އެމެރިކާގެ ނިންމުން 2020: ބައިޑަންވެސް ޓްރަމްޕްވެސް ވިދާޅުވަނީ އިންތިޚާބު ކާމިޔާބުކުރައްވާނެކަމަށް!

04 Nov 2020 | 12:10

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ޕޮޕިއުލަރ ވޯޓްގެ ގުނުން ފެށިގެން އެބަ ކުރިއަށްދެއެވެ. މިހާތަނަށް ނަތީޖާ ފެންނަގޮތުން އެންމެ ގާތުން ވާދަކުރައްވަނީ ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓް އަދި މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އަދި ޑިމޮކްރަޓިކް ޕާޓީގެ ކެނޑިޑޭޓް ޖޯ ބައިޑަންއެވެ.

އިންތިޚާބުގެ ވޯޓުގުނުން ކުރިއަށްދާއިރު، ނަތީޖާ މިހާތަނަށް ނުލިބިވާ ގިނަ ސްޓޭޓްތަކުގެ ނަތީޖާއިން ފެންނަނީ ދެބޭފުޅުންވެސް ވަރަށް ގާތުން ވާދަކުރައްވަމުން ގެންދަވާ ތަނެވެ. ރާއްޖެގަޑިން 11:50 ހާއިރު އޭއެފްޕީއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ނަތީޖާތައް ދައްކާ ގޮތުގައި ބައިޑަންއަށް ޔަގީންވެފައިވަނީ އިލެކްޓޯރަލް ކޮލެޖްގެ 224 ވޯޓެވެ. ޓްރަމްޕަށް ޔަގީންވެފައިވަނީ 213 ވޯޓެވެ.

އެމެރިކާގެ އިންތިޚާބީ ނިޒާމް ހަމަޖެހިފައިވާ ގޮތުން ރައީސްކަމުގެ މަގާމަށް ހޮވޭ ފަރާތެއް އައްޔަންކުރާނީ 538 އިލެކްޓަރުންގެ މައްޗަށް އެކުލެވޭ އިލެކްޓޯރަލް ކޮލެޖަކުންނެވެ.

މި އިލެކްޓޯރަލް ކޮލެޖް އެކުލެވިގެންވަނީ 435 ކޮންގްރެސް ރެޕްރެޒެންޓޭޓިވުން، 100 ސެނެޓަރުން އަދި ޑިސްޓްރިކްޓް އޮފް ކޮލަމްބިޔާގެ އިތުރު 3 އިލެކްޓަރުންގެ މައްޗަށެވެ. އެމެރިކާގެ ރައީސްކަމުގެ މަގާމަށް ހޮވޭ ފަރާތެއް ހޮވިގެންދާނީ މި އިލެކްޓޯރަލް ކޮލެޖްގެ ތެރެއިން އެންމެ ފުރަތަމަ މަދުވެގެން 270 ވޯޓު ހޯދައިގެންނެވެ.

މި އިންތިޚާބުގެ ނަތީޖާގެ ފޯރި ގަދަވެފައިވާއިރު، ބައިޑަން އަދި ޓްރަމްޕްވެސް ވަނީ އެ ދެބޭފުޅުން އިންތިޚާބު ކާމިޔާބު ކުރައްވާނެކަމަށް ވިދާޅުވަމުންނެވެ. އެގޮތުން ބެލެވިފައިވާ ގޮތުގައި ޓްރަމްޕް ދަނީ އިންތިޚާބުން މޮޅުވިކަމަށް އިއުލާންކުރައްވަން ގަސްދުކުރައްވަމުންނެވެ. އަދި އެމަނިކުފާނު ވަނީ ވޯޓް އޮޅުވާލަން މަސައްކަތްކުރާކަމުގެ ތުހުމަތުވެސް އިދިކޮޅު ޑިމޮކްރެޓުންގެ މައްޗަށް ކުރައްވާފައެވެ.

މިކަމުގެ އާޚިރު ނަތީޖާއެއްގެ ގޮތުން އިންތިޚާބު ނިމިގެން ބައެއް ހަމަނުޖެހުންތައް ހިނގުމުގެ ފުރުސަތު އެބައޮތްކަމަށް ބައެއް ފަރާތްތަކުން ދަނީ ލަފާކުރަމުންނެވެ. ނަމަވެސް، މިވަގުތު ހާލަތަށް ބަލައި ކަށަވަރު ނަތީޖާއެއް ބުނެވެން އޮތީ ވިސްކޮންސިން، މިޗިގަން އަދި ޕެންސިލްވޭނިޔާގެ އިލެކްޓޯރަލް ކޮލެޖް ކާމިޔާބުކުރާ ފަރާތެއް އެނގުމުންނެވެ.

މި އިންތިޚާބާ ގުޅޭ މުހިންމު ޚަބަރުތައް "ވޮއިސް"ގެ ފަރާތުން ގެނެސްދެމުންދާނެއެވެ.

Advertisement

ކޮމެންޓް

Advertisement