Advertisement

އާސަންދަ ބޭނުންކޮށްގެން އެތަށްބަޔަކު ނާޖާއިޒު ފައިދާ ނަގާ: މަޖިލިސް ރައީސް

09 Nov 2020 | 14:07

ދައުލަތުގެ ހެލްތު އިންޝުއަރެންސް ސްކީމް، އާސަންދަ މެދުވެރިކޮށް އެތައްބަޔަކު އޭގެ ނާޖާއިޒު ފައިދާ ނަގަމުންދާ ކަމަށާއި އޭގެ ސަބަބުން ދައުލަތަށް ބޮޑު ބުރަޔަކަށް ވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އާސަންދަ އެންމެ ފުރަތަމަ ތައާރަފްކުރީ އިންޝުއަރެންސް ސްކީމެއްގެ ގޮތުގައެވެ. އެހެން ނަމަވެސް މިހާރު އާސަންދަ ހިންގަނީ އިންޝުއަރެންސް ސްކީމަށް ނޫން ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނު ވިދާޅުވީ ޑޮކްޓަރަށް ދައްކަން ބަލިމީހުން އައުމުން މަސް ދެމަސް ދުވަހުގެ ބޭސް ލިޔެދިނުމަކީ ޑޮކްޓަރުން ޢާންމުކޮށް ކުރާކަމެއްކަން އެގިވަޑައިގަންނަވާ ކަމަށެވެ. އަދި ބަލިމީހުންގެ އެތައް ޓެސްޓުތަކެއްވެސް ހައްދާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވި ނަމަވެސް ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކުން ޑޮކްޓަރުން މީގެ ކުރިން ވެސް ބޭސް ލިޔެދެނީ 3 މަސް ދުވަހަށްކަން ފާހަގަކޮށްލަންޖެހެއެވެ.

ނަޝީދު ވިދާޅުވީ އާސަންދައަށް މިހާރު އަހަރަކު ދެބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އާސަންދަ ނިޒާމު މެދުވެރިކޮށް ނާޖާއިޒު ފައިދާ ނެގެމުން ދަނީ ރައްޔިތުންގެ މަޖިލީހުން ވެސް އެ ކަންކަން ބަލަން ޖެހޭ މިންވަރަށް ނުބެލޭތީ ކަމަށެވެ.އަދި ގާނޫނު އަސާސީގައިވާ ގޮތަށް ދައުލަތް ހިންގާނަމަ މިކަންކަން ހައްލު ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

ކޮންމެ ރައްޔިތަކަށް ދައުލަތުގެ ހަރަދުގައި ބޭސްފަރުވާގެ ހިދުމަތް ލިބޭނެ ގޮތަށް އާސަންދަ ނިޒާމު ތައާރަފް ކުރެއްވީ ނަޝީދުގެ ވެރިކަމުގައި 2011 ގައެވެ. އެކަމަކު އޭރު އޮތީ ކޮންމެ ރައްޔިތަކަށް އަހަރަކު އެއް ލައްކަ ރުފިޔާ ހޭދަކުރެވޭ ވަރަށް ބަޖެޓް ކުރާ ގޮތަށެވެ. އެ ކަން ބަދަލުކޮށް ވަކި އަދަދެއް ނުހިމެނޭ ގޮތަށް "ހުސްނުވާ އާސަންދަ" ގެ ނަމަށް ނިޒާމު ބަދަލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ.

Advertisement

ކޮމެންޓް