Advertisement

ހަޤީޤީ ވާހަކަ: ހިތި 1

15 Nov 2020 | 11:28

ވިލު ނޫކުލައިގެ މޫދާއި، ހިމުން ދޮންވެލީގެ ގޮނޑުދޮށާއި، ވަޔާއެކު ފަންތައް ހެލިލާ މަންޒަރު ބަލަން އަހަރެން އޮތީ އަތިރިމަތީގައި ހުރި ޖޯލިފަތީގައެވެ. އެ މާހައުލުގައި ހިޔާލެއް ފިކުރެއްނެތި އަހަރެން އޮތީމެވެ. ކުޑައިރު ރައްޓެހިންނާއެކު ބަތްކައްކާ ކުޅެ، މަޖާ ނެގުމުގައި ވަގުތު ހޭދަވެގެން ދިޔައިރު، ދިރިއުޅުމަކީ ކޮންކަހަލަ ކަމެއްކަން އިހުސާސް ކުރެވުނީ ކިތަން މީހުންނަށް ހެއްޔެވެ. ދިރިއުޅުމުގެ ހަގީގީ މާނަ ފެށޭ ހިސާބަކީ ހިޔާލުތަކާއި ފިކުރުތައް ކުރެވެންފެށޭ ހިސާބެވެ. މީހާގެ އުމުރުން ފާއިތުވާ ކޮންމެ ދުވަހެއްގައި އެތައް ތަޖުރިބާ އެއް ކުރެވެއެވެ. ކޮންމެ ހިތި ތަޖުރިބާއަކަށްފަހު ފޮނި ތަޖުރިބާއެއް ކުރެވެއެވެ. ނަމަވެސް އެންމެންނަކީ މިބުނާ ފޮނި ތަޖުރިބާތައް ކުރުމުގެ ނަސީބު ލިބޭ ބައެއް ނޫނެވެ. އަހަރެންވެސް ހީކުރީ އަހަރެންގެ ދިރިއުޅުން އަބަދުވެސް ވަރަށް އުފާވެރިވާނެ ކަމަށެވެ. އެކަމަކު ހީކުރެވޭ ހީކުރުން ތަކަކީ ގިނަ ފަހަރު ކުންހީއެކެވެ. އަހަރެންގެ ދިރިއުޅުމުގެ ފުރަތަމަ ސަފްހާ ނިއުޅާލާއިރު ފެންނަން އޮތީ ކުޑައިރުގެ އުފާވެރި ހަނދާންތަކެކެވެ. އޭރު ދިރިއުޅުން މިހާ ހިތިވެދާނެ ކަމަކަށް ހިތަށްވެސް ނާރައެވެ.

މެދަކާއި ހަމައަށް ވަށާފާރު ނަގާފައި ހުރި ބޮޑު ގޯތީގައި ހައްދާފައި ހުރި ދިއްގާ ގަހުގައި ތިން އުނދޯލި އެލުވާފައި ހުރިއިރު، އަހަރެން ފިލާވަޅު ދަސްކުރަން އަބަދުވެސް އިންނަނީ އެތަނުން އެއް އުނދޯލީގައެވެ. އޭރު އަހަރެންގެ އުމުރަކީ އެގާރަ އަހަރެވެ. ފިލާވަޅު ދަސްކުރަން އޮއެގެންވެސް އަބަދުކުރެވޭ ހިޔާލަކީ، ކޮންމެވެސް އެއްދުވަހަކުން މީހުންގެ ލޯތްބާއި އިހުތިރާމް ލިބޭނެވަރުގެ މީހަކަށް މީހާވުމެވެ. މައިންބަފައިން ފަހުރުވެރިވާނެފަދަ ދަރިއަކަށްވުމުގެ އުއްމީދުގައި ދިރިއުޅުމައިގެން ކުރިއަށް ދިޔުމަކީ އަބަދުވެސް ކުރެވޭ އުއްމީދެކެވެ. އަހަރެންނާއި އަހަރެންގެ ހިޔާލީ ދުނިޔެއަކީ އެންމެ ކުޑައިރުންފެށިގެން މިއަދާ ހަމައަށްވެސް އަހަރެން އުޅެމުން އައި ދުނިޔެއެވެ. އަހަރެން ކިތަންމެ އުމުރުން ހަގު ނަމަވެސް، ކަންކަން ފެނި، ދަސްވާން ފެށި ހިސާބުން އެކަނި އުޅެން ލޯބިކުރީމެވެ.

އަހަރެންގެ ދުވަސް ފެށެނީ މަންމަ އަހަރެންނަށް ފަތިސް ނަމާދަށް ގޮވާ ހިސާބުންނެވެ. އަހަރެން ނަމާދުކޮށްގެން އިށީންނަނީ، ބޮޑު ސިޓިންރޫމުގައި ބައްޕަ ބަހައްޓާފައި ހުރި ޓީވީ ކައިރީ ކާޓޫން ނެޓްވޯކު ބެލުމަށެވެ. އެތަނުގައި އިދެ އެންމެ ގިނައިން ބެލީ ހުރިހާ އެންމެންގެވެސް ފޭވަރިޓު ޓޮމް އެންޑް ޖެރީއެވެ. މާގިނަ އިރުތަނެއް ނުވެ، މަންމަ ކިރުސައިތައްޓަކާއެކު ބިސްކޯދު ނުވަތަ ދޮންކެޔޮ ގެނެސްދޭނެއެވެ. ދޮންކެޔޮވަތް އަރުތެރެއިން ދިރުވަންޖެހެނީ ގަދަކަމުންނެވެ. ނުކައިފިއްޔާ މަންމަ ގަދަކަމުންވެސް އެ ކާންދޭނެކަން އެނގޭތީއެވެ. ހެނދުގެ ސަޔަށް މަންމަ އަބަދުވެސް ރޮށްޓާއެކު ލައިގެންކާނެ އެއްޗެއް ހަދައިދެއެވެ.

މަންމަ އެހާ ރަނގަޅަށް ކާންދީގެން ބަލައިބޮޑުކުރާއިރުވެސް، ސްކޫލަށް ނުދާން ބޮޑާހާކާ ރޮއެ އުޅޭ ހަނދާން މިހާރުވެސް ވެއެވެ.

އެއްދުވަހެއްގައި، ސްކޫލަށްދާން ފެންވަރަންދާށޭ ބުނުމުން، ގޭ ކުރިމަތީގައި އޮތް ހުސްބިމުގައި ދުވި ހަނދާންވެސް ވެއެވެ. އަހަރެން އަތުނުވެގެން މަންމަވެސް އަހަރެން ފަހަތުން ނިކަން ބާރަށް ދުވިއެވެ. އެގޭ ހެއްޔެވެ. ޔޫ.ކޭ.ޖީގައި އުޅުނުއިރު، މަންމަ ފެންވަރުވަން ފާހާނާއަށް ވެއްދުމުން، ފެންވަރަން ގެންގުޅޭ ދާނިން މަންމަގެ ބޮލުގައި ޖެހިވާހަކަ، މިހާރުވެސް މަންމަ ހީހީފައި ދައްކައެވެ. ކުޑައިރުގެ އެތައް ހަނދާންތަކެއް ގުޅިފައިވަނީ ލޯބިވާ މަންމައާއެވެ. "ދަރިފުޅު ސްކޫލަށް ނުދާން ތިއުޅެނީ ކީއްވެގެންތަ؟." ކޮންމެ ދުވަހަކު މިޖެހެނީ ގަދަކަމުން ސްކޫލަށް ފޮނުވަން.!" މަންމައަށް އަހަރެން އަތުޖެހުމާއެކު، ފާހާނާއަށް ވައްދަމުން އަހަރެންނާއި ސުވާލުކުރިއެވެ.

"އަހަރެން ކިޔަވާހިތް ނުވަނީއެއް ނޫނޭ. އަހަރެން އެ ސްކޫލަށް ދާހިތެއް ނުވޭ. އަހަރެން ބޭނުމީ ކިޔަވަން މާލެއަށް ދާން." އަހަރެން ފެންވަރަން ހުރެގެން މަންމައާއި ވާހަކަދެއްކީމެވެ. "ބައްޕަ އެބަ މަސައްކަތްކުރެއޭ ގެންދެވޭތޯ. ދެވޭވަރުވީމަ އެންނު ދެވޭނީ. ދެން މާލެ ދެވެންދެން ނުކިޔަވާ ހުރީމަ ކާކަށް ވަކި މޮޅުވާނީ؟." އަހަރެން ގައިން ބޭލި ހެދުން ދާވަށިގަނޑަށް ލަމުން މަންމަ އެހިއެވެ. "ތިކަމާ ޖެހޭނީ ވިސްނާލަން." އަހަރެން ލާނެތް ފާޑަށް ހީގަތީމެވެ. "ޕިސް.ޕިސް. މަށަށް މިހުރީވާ ދަރިއެއް ލިބިފަ." މަންމަ ކޮޓަރިން ނިކުންނަމުން ބުންޏެވެ. މަންމައާއި ސަމާސާ ކުރުމަކީ އަހަރެން އޭރުވެސް ކޮށްއުޅޭ ކަމެކެވެ. މިހާރުވެސް އަހަރެންގެ އެ އާދައެއް ނުކެނޑެއެވެ. މީހުންނާއި ސަމާސާކުރުމަކީ އަހަރެންގެ ކަށީގައި ހިފާފައި ހުރި އާދައެކެވެ.

ފެންވަރައިގެން ސްކޫލަށް ވަންނަން ދިޔަ މަގުމަތީ، އެކުގައި ކްލާހުގައި ކިޔަވާ ރައްޓެހިންނާއި ދިމާވިއެވެ. އަހަރެން އެމީހުން ފެނުމުން، މަންމަގެ އަތުން ދޫކޮށްލުމަށްފަހުގައި އެމީހުންނާއެކު ހިނގައިގަތީމެވެ. އެމީހުންނާއެކު ހީ ސަމާސާ ކުރަމުން އަހަރެންމެން އެންމެން އެކުއެކީގައި ގޮސް ކްލާހަށް ވަނީމެވެ. ކްލާހަށްވަދެ ފޮތް ދަބަސް ގޮޑީގައި ބެހެއްޓުމަށްފަހު، އެސެމްބްލީއަށް ދިޔައީމެވެ. އެސެމްބްލީގައި ދެއަތް ފުރަގަހަށް ލައިގެން އެސެމްބްލީ ނިމެންދެން އަހަރެން ހުންނަނީ އެގޮތުގައެވެ. ސްކޫލުގެ ދޮރުން އެތެރެވުމާއެކު، އަހަރެން ވަރަށް ބޮޑަށް ޑިސިޕްލިން ހިފަހައްޓަމެވެ. ކިޔެވުމަށް މާބޮޑު ޝައުގުވެރިކަމެއް ނުދެވުނަސް، އަހަރެންނަކީ އޭރުވެސް މޮޅު ކުއްޖެކެވެ. އަހަރެން ސްކޫލަށް ދާހިތްނުވަނީ މުޅިން އެހެން ސަބަބަކާއި ހުރެއެވެ.

"މިސް އަޅުގަނޑު ފާހާނާއަށް ދާން." އަހަރެންނަކީ އަބަދުވެސް އަވަސް އަވަހަށް ކުޑަކަމުދާންޖެހޭ ކުއްޖެކެވެ. ގިނައިން ފެންބޯތީއެވެ. އެއީ އަހަރެންގެ މަންމަ އަހަރެންނަށް އާދަކުރުވި ކަމެކެވެ. "މިއުޅެނީ އަދި ސްކޫލުގެ ދޮރުން އެތެރެވީފަހުން ފުރަތަމަ ގަޑި ރަނގަޅަށް ނުފެށިގެން. އަބަދު ކިޔާނީ ފާހާނާއަށްދާން. އަބަދު ފާހާނާއަށް ދާކަށް އަސްލު ނުޖެހޭނެ. މިސާލަކަށް ބައްޔެއް ހުރެގެން ނަމަ މައްސަލައެއް ނެތް. މި ކްލާހުގައި އުޅޭނެ އެގޮތަށް ހުންނަ ބައްޔެއްގެ ސަބަބުން ފާހާނާއަށް އަބަދު ދާންޖެހޭ ކުއްޖެއް. އެ ކުއްޖާ ފިޔަވާ އެހެން ކުދިން އަބަދު ފާހަނާއަށް ދާން ބުނެގެން ނުވާނެ." މުދައްރިސްގެ އެ ޖަވާބާއެކު، އަހަރެން އިސްދަށަށް ޖަހާލައިގެން އިނީމެވެ. މުދައްރިސް އެ ބުނީ މުދައްރިސް މުޅި ކްލާހުންވެސް އެންމެ ލޯބިވާ ކުއްޖާގެ ވާހަކައެވެ. މަރިޔަމްއަށް ބޭނުން ވަގުތަކު ފާހާނާއަށް ދެވެއެވެ. މުދައްރިސް އާދަޔާ ހިލާފަށް މަރިޔަމްއަށް ސަމާލުކަން ދެއެވެ. ފަހަރުގައި މަރިޔަމްގެ ހަމުގެ ކުލަ އަލިވެފައި މަރިޔަމްގެ ބައްޕަ އަކީ ކަތީބަކަށް ވުމުން ކަމުގައިވެސް ވެދާނެއެވެ. ބައެއް މުދައްރިސުން، ކުދިންގެ މެދުގައި ތަފާތުކުރުންތައް ގެންގުޅޭ ވާހަކަ ބެލެނިވެރިން އަބަދުވެސް ދައްކައެވެ. ނަމަވެސް އެކަމަށް ސްކޫލުގެ މެނޭޖުމަންޓުން ދެނީ ބީރު ކަންފަތެކެވެ.

އަހަރެން ސްކޫލަށް ދާހިތްނުވާ ކަމަކީ އެއީއެވެ. ސްކޫލު މާހައުލުގައި، ތަފާތުކުރުން އިންތިހާއަށް އޮވެއެވެ. އަހަރެން ކިތަންމެ ކިޔަވަން މަސައްކަތް ކުރިއަސް، އެ ސްކޫލުގައި ކިޔަވާހިތް ނުވަނީ މިހެންވުމުންނެވެ. ނަމަވެސް އަހަރެން ކިޔަވަން އަބަދުވެސް ހިތްވަރުކުރަމެވެ. ރަށުގައި ދިރިއުޅޭ ދައްތައިންނާއި، ބޭބެމެން އަހަރެންގެ ކިޔެވުމަށް އެހީތެރިކަން ފޯރުކޮށްދެއެވެ. ހިސާބު ފިލާވަޅެއްނަމަ، ބައްޕަގެ އެހީތެރިކަން ހާއްސަކޮށް ލިބެއެވެ. ނަމަވެސް ބައްޕަ ގިނަ ފަހަރު ޓޫ ޓައިމްސް އިންޓު ފޯ އަކީ ކިހާވަރެއްތޯ ސުވާލުކުރިއަސް އަހަރެން އިންނާނީ އިނގިލި މުގުރަންށެވެ. ނޫނީ ފަންސުރު ހިފަހައްޓައިގެން ދަތްޕިލަ ހާޔަށް ބައްޕައަށް ދައްކައިގެންނެވެ. އަހަރެން އެންމެ ގަޔާނުވާ، އަދި އެންމެ ފޫހިވާ މާއްދާއަކީ ހިސާބެވެ.

އަހަރެންގެ ދުވަސް ހޭދަވެގެން ދަނީ މިގޮތުގައެވެ. ބަންދު ދުވަހެއް އަންނައިރު އަހަރެން ހުންނާނީ އުފަލުން ފޮޅިފައެވެ. އަހަރެންނަކީ ނިކަން ސަކަރާތްޖަހާ ހިތްވާ މީހެކެވެ. ބަންދު ދުވަސްތަކުގައި މޫދައް އެރިލާ، ނޫނީ ގޭތެރޭގައި ކޮންމެވެސް ކުޅިވަރެއްގައި ވަގުތު ހޭދަވެގެން ދެއެވެ. ގިނަ ފަހަރު ބަންދު ދުވަސްތަކުގައި، މަންމަ އަޅައިދޭ ކުޅި ބޯކިބާ އަކީ ދުވަހަކުވެސް ހިތުން ފިލުވާލެވޭނެ އެއްޗެއް ނޫނެވެ. ދަރު އުނދުނުގައި، މަޑު ގިނީގައި އެ އަޅައިދޭ ހަރު ކުޅި ބޯކިބަލުގެ ވާހަކަ މިހާރުވެސް މަންމަ ދައްކައެވެ. މިހާރުވެސް ހަވީރަށް ހެދިކާއެއް ގަންނަ ނަމަ ކުޅިބޯކިބާ ކޮޅު ބަހައްޓާނީ އަހަރެންނަށެވެ. އަހަރެންނާއި ކުޅިބޯކިބަލާއި އޮންނަނީ ހިތާހިތުގެ ގުޅުމެކެވެ.

އެއްރެއްގެ އިޝާ ނަމާދުން ފައިބައިގެން، އަހަރެންނާއި މަންމައާއި ދެމީހުން ކާންއިން ވަގުތެކެވެ. އެހިނދު ބައްޕައާއި ފިރިހެން ތިން ބޭބެއިންގެ ތެރެއިން އެންމެ ހަގަށް ހުންނަ ބޭބެއާއެކު، ނަމާދުން ފައިބައިގެން އައިސް ސުފުރާ މައްޗަށް ކާންއެރިއެވެ. ކާން އިދެގެން ބޭބެ އަހަރެންނާއި ދިމާކުރީ އަހަރެން މާލެ ދާހިތުން އުޅޭތީ އެކަމާއެވެ. އަހަރެން ޒާތަކަށް ތުން ފިއްތައިގެން އިދެ ކެއީމެވެ. ކައި ނިމިގެން ބައްޕައާއެކު ހަބަރު ބަލަން އިށީނީމެވެ. ހަބަރުގައި ކިޔައި އެއްޗެއް މާބޮޑަށް ދޭހަނުވި ނަމަވެސް، އަހަރެން އަބަދުވެސް ބައްޕައާއެކު ހަބަރު ބަލަމެވެ. ނަމަވެސް އަހަރެން ހަބަރު ބަލަނީ މުޅިން އެހެން މަގުސަދެއް ހިތުގައި އޮންނާތީއެވެ. "ބައްޕާ، އެމީހުން އެތިބެނީ ޓީވީ އެތެރޭގައިދޯ؟." އަހަރެން ކޮންމެ ރެއަކުހެން ބައްޕައާއި އެ ސުވާލުކުރަމެވެ. "ނޫނޭ. ތަނެއްގައި އެ ތިބެނީ. ޓީވީއެމްގައި އެ ތިބެނީ. އެތާ ތިބެގެން ހަބަރުކީމަ ފެންނަ ގޮތަށް ހަދާފަ އެ ހުންނަނީ." އެހިސާބުން ބޮޑުވެގެން ވާންބޭނުންވީ ހަބަރު ކިޔާ މީހަކަށެވެ. އެމީހުން އެ ހަބަރު ކިޔައި ގޮތަށް ހަބަރު ކިޔުމުގެ ޝައުގުވެރިކަން ހިތުގައި އުފެދުނެވެ. "އަހަރެން އަދި ކޮންމެވެސް ދުވަހަކުން ހަބަރު ކިޔާނަން." މި ޖުމްލަ ހިތުތެރޭގައި ބިންވަޅު ނެގުނެވެ. ނަމަވެސް ސުވާލަކީ އެއީ އަހަރެންނަށް ކުރެވޭނެވަރުގެ ކަމެއްބާއެވެ؟.


Advertisement

ކޮމެންޓް

Advertisement