އިނގުރައިދޫ ޔޫތު ފުޓްސަލް ޗެލެންޖްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

02 Nov 2020 | 17:23

ޒުވާނުންނަށް އަމާޒުކޮށްގެން ރ.އިނގުރައިދޫގައި ބާއްވާ އިނގުރައިދޫ ޔޫތު ފުޓްސަލް ޗެލެންޖްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މުބާރާތުގެ މަގްސަދަކީ އެކުވެރިކަން އާލާކޮށް، އިޖުތިމާޢީ ރޫހާއި ކުޅިވެރު ކުޅުމުގެ ރޫހު އާލާކޮށް ދިރުވުމެވެ. އަދި އެ ރަށުގައި ފެންވަރު ރަނގަޅު ފުޓްސަލް ކުޅުންތެރިންތަކެއް އުފެއްދައި، ޒުވާން ކުޅުންތެރިންނަށް މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހޯދައިދިނުމަކީވެސް ޔޫތު ފުޓްސަލް ޗެލެންޖްގެ ބޮޑު އަމާޒެކެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވެސް ހުޅުވާލެވިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ 30 ނޮވެމްބަރު 2020 ވާ ހޯމަ ދުވަހުގެ ރޭ 22:00 ގައެވެ.

މި މުބާރާތް ހުޅުވާލެވިފައިވަނީ އިނގުރައިދޫގެ ޓީމުތަކަށާއި ރަސްމާދޫގެ އެއް ޓީމަށެވެ. އަދި އިތުރު ރަށަކަށް ފުރުޞަތު ދެވޭނީ އިނގުރައިދޫ އިން ބައިވެރިވާ ޓީމުތަކުގެ ޢަދަދަށް ބެލުމަށްފަހުގައިކަމަށް މުބާރާތް އިންތިޒާމްކުރާ ފަރާތްތަކުން މައުލޫމާތުދެއެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ނުނެގުމަށް ވަނީ ނިންމާފައެވެ.

އިނގުރައިދޫ ޔޫތު ފުޓްސަލް ޗެލެންޖްގައި ބައިވެރިވާ ޓީމުތަކުން ޓީމުލިސްޓްފޯމް ހުށައަޅަންޖެހޭ އެންމެ ފަހު ތާރީޚަކީ 09 ޑިސެމްބަރ 2020 ވާ ބުދަ ދުވަހުގެ ރޭ 22:00 ކުރިންނެވެ. އެގޮތުން ޓީމު ލިސްޓްގައި ގިނަވެގެން ޖެހޭނީ 10 ކުޅުންތެރިންނާއި 4 އޮފިޝަލުންނެވެ. މި 10 ކުޅުންތެރިންގެ ތެރޭގައި 1 ކީޕަރު ހިމަނަންޖެހެއެވެ. އަދި ޓީމުގައި ލިސްޓްގައި ހިމެނޭ އެއްވެސް ކުޅުންތެރިއަކު އޮފިޝަލުންގެ ގޮތުގައި ހިމެނިގެން ނުވާނެއެވެ.

ބައިވެރިވާ ކުޅުންތެރިންނާއި އޮފިޝަލުންގެ ޝަރުތުތައް:

ބައިވެރިވާ ޓީމުގެ ރަށުގެ ރަޖިސްޓްރީގައިވާ ފަރާތަކަށްވުން.

ބައިވެރިވާ ފަރާތުގެ މަންމަ ނުވަތަ ބައްޕަ އެރަށެއްގެ ރަށްވެއްސަކަށްވުން.

މުބާރާތުގައި ކުޅޭ ކުޅުންތެރިންނަކީ މީލާދީ ގޮތުން މިއަހަރުގެ ޖެނުއަރީ 1 އަށް 12 އަހަރުފުރި 20 އަހަރު ނުފުރޭ ފަރާތަކަށް ވާންވާނެއެވެ.

އަދި ޓީމުގެ މެނޭޖަރާއި ކޯޗުން ވާންވާނީ މީލާދީ ގޮތުން މިއަހަރު ޖެނުއަރީ 1 އަށް 20 އަހަރު ފުރިފައިވާ ފަރާތެކެވެ.

މި މުބާރާތުގައި ޢަމަލު ކުރާނީ 2020/2021 އަށް އެކުލަވާލާފައިވާ ފުޓްސަލްގެ ޤަވާޢިދަށެވެ. ޤަވާޢިދުގެ އޮވެ ލުއި ދެވޭނެ ޕޮއިންޓެއް އޮތްނަމަ މުބާރާތް ފެއްޓުމުގެ ކުރިން ބައިވެރިވާ ޓީމުތަކަށް އެންގޭނެއެވެ. މި މުބާރާތުގެ މެޗުތައް ކުޅެމުންދާއިރު ކޮންމެ ޓީމަކުންވެސް ދަނޑުމަތީގައި އަބަދުވެސް 18 އަހަރުން ދަށުގެ 2 ކުޅުންތެރިން ތިބެން ޖެހޭނެއެވެ. 18 އަހަރުން ދަށް ކަމުގައި ބެލެވޭނީ މިއަހަރު ޖެނުއަރީ 1 ށް 18 އަހަރު ނުފުރޭ ކުދިންނެވެ.

Advertisement

ކޮމެންޓް