7 ފެބްރުއަރީގައި އިސްކޮށް އުޅުނު މީހުންނާއެކު ކޯލިޝަން ހެއްދެވީ ކީއްވެ؟: އާދަމް ޝަރީފް

06 Nov 2020 | 13:22

2012ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 7ވަނަ ދުވަހު ހިނގި ކަންތައްތަކުގައި އިސްކޮށް އުޅުނު ފަރާތްތަކާ އެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކޯލިޝަން ހެއްދެވީ ކީއްވެތޯ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ސުވާލުކުރައްވައިފިއެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި އެފަދައިން ވިދާޅުވީ، 7 ފެބްރުއަރީގައި ހިނގައިދިޔަފަދަ މިއުޓިނީއެއް އަލުން ތަކުރާރުވެދާނެކަމަށް ރައީސް ނަޝީދު ވިދާޅުވުމުން، އޭގެ ރައްދުގައެވެ.

ރައީސް ނަޝީދު ހަތެއް ފެބްރުއަރީގައި ހިނގިފަދަ ސަލާމަތީ ބާރުތަކުން ބަޔަކު ގައުމަށްވީ ޣައްދާރުވުން ތަކުރާރުވިޔަ ނުދިނުމަށް ކުރަންޖެހޭ ކަންކަން ކޯނީ ރިޕޯޓްގައި ފާހަގަކޮށްފައިވާނެކަމަށެވެ. އަދި އެކަންކަން ތަންފީޒުނުކުރާހާ ހިނދަކު، އަނެއްކާވެސް މިއުޓިނީއެއް ނުކުރާނެކަމަށް ދަންނަވަން ނުކެރޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިކަމަށް ރައްދުދެއްވަމުން އާދަމް ޝަރީފް އުމަރު ވަނީ ގިނަ ސުވާލުތަކެއް ކުރިމަތިކުރައްވާފައެވެ. އެގޮތުން އުފެދުނީ އިހުތިރާމާއި އިތުބާރުގެ މައްސަލައެއްތޯ އަދި ފެބްރުއަރީ 7ގައި އިސްކޮށް އުޅުނު މީހުންނާ އެކު ކޯލިޝަން ހެއްދެވީ ކީއްވެތޯ އެބޭފުޅާ ވަނީ ސުވާލުއުފައްދަވާފައެވެ. 

އަދި ދެންވެސް ސަލާމަތީ ޚިދުމަތްތައް ބަދުނާމުކުރުމަށްވުރެ އެ ދެ މުއައްސަސާއަށް އިހުތިރާމްކޮށް އިތުބާރު ގާއިމްކުރުން ބުއްދިވެރިކަމަށްވެސް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް