އެމެރިކާގެ ނިންމުން 2020: މުޅި ދުނިޔޭގެ ލޯތައް އަމާޒުވެފައި!

03 Nov 2020 | 06:22

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ފެށިގެން ކުރިއަށް އެބަދެއެވެ.

އެގޮތުން މިއަދުގެ ވޯޓުލުމުގެ ތެރެއިން އާންމުން ކުރާނެ ކަމަކީ، އެފަރާތެއް ރައީސްކަމަށް ތާއިދުކުރާ ކެނޑިޑޭޓެއްގެ ފަރާތުން އެ ސްޓޭޓަކަށް ކަނޑައަޅާފައިވާ އިލެކްޓަރުން ހޮވުމެވެ. އެމެރިކާގެ އިންތިޚާބީ ނިޒާމް ހަމަޖެހިފައިވާ ގޮތުން ރައީސްކަމުގެ މަގާމަށް ހޮވޭ ފަރާތެއް އައްޔަންކުރާނީ 538 އިލެކްޓަރުންގެ މައްޗަށް އެކުލެވޭ އިލެކްޓޯރަލް ކޮލެޖަކުންނެވެ.

މި އިލެކްޓޯރަލް ކޮލެޖް އެކުލެވިގެންވަނީ 435 ކޮންގްރެސް ރެޕްރެޒެންޓޭޓިވުން، 100 ސެނެޓަރުން އަދި ޑިސްޓްރިކްޓް އޮފް ކޮލަމްބިޔާގެ އިތުރު 3 އިލެކްޓަރުންގެ މައްޗަށެވެ. އެމެރިކާގެ ރައީސްކަމުގެ މަގާމަށް ހޮވޭ ފަރާތެއް ހޮވިގެންދާނީ މި އިލެކްޓޯރަލް ކޮލެޖްގެ ތެރެއިން އެންމެ ފުރަތަމަ މަދުވެގެން 270 ވޯޓު ހޯދައިގެންނެވެ. މިއަދު ވޯޓުލާނީ މެެއިލް-އިން ވޯޓު މިހާތަނަށް ލާފައިނުވާ ފަރާތްތަކުންނެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ގިނަ ފަރާތްތަކުން ވަނީ އާރލީ ވޯޓިންގ ނިޒާމު މެދުވެރިކޮށް ވޯޓުލާފައެވެ. މިކަމުގެ ސަބަބުން އިންތިޚާބުގެ ނަތީޖާ އިއުލާންކުރުން މީގެ ކުރީގެ ފަހަރުތަކާ އަޅާބަލާއިރު ލަސްވެގެންދާނެކަމަށް ބައެއް ފަރާތްތަކުން ވަނީ ލަފާކޮށްފައެވެ.

މިފަހަރުގެ އިންތިޚާބުގައި ފޭވަރިޓުންގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރައްވާ މިހާރުގެވެސް ރައީސް ޑޮނަލްޑް ޓްރަމްޕާއި، އަދި ޑިމޮކްރަޓުންގެ ފަރާތުން ވާދަކުރައްވާ ކުރީގެ ނައިބު ރައީސް ޖޯ ބައިޑަންއެވެ.

މި އިންތިޚާބާ ގުޅޭ މުހިންމު ޚަބަރުތައް "ވޮއިސް"ގެ ފަރާތުން ގެނެސްދެމުންދާނެއެވެ.

Advertisement

ކޮމެންޓް