އަހަރު ނިމެންވާއިރަށް ޔުނައިޓެޑަށް ގަދަ 4 އަކަށް އެރިދާނެ: މޮރީނިއޯ

24 Nov 2018 | 05:54

ހިނގަމުންދާ 2018 ވަނަ އަހަރު ނިމުމުގެ ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ޕްރިމިއަރ ލީގުގެ ގަދަ ހަތަރަކަށް އެރިދާނެ ކަމުގައި އެޓީމުގެ ކޯޗް މޮރީނިއޯ ބުނެފިއެވެ.

ލީގުގައި ކުރިއަށް އޮތް މެޗުގައި ކްރިސްޓަލް ޕެލަސްއާއި ދެކޮޅަށް ނުކުތުމުގެ ކުރިން ނޫސްވެރިންނައި ވާހަދަ ދައްކަމުން މޮރީނިއޯ ބުނީ ޔުނައިޓެޑް މިހާރު އޮތް ހިސާބައި ގަދަ ހަތަރަކައި ދެމެދު އޮތް ފަރަގު ބޮޑުކަން އޭނާއަށް އެނގޭ ކަމަށެވެ. ނަމަވެސް ޑިސެންބަރު މަސް ނިމުމުގެ ކުރިން ޔުނައިޓެޑް 8 މެޗު ކުޅޭނެ ކަމަށައި އަދި އެއީ ޖުމްލަ 24 ޕޮއިންޓުކަން މޮރީނިއޯ ފާހަގަކުރިއެވެ.

އެހެންކަމުން ގަދަ ހަތަރަކައި ހަމައަށް ވާސިލްވެވޭނެކަމުގެ އުންމީދު ބޮޑު ކަމަށް މޮރީނިއޯ ބުންޏެވެ.

އިންޓަނޭޝަނަލް ބްރޭކަށް ކްލަބްތަކުގެ ކުޅުން މެދުކަނޑާލުމުގެ ކުރިން ޔުނައިޓެޑް ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި އަވައްޓެރި ސިޓީއާއެކު ކުޅުނު މެޗުންވަނީ 3-1 ކުން ބަލިވެފައެވެ.

އެމެޗުގައި އަނިޔާވި ޔުނައިޓެޑަށް މިސީޒަނުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ އެންތޮނީ މާޝިއަލް މިހާރު ފިޓް ކަމުގެ މައުލޫމާތުވެސް މޮރީނިއޯވަނީ ހިއްސާކޮށްފައެވެ. މީގެ އިތުރުން އަނިޔާގައި ހުރި ފެލައިނީ އަދި ޕޮގްބާވެސް އަނިޔާއިން ރަނގަޅުވެ ކުޅުމަށް އެނބުރި އަންނާނެ ކަމުގައި މޮރީނިއޯ ބުނެފައިވެއެވެ.

ޔުނައިޓެޑުން ލީގުގައި ކުރިއަށް އޮތް ޑިސެންބަރު ކުޅުމަށް ހަމަޖެހިފައިވާ ވަރުގަދަ މެޗުތަކުގެ ތެރޭގައި ޑިސެންބަރު 5 ގައި އާސެނަލް އަދި ޑިސެންބަރު 16 ވަނަ ދުވަހު ލިވަޕޫލައި ވާދަކުރާ މެޗު ހިމެނެއެވެ.

Advertisement

ކޮމެންޓް

Advertisement