Advertisement

ގިނަ ޚިދުމަތްތަކަކާ އެކު ފިޔަވަޅު މޯލްޑިވްސް ރިސޯޓް ހުޅުވައިފި

04 Nov 2020 | 13:44

ގިނަ ވަސީލަތްތަކަކާ ޚިދުމަތްތަކަކާއެކު އދ.މަންދޫގައި ތަރައްގީކޮށްފައިވާ ފިޔަވަޅު މޯލްޑިވްސް ރިސޯޓް ރަަސްމީގޮތުން ހުޅުވައިފިއެވެ.

އިއްޔެގެ ވަގުތެއްގައި މި ރިސޯޓް ހުޅުއްވާދެއްވާފައިވަނީ ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމެވެ.

ފިޔަވަަޅު މޯލްޑިވްސް ހުޅުވާފައިވަނީ ތަފާތު ފަސް ކެޓަގަރީއެއްގެ 44 ވިލާއާއި އެކުގައެވެ. މި ރިސޯޓް އެއްކޮށް ތަރައްގީކޮށް ނިމޭއިރު، 100 ވިލާ ހުންނާނެކަމަށް އެ ރިސޯޓްގެ ފަރާތުން މައުލޫމާތުދެއެވެ. މި ވިލާތަކުގެ ކެޓަގަރީތަކަކީ ގާޑެން ވިލާ، ޑިލަކްސް ގާޑެން ވިލާ، ބީޗް ވިލާ، ޑިލަކްސް ބީޗް ވިލާ، އަދި ޕޫލް ވިލާއެވެ. 

މިއިން ކޮންމެ ވިލާއެއްގައިވެސް ފަތުރުވެރިންގެ ހިތްހަމަޖެހުމަށްޓަކައި ގިނަ ވަސީލަތްތަކެއް ގާއިމްކޮށްފައިވެއެވެ. އެގޮތުން ވޯޑްރޮބް، އެއަރ ކޮންޑިޝަނިންގ، ސީލިންގ ފަންކާ، މިނީ ފްރިޖް، ހެއަރ ޑްރަޔަރ، ބާތުރޯބް، ސްލިޕަރ، ސޭފް، ޓީވީ އަދި ޓެލެފޯން ހިމެނެއެވެ. މި ވިލާތަކުގައި ތިބޭ ފަތުރުވެރިން ބޭނުންނަމަ އިތުރު އަގަކާއި ނުލައި ކޮޓް، ކްރިބް އަދި އިސްތިރިވެސް ލިބޭގޮތަށް ވަނީ ހަމަޖައްސާފައެވެ.

ފިޔަވަޅު މޯލްޑިވްސްއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ކެއިން ބުއިމުގެ ކަންތައްތަކަށްވެސް ވަނީ ގިނަ ޚިދުމަތްތަކެއް ގާއިމްކުރެވިފައެވެ. އެގޮތުން ގުދުރަތީ ރީތިކަމުގެ ހިތްގައިމު މާހައުލެއްގައި ދިވެހި އަދި ބޭރުގެ ގައުމުތަކުގެ ރަހަތައް ބަލައިލުމަށް ކޮވެލި ރެސްޓޯރެންޓް އަދި ޕޫލް ސަރަހައްދުގައިވާ ރިޔާ ކެފޭވެސް ހިމެނެއެވެ. މީގެ އިތުރުން އެ ރިސޯޓުން މައުލޫމާތުދިން ގޮތުގައި ވިލާތަކުގައި ތިއްބަވާ ފަރާތްތަކަށް 24 ގަޑިއިރު އިން-ވިލާ ޑައިނިންގ ޚިދުމަތްވެސް ލިބޭނެއެވެ.

މި އިން-ވިލާ ޑައިނިންގ ޚިދުމަތުގެ ތެރެއިން ކުޑަކުދިން ގަޔާވާނެފަދަ ރަހަތައް ހިމެނިގެން ކިޑްސް މެނޫއެއްވެސް ވަނީ ތައާރަފްކޮށްފައެވެ.

މީގެ އިތުރުންވެސް މި ރިސޯޓަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ހުރުން ފުރިހަމަވާނެފަދަ އެތަކެއް ވަސީލަތްތަކެއް މި ރިސޯޓްގައި ވަނީ ގާއިމްކޮށްފައެވެ. އެގޮތުން ވޯޓަރ ސްޕޯޓްސް ސެންޓަރ، އިންޑޯރ ރެކްރިއޭޝަން ސެންޓަރ، ވޮލީ އަދި ބެޑްމިންޓަން ހިމެނެއެވެ. މި ރިސޯޓްގައި ވަނީ ބެންކުއެޓް ހޯލެއް ހިމެނޭގޮތަށް ކޮންފަރެންސް ފެސިލިޓީއެއްވެސް ގާއިމްކޮށްފައެވެ.

Advertisement

ކޮމެންޓް