Advertisement

ބައެއް ފަރާތްތަކަށް ރިސޯޓް މުވައްޒަފުންގެ ސިއްހީ ހާލަތަށްވުރެ މުހިންމުވަނީ ފައިސާ؟

04 Nov 2020 | 15:32

މަސައްކަތްތެރިންގެ ހައްގުތަކުގެ ވާހަކައަކީ ދިވެހިރާއްޖޭގައި ހުއްޓާނުލާ އަބަދުމެ ދެކެވޭ ވާހަކައެވެ. އެމީހުންނަށް އަބުރުވެރި ދިރިއުޅުމެއް އުޅެވޭ މިންވަރުގެ މުސާރައަކާ، ރަނގަޅު ފެންވަރުގެ މަސައްކަތުގެ މާހައުލަކާއި އަދި އެހެނިހެން ހައްގުތައް ފޯރުކޮށްދިނުމުގެ ވާހަކަ އަބަދުމެ ދެކެވެމުންދެއެވެ. ވަކިން ޚާއްސަކޮށް މިކަން ވެފައިވަނީ ސިޔާސީ ފަރާތްތަކުން ކެނޑިނޭޅި ދައްކާ ވާހަކައަކަށެވެ. އެހެނަސް، މިއަދާއި ހަމައަށްވެސް އެކަން ވަނީ އެންމެ ފުރިހަމައަށް ހާސިލްނުވެވިއެވެ.

ކުރުގޮތަކަށް ދަންނަވާނަމަ، މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ވާހަަކައަކީ އެބައިމީހުން "އަޅުވެެތިކުރުވާ" ކެޕިޓަލިސްޓު ސިޔާސަވެރިން ވޯޓު ހޯދަން ގެންގުޅޭ އުކުޅަކަށް ވަނީ ބަދަލުވެފައެވެ. 

ދިވެހި އިގްތިސާދުގެ "ރަންބިސް އަޅާ ކުކުޅު"ގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަނީ ފަތުރުވެރިކަމުގެ ސިނާއަތެވެ. ސަބަބުތަކެއްވެސް ނެތިއެއް ނޫނެވެ. އެހެނަސް، މި ސިނާއަތުގައި ބައެއް ފަރާތްތަކުން މުވައްޒަފުންނާ މެދު އަމަލުކުރަމުންދާ އިހާނެތި ގޮތަކީ އެންމެން ދަންނަ ބޮޑު ސިއްރެކެވެ. އެތަކެއް ހައްގުތަކުން އެބައިމީހުން މަހުރޫމް ކުރުވައި، ކުޑަ މުސާރައަކަށް "ގުލާނުކުރުވުމަކީ" މިއަދު އާދައިގެ ކަމަކަށް ވަނީ ބަދަލުވެފައެވެ. އެހެނަސް މި ހިތި "އާދަ"ގެ ސަބަބުން މުވައްޒަފުންނަށް ނޭދެވޭ އަަސަރުކޮށް، ބައެއް ފަހަރަށް ފުރާނައަށް ގެއްލުންވާ ހިސާބަށްވެސް ވަނީ ގޮސްފައެވެ.

ދާދިފަހުންވެސް ވަނީ މިފަދަ މައްސަލައެއް ފާޅުވެފައެވެ. ދިވެހިރާއްޖޭގެ 38ވަނަ ކޮވިޑް-19ގެ މަރަކީވެސް އެ މުވައްޒަފު ވަޒީފާ އަދާކުރަމުންދިޔަ ރިސޯޓްގެ ބޮޑު އިހުމާލަކުން ހިނގައިދިޔަ ކަމެއްކަމުގައި އާންމުންނާ މަރުހޫމްގެ އާއިލާއިން ދަނީ ތުހުމަތުކުރަމުންނެވެ.

އެގޮތުން ނިޔާވި މީހާ ހުން އައިސް ބޭސް ކައިގެންވެސް ހުން ތިރިނުވުމުން ޓެސްޓް ހަދައިދޭން މާލެއަށް ފޮނުވައިދޭން އެދުނުކަމަށް "މިހާރު" ނޫހުގައި ވަނީ ރިޕޯޓްކޮށްފައެވެ. އެހެން އެދުމުންވެސް ނުފޮނުވައިދީ ހުއްޓާ ބަލީގެ އެހެން އަލާމާތްތައް ކަމަށްވާ ވަސް ނުދުވުމާއި ރަހަނުލުން ފަދަ ކަންތައްތައްވެސް ދިމާވާން ފެށިއެވެ. އެވަރުންވެސް އޭނާ ޑޮކްޓަރަށް ދައްކަން މާލެއަށް ފޮނުވަން އެއްބަސްނުވެ އޮއްވާ ހާލު ގޯސްވެގެން ނިޔާވީއެވެ. ނިޔާވިއިރު އެމީހާ ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މިއަދު އެ ރިސޯޓްގައި ވަނީ ޕޮޒިޓިވް ކޭސްތަކުގެ ބޮޑު ކްލަސްޓަރއެއް އުފެދިފައެވެ.

އެ އާއިލާ އަދި އާންމުންގެ އިތުރުން ކަނޑިންމަ މޯލްޑިވްސް ރިސޯޓުން މުވައްޒަފުންނާ މެދުގައި އިހުމާލުވިކަމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)އިންވެސް ވަނީ ތުހުމަތުކޮށްފައެވެ.

ޓީމްއިން ކުރި ޓްވީޓެއްގައި ބުނީ އާންމުކޮށް ރިސޯޓްތަކުގައި މުވައްޒަފުންނަށް ބޭސްފަރުވާ ފޯރުކޮށްދިނުމުގައި އިހުމާލުވާ ކަމަށެވެ. އެގޮތުން ކަނޑިންމަ ރިސޯޓްގައި ކޮވިޑްޖެހިގެން ނިޔާވި މުވައްޒަފާއި އެހެން މުވައްޒަފުންނަށް ސިއްޙީ ފަރުވާ ފޯރުކޮށްދިނުމުގައި އިހުމާލުވެފައިވާކަމަށް ޓީމްއިން ވަނީ ބުނެފައެވެ. އަދި މި މައްސަލަ ބަލައި އިންސާފު ހޯދައިދޭންޖެހޭކަމަށްވެސް އެ ޖަމްއިއްޔާއިން ވަނީ ބުނެފައެވެ.

ކޮންމެ އިންސާނެއްގެވެސް ފުރާނައަކީ އަގުހުރި ފުރާނައެކެވެ. އެމީހާއަކީ ކިތަންމެ މުއްސަނދި މީހަކަސް އަދި ކިތަންމެ ފަގީރު މީހަކަސް އަބުރުވެރި އަދި ދުޅަހެޔޮ ދިރިއުޅުމެއްގެ ހައްގު ލިބިގެންވެއެވެ. އެހެނަސް ހަގީގަތުގައި ލޯމަތިން ފެންނަމުންދާ މަންޒަރުން އެކަމާ މެދު ސުވާލު އުފެދެއެވެ. ފެންނަމުންދާ މަންޒަރަކީ ބައެއް ފަރާތްތަކަށް މުވައްޒަފުންގެ ސިއްހަތަށްވުރެ ފައިސާ މުހިންމުވެފައިވާ ތަނެވެ.

Advertisement

ކޮމެންޓް