Advertisement

ޤިޔާމަތްދުވަހު 99 ފަތް ނިއުޅާލެވޭ މީހާ!

06 Nov 2020 | 21:11

ވަގުތަކީ؛ ޤިޔާމަތްދުވަހު، މަޙްޝަރުގެ މައިދާނުގައި މީސްތަކުން ދުނިޔެމަތީގައި ކުޅަ ޢަމަލުތަކުގެ ޙިސާބު ކިތާބު ބަލައި، ޢަމަލުތައް ވަޒަން ކުރުމުގެ ވަގުތެވެ. މާތް ﷲގެ އަޅުތަކުންކުރެ އަޅަކަށް އޭނާގެ ޢަމަލުތަކުގެ ޙިސާބު ބެލުމަށްޓަކައި ހާޒިރުވުމަށް ގޮވާލެވޭ ވަގުތެވެ. އެ އަޅަކު ހާޒިރުވުމުން، އޭނާގެ ކުރިމަތީގައި އޭނާކޮށްފައިވާ ޢަމަލުތަކުގެ 99 ފަތް ނިއުޅައިލެވޭނެއެވެ. މި 99 ފަތުގައިވަނީ ފަހެ، ކޮންކަހަލަ ޢަމަލުތަކެއް ބާވައެވެ؟ ހެޔޮޢަމަލުތައް ބާވާއެވެ. ނުވަތަ ނުބައި ޢަމަލުތައް ބާވައެވެ. ހެޔޮޢަމަލުތައް ހުރެއްޖެކަމުގައިވާނަމަ އޭނާއަށް އުފަލުގެ ކޮޅެއް ނެތެވެ.

އޭނާގެ މި 99 ފަތުގައި ވަނީ އޭނާކޮށްފައިވާ ނުބައި ޢަމަލުތަކެވެ. އާދެ، 99 ފަތް ފުރިފައިވަނީ އޭނާކޮށްފައިވާ ނުބައި ޢަމަލުތަކުންނެވެ. އެއިގެ ކޮންމެ ފަތެއްގެ ދިގުމިން އޭނާގެ ލޮލުކޮޅަށްފެންނަހިސާބަށް ފޯރާނެއެވެ. އޭނާގެ ލޮލުކޮޅަށް ފެންނަހިސާބުގެ 99 ފަތް ފުރިފައިވަނީ އޭނާގެ ނުބައި ފާފަތަކުންނެވެ. ހާދަހާވާ ގިނަ ނުބައިފާފަތަކެކެވެ! سُبْحَانَ اللهِ.

މި ފަތްތައް ދެއްކެވުމަށްފަހު، އޭނާގެ ވެރިރަސްކަލާނގެ އޭނާއަށް ވަޙީކުރައްވާނެތެވެ. "މީގެން އެއްވެސް ކަމަކަށް އިންކާރު ކުރަމުތޯއެވެ؟ ޢަމަލުތައް ލިޔުއްވެވުމަށް ޙަވާލުކުރެއްވުނު ތިމަންރަސްކަލާނގެ މަލާއިކަތުން ތިބާއަށް މިވަނީ އަނިޔާވެރިވެވަޑައިގެންފައިތޯއެވެ؟" އޭނާގެ ނިކަމެތިކަމާއި، މާޔޫސްކަމާއި، ބިރުވެތިކަމާއެކު ދަންނަވާނެއެވެ. "ތިމަންގެ ވެރި ރައްބެވެ! ނޫނެކެވެ." އެކަލާނގެ އޭނާއަށް ވަޙީކުރައްވާނެއެވެ. "(މިކަންކަން ފުހެލާނެފަދަ ހެޔޮކަމުގެ) އެއްވެސް ޢުޒުރެއް އެބައޮތްތޯއެވެ؟" އޭނާ ދަންނަވާނެއެވެ. "ތިމަންގެ ވެރި ރައްބެވެ! ނޫނެކެވެ."

ފާފަތަކުން ތަތްތެޅިފައި މިވާ ނިކަމެތިމީހާ، އޭނާގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި، އެކަލާނގެ ޢަޛާބުން ސަލާމަތްވުމަށްޓަކައި ކުރެވޭނެ އެއްވެސް ކަމެއްނެތި، ދެއްކޭނެ އެއްވެސް ޢުޒުރެއްނެތި ނާއުއްމީދުވާނެއެވެ. މާޔޫސްކަމުން އޭނާގެ ހިތްފުރިގެންދާނެއެވެ. އެހީތެރިކަމެއް ފޯރުކޮށްދޭނެ އެހީތެރިއެއް ނެތެވެ. އެހިނދު، މި ނިކަމެތި އަޅާ ދިފާޢުކުރެއްވުމަށްޓަކައި، ދުނިޔެމަތީގައި އޭނާ އިންތިހާއަށް އުރެދި އުޅުނު، ޢާލަމްތަކުގެ ވެރިރަސްކަލާނގެ ޢުޒުރު ހުށަހަޅުއްވައެވެ. އެކަލާނގެ އަޅުތަކުންނަށް އެކަލާނގެ އޯގާތެރިވެވޮޑިގެންވާ މިންވަރުވިސްނަވާ ލައްވާށެވެ! އިންސާނާއަށް އޭނާގެ ވެރިރަސްކަލާނގެއީ އެންމެ އޯގާތެރިވަންތަ ފަރާތެވެ. އެފަރާތަށްވުރެ އޯގާވަންތަކަން ބޮޑު ފަރާތެއް ނުވެއެވެ.

އެހިނދު، މާތް ﷲ އޭނާއަށް ވަޙީކުރައްވާނެއެވެ. "އެހެނަކުންނޫނެވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެ ޙަޟްރަތުގައި ތިބާގެ ހެޔޮކަމެއް އެބަވެއެވެ. މިއަދު ތިބާއާމެދު ބޭއިންސާފުން ކަމެއް ނުކުރެވޭނެއެވެ." ދެން، "أَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُوْلُهُ" މިފަދައިން ލިޔެވިފައިވާ ކާޑެއް ނެރުއްވާނެއެވެ. އަދި ވަޙީކުރައްވާނެއެވެ. "ތިބާގެ ވަޒަންކުރުމަށް ޙާޒިރުވާށެވެ!" އެހިނދު އޭނާ ދަންނަވާނެއެވެ. "އޭ އަޅުގެ ވެރި ރައްބެވެ! މިފަތްތަކާއަޅާ ބަލާއިރު، މި ކާޑުވާނީ ކޯންޗަކަށްތޯއެވެ؟" އެކަލާނގެ ވަޙީކުރައްވާނެއެވެ. "ތިބާއަށް ބޭއިންސާފު ނުކުރެވޭ ހުށްޓެވެ." ދެން، އެ 99 ފަތް ތިލަފަތުގެ އެއްފަރާތަށް ލެވޭނެއެވެ. އަދި އެ ކާޑު އަނެއް ފަރާތަށް ލެވޭނެއެވެ. އެހިނދު، އެ ފަތްތައް ލުއިވެ، އެކާޑު ލެވުނު ފަރާތް ބަރުވެގެންދާނެއެވެ. سُبْحَانَ اللهِ.

ﷲ سُبْحَانَهُ وَتَعَالَى އެއްކައުވަންތަކުރުމުގެ ގޮތުން ކިޔޭ ކަލިމަކަމުގައިވާ "لَا إِلَهَ إِلَّا اللهُ" އަކީ މަތިވެރިވެގެންވާ ކަލިމައެކެވެ. މިކަލިމަ ތެދުހިތުން، އިޚްލާޞްތެރިކަމާއެކު ކިޔައި، މި ކަލިމައަށް ބަހުންނާއި ޢަމަލުން ކިޔަމަންގަތްމީހަކަށް ސަލާމަތްތެރިކަމާއި ރައްކާތެރިކަން ލިބޭނެއެވެ. މި ކަލިމައާ ފުށުއަރާފަދަ ޤަބޫލުކުރުމެއް ޤަބޫލުނުކޮށް، އަދި ފުށުއަރާފަދަ ޢަމަލުތަކުގެ ތެރެއިން ޢަމަލެއްނުކޮށް ހުރެއްޖެމީހަކީ ކާމިޔާބުގެ އަހުލުވެރިއެކެވެ.

މިހެންކަމުން އެ ބިރުވެރިދުވަހުގައި އެއްވެސްކަހަލަ ބިރުވެރިކަމަކާއި، މާޔޫސްކަން ނުލިބުމަށްޓަކައި ހެޔޮކަންތައް ކުރުން އިތުރުކުރައްވާށެވެ! ހެޔޮކަމުގެ ތިލަފަތް ބަރުކޮށްލާފަދަ ގިނަ ބޮޑެތި ހެޔޮކަންތަކެއް ކޮށްފައިވާ ޙާލު މި ދުނިޔެއާ އަލްވަދާޢު ކިޔާމީހަކަށްވުމަށް މަސައްކަތް ކުރައްވާށެވެ! 

Advertisement

ކޮމެންޓް