން ފެށިއެވެ. އަދި އަތާ އަތް ޖޯޑުކޮށްލުމަށްފަހުގައި އިގްބާލު، ސާރާ މަޑުމަޑުން އެނދު މައްޗަށް ޖެއްސިއެވެ. މިހާ ހިސާބުން ދެމީހުންނަށް ދުރުނުވެވޭހާ ގާތްވެވިއްޖެއެވެ.

މޯޅިއަކަށް ދެމިލަމުން ސާރާ އެއްފަރާތަކަށް ފުރޮޅިލިއެވެ. ފޮނިފޮނި ވަގުތުކޮޅަކަށްފަހު ނިދާހޭލެވުނީ ފޯނު އެލާމްވާ އަޑަށެވެ. ގަޑި ބަލާލިއިރު ގަޑިން މެންދަމު އެކެއް ޖަހަނީއެވެ. އޭރު އިގްބާލު އޮތީ ފުން ނިންޖެއްގައި ނިދާފައެވެ. ސާރާއަށް ހޭލެވުނުއިރު ހުރީ ވަރަށް ބަނޑުހައިވެފައެވެ. ވުމާއެކު، ބަދިގެއަށް ވަދެ އައިސްއަލަމާރީގައި ހުރި ޖޫސް ޕެކެޓު ނަގައި އޭގެން ޖޫސް ފޮދެއް ތައްޓަކަށް އެޅިއެވެ. އަދި އަލަމާރިތެރޭގައި ހުރި ބިހުން، ބިސްގަނޑެއް އަޅާލައިގެން ދެ ޕާންފޮތި ހިފައިގެން އައިސް ކާމޭޒު ކައިރީގައި އިށީންދެލިއެވެ. ސާރާ ބިސްމި ކިޔާފައި ވަރަށް ހަމަޖެހިލައިގެން އިދެ ކާންފެށިއެވެ. ފުރަތަމަ ޕާންފޮތި ހުސްވެ، ދެވަނަ ޕާންފޮތި އަނގަޔަށް ލުމަށް ތައްޔާރުވެލިތަނާއި މީހަކު ގޭ ދޮރުގެ ބެލްޖެހި ޖެހި އަޑު އިވުނެވެ.

ސާރާ ފުންމައިގެން ތެދުވިއެވެ. އަދި ދުވެފައި ގޮސް ނިދާފައި އޮތް އިގްބާލަށް ގޮވިއެވެ. "އިގްބާލް. އޭ. އޭ އިގްބާލް. ތެދުވެބަލަ. ކޮންމެވެސް މީހަކު ބެލް ޖަހާއެބަ." ސާރާ ހުރީ ހާސްވެފައެވެ. ނިދާފައި އޮތް އިގްބާލު ދެލޯ ފޮހެމުން ތެދުވިއެވެ. އަދި ސައިޑު ކަބަޑު މަތީގައި ހުރި ގަޑިއަށް ބަލާލިއެވެ. "ކާކު މިގަޑީގަ؟. ޔަގީންތަ ބެލް ޖެހިކަން؟." އިގްބާލު މަޑުމަޑުން އެނދުން ތެދުވިއެވެ. އެހިނދު ސާރާއަށް އިތުރު އެއްޗެއް ނުބުނެވި އުޅެނިކޮށް އަނެއްކާވެސް ދޮރުގައި ބެލްޖެހި އަޑުއިވުނެވެ.

މިފަހަރު އިގްބާލަށްވެސް އެ އަޑު އިވޭނެއެވެ. އިގްބާލު އާދައިގެ ހިނގުމެއްގައި ހިނގާފައި ގޮސް ދޮރުގައި ހަރުކޮށްފައި ހުރި ސްޕައި ހޯލުން ބޭރު ބަލާލިއެވެ. ދޮރުމަތީގައި އޭނާއަށް ފުރަގަސްދީގެން ހުރީ ފިރިހެނެކެވެ. ކޮނޑާއި ހަމައަށް ބޯދިގުކޮށްފައި، ގޮޅިޖެހި ގަމީހަކާއި، ފައިކަށިމައްޗަށް އަރާވަރުގެ ފަޓުލޫނެއް ލައިގެން ހުރި މީހެކެވެ. އިގްބާލު ވަރަށް ހުޝިޔާރުވެހުރެ ކުށްލިއަކަށް ދޮރު ހުޅުވިއެވެ. ހަމަ އެ ސިކުންތު ދޮރު ކުރިމަތީގައި ހުރި މީހާ، އަނެއް ފަރާތަށް އެނބުރުނެވެ. އިގްބާލު ގޮށްމުއްކޮވާފައި އެމީހާގެ ގައިގައި ނަގަންޖެހި އަތް ހުއްޓުނީ ސާރާ ހަޅޭއްލަވައިގަތުމުންނެވެ. އެވަގުތު ދެމީހުންނަށް އެއްފަހަރާ ބަލާލެވުނީ ސާރާއާއި ދިމާލަށެވެ. ސާރާ ހުރީ ގަބުކައިފައެވެ. އޭނާގެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުން ދިޔައެވެ. އެހިނދު ދޮރުމަތީގައި ހުރި މަލާޒުގެ ލޮލުންވެސް ހޯސްލާފައި ކަރުނަތައް ފައިބަމުން ދިޔައެވެ. އާއެކެވެ. ދޮރުމަތީގައި ހުރީ މަލާޒު ނޫން ދެވަނަ އެހެން މީހެއް ނޫނެވެ. އެހަކަށް ދުވަހު މަރުވިކަމަށް ބުނި މަލާޒެވެ. ސީރީއާއަށް ހަނގުރާމައަށް ގޮސް ހުއްޓައި މަރުވިކަމަށް ބުނި މަލާޒެވެ.

ސާރާ މަޑު ހިނގުމެއްގައި ހިނގާފައި އައިސް ދޮރުމަތީގައި ހުއްޓުނެވެ. އެކަކު އަނެކަކުގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފެނިފައި އިގްބާލަށްވެސް އެއީ މަލާޒުކަން ޔަގީންވިއެވެ. އޭނާ ވެސް ދިޔައީ ސިއްސައިގެންނެވެ. "މަލާޒު". ވައި އަޑަކުން ސާރާއަށް ބުނެވުނީ މިހެންނެވެ. މަލާޒުގެ ދުލުކުރިއަށް އެންމެ ލަފުޒެއްވެސް ނައެވެ. އޭނާ ދެލޯ ފޮހެފޮހެފައި ހަމަ ރޮނީއެވެ. ސާރާ އަނގަމަތީގައި އަތްއަޅައިގެން ހުރެ އިތުރަށް ރޯންފެށިއެވެ. މިގޮތުގައި ގާތްގަނޑަކަށް މިނެޓެއް ހޭދަވެގެން ދިޔައެވެ. "ތީ ހަމަ މަލާޒުތަ؟." މަލާޒާއި، ސާރާގެ ދެމެދުގައިވާ ހަމަހިމޭންކަން ނިންމާލަދިނީ އިގްބާލެވެ. މަލާޒު އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. މަލާޒަށް އޭރުވެސް ވާހަކަ ދައްކާކަށް ނޭންގުނެވެ. އިގްބާލު އަތުގެ އިށާރާތުން މަލާޒަށް އެތެރެއަށް ވަނުމަށް ދައުވަތުދިނެވެ.

މަލާޒު އިށީންދެފައި ފަނަރަ ވަރަކަށް މިނެޓު ހޭދަވިފަހުން އޭނާ ވާހަކަ ދައްކަންފެށިއެވެ. "އަހަރެން މިއީ ކުށްވެރިއެއް. ކެހިވެރިއެއް. މަކަރުވެރިއެއް. ހިތެއްނެތް މީހެއް. ރަހުމުކުޑަ މީހެއް. އަހަރެން ހަނގުރާމައަށް ދިއުމަށް މަގުފަހިވިގޮތް މިހާރު ތި އެންމެނަށް އޮންނާނީ އެނގިފަ. މިހާރު އަހަރެން އެކަމާއި ހިތާމަކުރަން. އަހަރެންގެ މުޅި ދިރިއުޅުން ގެއްލިއްޖެ. އަހަރެން ހަލާކުވެއްޖެ. އެތައް ތުރާލަކަށްފަހު އަމިއްލަ ފަސްގަނޑުގައި ފައި ޖައްސާލަން ލިބިދާނެ ކަމަކަށް ހީވެސް ނުކުރަން. އަހަރެން މިއައީ ފިލައިގެން. ވަރަށް ވަރަށް ހާލުން. އަހަރެން މި ގެއަށް މިއައީ ހަމަ އެންމެ ކަމަކު. އެއަށްފަހު އަހަރެން އަމިއްލައަށް ފުލުހުންނާއި ހަވާލުވާނަން." މަލާޒު ހީވަނީ އެތައް އަހަރުތަކެއް ވަންދެން ވާހަކަ ނުދައްކާ އިނދެފައި ވާހަކަދެއްކިހެންނެވެ.

"އަހަރެންގެ މުޅި އުމުރުގައިވެސް އެންމެ ލޯބިވި އަދި އެންމެ ލޯބިވާ މީހާގެ ކިބައިން މާފަށް އެދެން. މާފުނުކުރިއަސް އަހަރެންގެ ޝަކުވާއެއް ނެތް." މަލާޒު އިސްއުފުލާ ސާރާއާއި ދިމާލަށް ބަލާލިއެވެ. އޭރު ސާރާ އިނީ އިސްދަށަށް ޖަހައިގެންނެވެ. "އަހަރެން މަލާޒަށް މައާފުކޮށްފިން. އެކަމަކު އަހަރެންނަށް ރަނގަޅީ....އަހަރެންނަށް ރަނގަޅީ ދެން ދުވަހަކުވެސް އަހަރެން ފެންނަ ހިސާބަށްވެސް ނައްޔާ." ސާރާ މިހެން ބުނެފައި، ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ. އޭނާއަށް މިވަގުތު އިހުސާސްކުރެވެމުން ދިޔަކަންކަން ހުދު އޭނާއަކަށްވެސް ނޭންގުނެވެ. މަލާޒު އިށީންދެއިން ގޮނޑިން ތެދުވިއެވެ. އަދި އެގެއިން ނިކުތުމަށް ހިނގައިގަތެވެ. އޭރު އިގްބާލުހުރީ ބުނާނެ އެއްޗެއް ނޭންގި ބަސް ހުއްޓިފައެވެ. "މަރުދުވަހާއި ޖެހެންދެންވެސް ސާރާ ރަނގަޅެއް ބަލައްޗޭ. ކުށްވެރިއަކު އިތުރަށް ދައްކާނެ އެންމެ ވާހަކައެއްވެސް މިތާކުނެތް." މަލާޒު ނިކުންނަމުން އެނބުރިފައި، އިގްބާލު ގާތު ބުންޏެވެ. އިގްބާލަށް އެއްވެސް އެއްޗެއް ނުބުނެވި އުޅެނިކޮށް، މަލާޒު ލިފްޓަށް އަރައިގެން ގޮސްފިއެވެ.

މަލާޒުގެ އެނބުރިއައުން އެއީ ތެދެއްކަން ގަބޫލުކުރަން ސާރާއަށް ވަގުތުނެގިއެވެ. ފުލުހުންނަށް ވެސް އޭރު ލިބިފައިވަނީ ރަނގަޅު މައުލޫމާތެއް ނޫނެވެ. ވުމާއެކު އެއީ ހަމަ މަލާޒުކަން ފުލުހުން ފަހުން ވަނީ ޔަގީންކޮށްދީފައެވެ. ސާރާއެކޭ އެއް ގޮތަށް ފަރީދާއާއި، ވަހީދުއަށްވެސް ވީ ހަމަ އެހެނެވެ. ނަމަވެސް ހިތާމައަކީ އެދެމަފިރިންނަށް، މަލާޒު ފެނުމުގެ ކުރިން ފުލުހުން އޭނާ ހައްޔަރުކޮށްގެން ވަގުތުން ދޫނިދޫއަށް ގެންދިޔަކަމެވެ. މަލާޒު ސީރިއާއިން ފޮށިތަންމަތި ބަނދެގެން އައީ ނާޝިދު މުޅި އުމުރުދުވަހަށް ޖަލުގެ ތޭރިތަކުގެ ފަހަތުގައި ބަންދުކުރުމުގެ ނިޔަތުގައެވެ. މަލާޒު ފުލުހުންނަށާއި، ކޯޓަށް އެއްބާރުލުން ދިނެވެ. އަދި ނާޝިދާއި ދެކޮޅަށް އެތައް ހެކި ބަހެއް ދިނެވެ. ނާޝިދަކީ، ސީރިއާ އާއި އިރާގުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައަށް މީހުން ފޮނުވުމުގައި ރާއްޖެއިން އެންމެ އިސްދައުރެއް އަދާކުރާ މީހާއެވެ. މިއީ ރާއްޖޭގެ ތާރީހުގައިވެސް މިކަމާއި ގުޅިގެން މީހަކު ހައްޔަރުކޮށް ފުރިހަމަ ތަހުގީގެއް ހިންގޭ ފުރަތަމަ ފަހަރެވެ.

ނާޝިދަށް ފުރަތަމަ އައި ހުކުމަކީ ގަސްތުގައި މީހަކު މަރާލުމުގައި އެހީތެރިއެއްގެ ރޯލު އަދާކުރުމުން ލިބުނު ފަންސަވީސް އަހަރުގެ ޖަލުހުކުމެވެ. އަދި ރާއްޖެ ދޫކޮށް، ބޭރުގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް ގޮސްފައިވާތީ އެންޓި ޓެރަރިޒަމް ގާނޫނުގެ ދަށުން ވިހި އަހަރުގެ ޖަލުހުކުމެއްވެސް އައިސްފައިވެއެވެ. ނާޝިދު ގެއްލިގެން ހޯދި ދުވަސްވަރަކީ އޭނާ ހަނގުރާމާގައި އަމަލީ ގޮތުން ބައިވެރިވުމަށް ދިޔަ ދުވަސްވަރެކެވެ. މި ގާނޫނުގެ ދަށުން މަލާޒަށްވެސް ވިހި އަހަރުގެ ޖަލު ހުކުމެއް އައެވެ. ނާޝިދަށް މިފަހަރު ޖެހުނީ ހަތިޔާރު ބަހައްޓާށެވެ. މަލާޒުގެ ހެކިބަހުންނާއި، ކޯޓަށް ލިބިފައިހުރި ހެކިތަކުން ނާޝީދުގެ ހަތަރު އުދަރެސް ފެނުޖެހުނީއެވެ. މަލާޒު ބޭނުންވީ އޭނާއަށް ކޮށްފައިވާ ހުކުމުގެ ހައްގު އަދަބު ލިބި، އެނބުރި ކޮންމެވެސް ދުވަހަކުން މުޖުތަމައުއަށް ނިކުންނާށެވެ. ނާޝިދު އަދި މަލާޒަށް ކުރެވުނު ބޮޑު ހުކުމްތަކަކީ ދިވެހިރާއްޖޭގެ ތާރީހުގައިވެސް ކޮށްފައިނުވާ ހުކުމްތަކެކެވެ. މިއީ ރާއްޖޭގެ ތާރީހުގައި ފަވާލެވޭނެ ވަރުގަދަ ދުވަހެކެވެ.

ބޭރު ގައުމުތަކުގައި ހިނގާ ހަނގުރާމަތަކަށް ގޮސް އެތައް ދިވެހިންނެއް ވަނީ މަރުވެފައެވެ. މީގެ ތެރޭގައި، ސީރިއާއަށް ދިޔަ ބައެއް އަންހެނުން ހުވަފަތްވެފައިވާއިރު، އެމީހުންގެ ޔަތީމުވެފައިވާ ކުދިން ރާއްޖެއަށް ނާދެވި ރެފިއުޖީ ކޭމްޕްތަކުގައި ތާށިވެފައިވެސް އެބަ ތިއްބެވެ. މަންމަ އަކާއި، ބައްޕައަށް އެދެމަފިރިންގެ ހުރި ހަމައެކަނި ދަރިފުޅު ދެން ފެންނާނެ ދުވަހެއްވެސް ނޭންގެއެވެ. ލޯބިން އެތައް އަހަރެއް ވަންދެން އުޅެމުން އައި ދެލޯބިވެރިންގެ ހަޔާތް ފުޑުފުޑުވެ ބިމާ ހަމަވީ، ނުބައި މަގުސަދެއްގައި ރަނގަޅު މަގު އިހުތިޔާރުކުރުމަށް މަގު ކޮށައިދިން ހިޔަޅު ރަހުމަތްތެރިއެއްގެ ސަބަބުންނެވެ. އަދި ކުށެއް ނެތް އަންހެނެއް މި ދުނިޔެއާއި ވަކިވެގެންދާން ޖެހުނީ ކުރެވުނު ކައިވެންޏެއްގެ ސަބަބުންނެވެ. މި ހުރިހާ ކަމެއްގެ ތެރެއިން ފަތާފައި ސަލާމަތުގެ އައްސޭރިއަށް ސާރާއަށް އާދެވުނީ، އޭނާ ދުއްވަމުން ދިޔަ ރިޔަލުގެ މުގުލުގައި އިގްބާލު ހިފުމާއެކުގައެވެ. ކެތްތެރިކަމާއި، ހިތްވަރުގަދަކަން އިސްކުރުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ އޭނާގެ ދިރިއުޅުމުގައި ނެގި ގުބާރުތައް ސާފުވެ، ފަންރިޔަލުގައި ދުއްވާފައި ދިޔަ ދޯނި، ރީތި ގޮނޑުދޮށަކަށް ބީއްސާލުމެވެ.

ނިމުނީ


Advertisement

ކޮމެންޓް

Advertisement