ދިވެހި އަންހެންކުއްޖަކު އަހަންނަށް ދަސްކޮށްދިން ފިލާވަޅު

05 Nov 2020 | 02:24

އަހަރެންގެ ވަރަށް ގާތް ރައްޓެއްސަކު ހުރެއެވެ. އަހަރެމެންނެކޭ އެއްފަދައިން މި ޒުވާނާއަކީވެސް އޭނާގެ ބޮޑުބޭބެއެއްގެ އަމިއްލަ ވިޔަފާރިއެއް ހިންގާ އޮފީހެއްގައި ޕްރޮކިޔޮމަންޓް އޮފިސަރެއްގެ ގޮތުގައި ހީވާގިކަމާއެކު މަސައްކަތްކުރާ މުރާލި އަންހެންކުއްޖެކެވެ. އަހަންނަކީ ސަރުކާރު ވަޒީފާއެއްގައި އުޅޭ މީހަކަށްވުމުން، އަހަންނަށްވުރެން މާބޮޑު މުސާރައެއް އަހަރެންގެ އެކުވެރިޔާއަށް ލިބެއެވެ. މިއީ މި އަހަރެންގެ އެކުވެރިޔާގެ ވާހަކައެވެ.

އެކުވެރިޔާގެ ކޮންމެ ހަފްތާއަކު ހަ ދުވަހު، ކޮންމެ ދުވަހެއްގެ 10 ގަޑިއިރު މަސައްކަތުގައި ހޭދަކުރެއެވެ. އެކުވެރިޔާ މަސައްކަތުގައި ހޭދަކުރާ ވަގުތާއި އަޅާބަލައި، އޭނާއަށް ލިބޭ ފަސް އަދަދުގެ މުސާރައެއީ އަހަރެން ދެކޭ ގޮތުގައި މަދު ޢަދަދެކެވެ. ވަޒީފާއަށްދަމުން، ކޮލެޖަށް ދަމުން، އެހެންވެސް ޒުވާން އަންހެން ކުދިންނެކޭ އެއްފަދައިން އުޅެމުންދިޔައީ އާދައިގެ ދިރިއުޅުމެކެވެ.

ނަމަވެސް އެއްދުވަހަކު ދިމާވެގެން އަންހެންކުއްޖާ އެހެން ވަޒީފާއެއް ހޯދައިގެން އެހެންތަނަކަށް ބަދަލުވާން ވަރަށް ބޮޑަށް ބޭނުންވާ ވާހަކަ ބުންޏެވެ. އޭނާ ބުނިގޮތުން ބޭނުންވަނީ ސަރުކާރު ވަޒީފާއެކެވެ. އެވާހަކަ ކުރުނުކޮށް ކިޔަންފެށިއެވެ. އެވާހަކަ ދެކެވޭ ކޮންމެ ހިނދެއްގައި އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ މާޔޫސީކަމެވެ. އެއިން ކޮންމެ ފަހަރަކު ކަންބޮޑުވުމާއި ހާސްކަމުގެ އަނދިރިކަމެއް އޭނާ ވަށާލާކަހަލައެވެ. ވަރުގަދަ ޠޫފާނެއް އޭނާގެ މޭތެރޭގައި އުތުރިއަރާފަދައެވެ. އަހަރެން އޭނާއަށް މިވެގެން އުޅޭގޮތް އޮޅުންފިލުވަން ބޭނުންވިއެވެ. އެންމެފަހުން ކެތްނުކުރެވިގެން އެހީމެވެ.

އެޒުވާނާ ވާހަކަދެއްކިއެވެ. މިކަމާ ބެހޭގޮތުން އަހަރެން ވަރަށް ވިސްނައިފީމެވެ. އަހަރެން މިހުރި ޙާލަތާއި ބެހޭގޮތުން ވަރަށް ގިނަ ސުވާލުތަކެއް ކޮށްފީމެވެ. އެހެން މީހަކާއި ދިމާލަށް އިނގިލި ދިއްކުރުމުގެ ކުރިން އަހަންނަށް ހީވާ ހީވުންތަކުގެ ތެދުކަން ޔަޤީންކުރީމެވެ. މިއީ އަހަރެންގެ ލޯބިވާ ބޮޑުބޭބެގެ ވިޔަފާރިއެވެ. އެ ވިޔަފާރީގައި ގަނެވިއްކުމުގެ މުޢާމަލާތްތައް ކުރަނީ އަހަންނެވެ. އެހެންކަމުން އަހަރެން ކުރަމުންއައި މަސައްކަތާއިމެދު އިތުރަށް ހޯދައި ބަލަން ބޭނުންވިއެވެ. ކަންކަން ފަހުމްވަމުން އައިވަރަކަށް، އަހަރެންގެ ހީތައް ޔަޤީނަށް ބަދަލުވަމުންދިޔައެވެ.

މި ވިޔަފާރީގައި ރިބާގެ މުޢާމަލާތް ހިންގާކަން އަހަންނަށް އެނގުނު ދުވަހު އެހެން ވަޒީފާއެއް ހޯދުމަށް ފޯމްލީމެވެ. މިކަމާއި ގުޅޭގޮތުން ބޮޑުބޭބެއާއި ވާހަކަދެއްކީމެވެ. އަހަންނަށް މި ވަޒީފާއިން ލިބިފައިވާ ހުރިހާ ލާރިއެއް ޚަރަދުކޮށްލީ، ހަމައެކަނި އެ ލާރިތައް ހުސްކުރުމުގެ ނިޔަތުގައެވެ. އަދި އެއިން ޞަދަޤާތްކޮށް، ﷲ އާއި ގާތްކަމެއް ހޯދުމުގެ ނިޔަތުގައެވެ. އެއީ ޙަރާމް ފައިސާކަން އަހަންނަށް އެނގޭތީއެވެ. އެއިންއެއްވެސް ފައިދާއެއް ނުވާނޭކަން އެނގޭތީއެވެ. ރިބާގެ ކިތަންމެ ކުޑަމިންވަރެއް ހިމެނޭ ފައިސާއަކީވެސް "ކާރސްޑް" އެއްޗެއްކަން އަހަންނަށް އެނގޭތީއެވެ. މިނެޓްތަކެއް ތެރޭގައި އަހަރެން ހުލިވެއްޖެއެވެ. އަހަރެން އެއްކުރިހާ ފައިސާއެއް އަހަރެންގެ އަމިއްލަ އަތުން ހުސްކޮށްފީމެވެ. އެހުރިހާ އެއްޗެއް އަހަރެން ޞަދަޤާތް ކޮށްފީމެވެ. އަހަރެންގެ ބޭންކް ބެލެންސްގައި އެއިން އެންމެ ފައިސާފޮއްޗެއްގެ މިންވަރުވެސް ނުހުންނާނެއެވެ. ﷲ ޙަރާމްކުރެއްވި އެއްޗެއް އަހަރެންގެ އަރުތެރެއިން ދާކަށް އަހަރެން ބޭނުމެއް ނުވެއެވެ.

އޭނާގެ ވާހަކަ މިހާހަމައަށް އައިއިރު އަހަންނަށް އިނދެވުނީ ބުނާނެއެއްޗެއް ނޭނގިފައެވެ. އެތަންފެނި ހިނިތުންވެލާފައި އޭނާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.

އެނގޭހެއްޔެވެ؟ އަހަންނަށް އެ ޙަރާމް ފައިސާތަކުން އެއްވެސް ފައިސާއެއް ރައްކާނުކުރެވުނީތީ މިއަދު އުފާކުރަމެވެ. އެއީ ﷲ ގެ މަތިވެރި ރޭއްވެވުމުގެ ތެރެއިން އަހަންނަށް ދެއްވި ނިޢުމަތެކެވެ. ފަށްފަށުން ޙަމްދުކުރަމެވެ. ރިޒްޤު ދެއްވަނީ ﷲ އެވެ. އަހަރެން ކުރި ކޮންމެކަމެއްވެސް މިކުރީ އެކަލާނގެއަށް ވަކީލުކުރުމަށްފަހުއެވެ. އިންޝާ ﷲ، އަހަންނަށް މިއަށްވުރެ މާ ރަނގަޅުގޮތެއް މިންވަރުކޮށްދެއްވާނެއެވެ.

އަހަރެންގެ ރަޙްމަތްތެރިޔާ އަބަދުވެސް ފައިސާ ރައްކާކުރަން ބޭނުންވާ ވާހަކަ ދައްކާނެއެވެ. އެކަމަކު އެއިން އެއްވެސް ފަހަރަކު އޭނާއަށް އެ ފައިސާ ގިނަވާގޮތެއް ނުވެއެވެ. ނަމަވެސް މިފަހަރު ފުރިހަމަ ޔަޤީންކަން އެކުލެވިގެންވާ ހިނިތުންވުމަކާއެކު އަހަރެންގެ އެކުވެރިޔާ ބުނެލީ މިއީ ﷲ ގެ ރަޙްމަތުން އޭނާއަށް ލިބުނު ނިޢުމަތެއްކަމުގައެވެ. ﷲ އާއި މެދު މި އަންހެންކުއްޖާގެ ހިތުގައި އޮތް ވަރުގަދަ އިތުބާރާއިމެދު އަހަރެން ޙައިރާންވިއެވެ. އެ މޫނުމަތީގައި ހުރި ހިތްހަމަޖެހުމާއި އަމާންކަން ފެނި އަހަރެން އާޝޯޚުވިއެވެ.

ނުވާންވީ ސަބަބެއް ނެތެވެ. މިދައްކަނީ އެތައް ހާސް ރުފިޔާއެއްގެ ވާހަކައެވެ. އަމިއްލަ ދާއޮހޮރުވައިގެން ހޯދާފައިވާ އެހާ ގިނަ ރުފިޔާ، އެއްވެސް އަގެއްނެތް އެއްޗެއްފަދައިން އެއްވެސް ޖެހިލުމަކާއި ނުލައި އަމިއްލައަތުން އެހެން މީހަކަށް ދޭން ކެރޭނީ ކާކަށްހެއްޔެވެ؟ ނަމަވެސް މި އަންހެންކުއްޖާގެ ހިތުގައި އޭނާގެ ވެރި ރައްބާއިމެދު އޮތް ޔަޤީންކަން ހާދަ މަތިވެރިއެވެ. ﷲ ގެ ޤަދަރަށް ރުހި، ޙަލާލު އާމްދަނީއެއް ހޯދައި، ﷲ ގެ ރުއްސެވުން ލިބިގެންވާގޮތަށް އާ ފެށުމަކުން ފެށުމަށް އެ ހިތުގައި އޮތް ޝައުގު އެހެން އެހެން ހުރިހާކަމަކާއި ނުބައްދަލެވެ. އޭނާ ކުރި ކޮންމެ ކަމެއް ކޮށްފައިވަނީ ﷲ ސުބްޙާނަހޫ ވަތަޢާލާއަށްޓަކައެވެ. މާޝާ ﷲ!

ޤުރްއާންގެ މޫރިތި އާޔަތްތަކުންކުރެ ބަޤަރާ ސޫރަތުގެ 275 ވަނަ އާޔަތުގެ މާނާގައިވެއެވެ.

"ރިބާ ކާ މީހުން، ޖިންނި މޮޔަވެގެން، ޝައިޠާނާ ތަޅުވަމުން ފޮޅުވަމުން ގެންދާ މީހަކު ތެދުވާފަދައިން މެނުވީ (ޤިޔާމަތްދުވަހުން އެއުރެން ކަށްވަޅުން) ނުތެދުވާނެތެވެ.

އެހެނީ، އެއުރެން ބުނެއުޅުނީ، ވިޔަފާރި ވާކަން ކަށަވަރީ، ރިބާ ކަހަލަކަމެއް ކަމުގައެވެ. (ނަމަވެސް) ވިޔަފާރި ކުރުންވަނީ، ﷲ، ހުއްދަކުރައްވާފައެވެ. އަދި ރިބާ ވަނީ ޙަރާމްކުރައްވާފައެވެ.

ފަހެ، އެމީހާގެ ވެރިރަސްކަލާނގެ ޙަޟްރަތުން ދެއްވާ ވަޢުޟާއި ނަޞޭޙަތް، އެމީހަކާއި ހަމަޔަށް އައުމުން އެކަން (އެބަހީ: ރިބާ ކެއުން) ހުއްޓާލައިފިމީހާ (ދަންނާށެވެ!) ފަހެ، އިސްވެދިޔަ އެއްޗެއް އެމީހަކަށް ހުށްޓެވެ. (އެބަހީ: ރިބާގެ ޙުކުމްތައް އައުމުގެ ކުރިން އޭނާ ބޭނުންކުރި ތަކެތި މާފުކުރައްވާފައި ވެއެވެ.) އަދި، އެމީހެއްގެ ކަންތައްއޮތީ، ﷲ އަށް ޚާއްޞަވެގެންނެވެ.

އަދި، އަލުން (އެކަމަށް) އެނބުރި އަތުވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ނަރަކައިގެ އަހުލުވެރިންނެވެ. އެއުރެންނީ އެތާނގައި ދެމިތިބެނިވި ބައެކެވެ."

އެކުވެރިންނޭވެ! މިއީ ކިހާ ނުރައްކާތެރި، ބިރުވެރިކަމެއްކަން އިޙުސާސް ނުކުރެވޭވަރަށް އަހަރެމެންގެ ތެރޭގައި މިއަދުމިވަނީ ރިބާ ޢާންމުވެފައެވެ. މިއީ ހަމައެކަނި އަދާކުރާ ވަޒީފާގެ ބާވަތަކުން ލިބޭ އެއްޗެއް ނޫނެވެ. މީގެއިތުރުން ބޭންކުން ނަގާ ބައެއްކަހަލަ ލޯނުތަކުގައިވެސް ރިބާ ހިމެނެއެވެ. ރިބާ ގެ ޕަސެންޓެއް ރައްކާކުރެވޭގޮތަށް ބޭންކުތަކުގައި ހަދާފައިވާ "ސޭވިންގް" އެކައުންޓްތައްވެސް އެފަދައެވެ. މިއާމެދު އިތުރަށް ހޯދައިބަލާށެވެ. ނޭނގެއޭ ބުނެ ފުއްދައިނުލާށެވެ. ސުވާލުކުރެވޭނޭ ދުވަހެއް އެބަ އާދެއެވެ. އަމިއްލައަށް ކުރި ކަންކަމުގެ ޒިންމާ ނަގަންޖެހޭ ދުވަހެއް އެބަ އާދެއެވެ.

އެކުވެރިންނޭވެ! ހޭއަރާށެވެ. ރިބާގެ ކިތަންމެ ކުޑަމިންވަރެއް ހިމެނޭ ފައިސާއަކީވެސް އެއިން ގެއްލުން ނޫން އެއްޗެއް ނުލިބޭނޭ އެއްޗެކެވެ. މިފަދަ ފައިސާއަކުން އަހަރެމެންގެ އަނބިދަރީންނާއި ލޯބިވާ މައިންބަފައިންނާއި، ގާތްތިމާގެ މީހުންނާއި އެކުވެރި ރައްޓެހިންނަށް ޚަރަދުކުރަން ހެޔޮވާނެތޯއެވެ. ސުބްޙާނަﷲ. ﷲ އަޅަމެން ހުރިހާ ނުބައި ކަމަކުން ރައްކާތެރި ކުރައްވައި، ފާފަފުއްސަވާށި! އާމީން!

ނޯޓް: މިއީ އަޅުގަނޑުގެ ރައްޓެއްސެއްގެ ރައްޓެއްސަކަށް ދިމާވި ޙަޤީޤީ ޙާދިސާއެކެވެ. ދުޢާއަކީ މި ޙާދިސާއިން އަހަރެމެންނަށް ފިލާވަޅުތަކެއް ލިބިގެންދިޔުމެވެ. މިއިން ޢިބްރަތް ލިބިގަނެ، ﷲ އަށްޓަކައި ކަންކަން ކުރަން ކެރޭ ބައެއްކަމުގައި އަހަރެމެން ވެގެން ދިޔުމެވެ. ކިޔުންތެރިންގެ ދުޢާގައި އަޅުގަނޑާއި، އަޅުގަނޑުގެ އެކުވެރިޔާއާއި އެ އެކުވެރިޔާގެ ލޮބުވެތި ރަޙްމަތްތެރިޔާ ހިމަނައިދެއްވުން އެދެމެވެ.

ފޮޓޯ ކްރެޑިޓް: ޕިންޓަރެސްޓް

Advertisement

ކޮމެންޓް

Advertisement