އެމެރިކާގެ ނިންމުން 2020: ބޭރުގެ ފަރާތަކަށް ވޯޓު އޮޅުވާލުމުގެ ގާބިލްކަން ލިބިފައިވާކަމުގެ ހެއްކެއް ނުފެނުނުކަމަށް ބުނެފި

05 Nov 2020 | 10:02

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުމުގެ އެންމެ ފަހު މަރުހަލާ ކުރިއަށްދިޔައިރު، އެ ވޯޓު އޮޅުވާލުމުގެ ގާބިލްކަން ބޭރުގެ ދުޝްމިން ބާރަކަށް ލިބިފައިވާކަމުގެ ހެއްކެއް ފެނިފައި ނުވާކަމަށް ބުނެފިއެވެ.

މިކަން ހާމަކޮށްފައިވަނީ އެމެރިކާގެ ސައިބަރސެކިއުރިޓީ އެންޑް އިންފްރާސްޓްރަކްޗަރ ސެކިއުރިޓީ އޭޖެންސީގެ ޑިރެކްޓަރ ކްރިސްޓޮފަރ ކްރެބްސް ނެރުއްވި ބަޔާނެއްގައެވެ.

ކްރެބްސް ވިދާޅުވީ ފާއިތުވެދިޔަ ހަތަރު އަހަރު ދުވަހުގެ މުއްދަތުގައި ސައިބަރސެކިއުރިޓީ އެންޑް އިންފްރާސްޓްރަކްޗަރ ސެކިއުރިޓީ އޭޖެންސީން ވަނީ އެމެރިކާގެ އިންތިޚާބުތައް ކަނޑައަޅާނީ އެމެރިކާ މީހުންކަމަށް ޔަގީންކުރުމަށް ގައުމީ ފެންވަރުގައި ކުރި މަސައްކަތުގައި ބައިވެރިވެފައި ކަމަށެވެ. އަދި އެމެރިކާގެ ރައްޔިތުން މިލިޔަނުން ވޯޓުލުމަށްފަހު، އެ ވޯޓު އޮޅުވާލުމުގެ ގާބިލްކަން ބޭރުގެ ދުޝްމިން ބާރަކަށް ލިބިފައިވާކަމުގެ ހެއްކެއް ފެނިފައި ނުވާކަމަށް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.

އަދި މިހާ ހިސާބަށް އާދެވިފައިވަނީ ގިނަ ފަރާތްތަކެއް ގުޅިގެން ކުރި މަސައްކަތުންކަމަށް ކްރެބްސް ވަނީ ވިދާޅުވެފައެވެ. 

ފާހަގަކޮށްލެވޭ ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންތިޚާބުން ބަލިވެއްޖެނަމަ، ބޭރުގެ ބާރަކުން އެ ވޯޓު އޮޅުވާލިކަމަށް ތުހުމަތުކުރައްވާނެކަމަށް ގިނަބަޔަކު ދަނީ ތުހުމަތުކުރަމުންނެވެ. ނަމަވެސް މިހާތަނަށް ވޯޓު އޮޅުވާލުމުގެ ވާހަކަތައް ޓްރަމްޕް ދެއްކެވިޔަސް، އެއީ ބޭރުގެ ބާރަކުން ކުރި ކަމެއްކަމަށް ވިދާޅުވެފައެއް ނުވެއެވެ.

މި އިންތިޚާބުގެ ވޯޓުގުނުން ކުރިއަށްދާއިރު، ނަތީޖާ މިހާތަނަށް ނުލިބިވާ ގިނަ ސްޓޭޓްތަކުގެ ނަތީޖާއިން ފެންނަނީ ދެބޭފުޅުންވެސް ވަރަށް ގާތުން ވާދަކުރައްވަމުން ގެންދަވާ ތަނެވެ. ރާއްޖެގަޑިން ނޮވެމްބަރ 5ގެ ދަންވަރު 04:00 ހާއިރު އޭއެފްޕީއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ނަތީޖާތައް ދައްކާ ގޮތުގައި ބައިޑަންއަށް ޔަގީންވެފައިވަނީ އިލެކްޓޯރަލް ކޮލެޖްގެ 264 ވޯޓެވެ. ޓްރަމްޕަށް ޔަގީންވެފައިވަނީ 214 ވޯޓެވެ.

އެމެރިކާގެ އިންތިޚާބީ ނިޒާމް ހަމަޖެހިފައިވާ ގޮތުން ރައީސްކަމުގެ މަގާމަށް ހޮވޭ ފަރާތެއް އައްޔަންކުރާނީ 538 އިލެކްޓަރުންގެ މައްޗަށް އެކުލެވޭ އިލެކްޓޯރަލް ކޮލެޖަކުންނެވެ.

މި އިލެކްޓޯރަލް ކޮލެޖް އެކުލެވިގެންވަނީ 435 ކޮންގްރެސް ރެޕްރެޒެންޓޭޓިވުން، 100 ސެނެޓަރުން އަދި ޑިސްޓްރިކްޓް އޮފް ކޮލަމްބިޔާގެ އިތުރު 3 އިލެކްޓަރުންގެ މައްޗަށެވެ. އެމެރިކާގެ ރައީސްކަމުގެ މަގާމަށް ހޮވޭ ފަރާތެއް ހޮވިގެންދާނީ މި އިލެކްޓޯރަލް ކޮލެޖްގެ ތެރެއިން އެންމެ ފުރަތަމަ މަދުވެގެން 270 ވޯޓު ހޯދައިގެންނެވެ.

މި އިންތިޚާބާ ގުޅޭ މުހިންމު ޚަބަރުތައް "ވޮއިސް"ގެ ފަރާތުން ގެނެސްދެމުންދާނެއެވެ.

Advertisement

ކޮމެންޓް