އިންޑިއާގެ ފޮރިން ސެކްރެޓަރީ އިދިކޮޅު ކޯލިޝަނާއި ބައްދަލުކުރައްވައިފި

10 Nov 2020 | 14:05

ދިވެހިރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެން އުޅުއްވާ އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާ އިދިކޮޅު ޕްރޮގްރެސިވް-ކޮންގްރެސް ކޯލިޝަންގެ އިސްވެރިންނާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މާލޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަންގައެވެ. މި ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަންގެ އިސްވެރިއެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވީ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކެވެ. މި ބައްދަލުވުމުގެ ސަބަބުން ދިވެހިރާއްޖެ އާއި އިންޑިއާ އިން ޑިމޮކްރެސީގެ އުސޫލުތަކަށްދޭ އަހައްމިއްޔަތާއި، ދެގައުމުގެ މެދުގައިވާ ޒަމާންވީ ގުޅުމުގެ ބަދަހިކަން ސާބިތުވެގެންދާކަމަށް އިންޑިއާގެ ހައިކޮމިޝަނުން މައުލޫމާތުދެއެވެ.

ފޮރިން ސެކްރެޓަރީ ހަރްޝް ޝްރިންގްލާ ވަނީ ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. މި ބައްދަލުވުމުގައި ފޮރިން ސެކްރެޓަރީ ވަނީ އިންޑިއާ އާއި ރާއްޖޭގެ މެދުގައިވާ ގުޅުމުގެ ބިންގާ ވަރުގަދަކުރުމަށް އެމަނިކުފާނު ކޮށްދެއްވި އަގުހުރި މަސައްކަތްޕުޅު ފާހަގަކުރައްވާފައެވެ. އަދި ރައީސް މައުމޫނާއި އެމަނިކުފާނުގެ އާއިލާއަށް ހެޔޮއެދުންތައް އަރިސްކުރެއްވިއެވެ.

މިނިސްޓަރ އޮފް ހޯމް އެފެއާޒް އަދި ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ އާއި ބައްދަލުކުރައްވާ، ފޮރިން ސެކްރެޓަރީ ޝްރިންގްލާ ވަނީ ދިވެހިރާއްޖެއާއި އިންޑިއާގެ މެދުގައިވާ ގާތް ގުޅުން ކުރިއެރުވުމަށް، ސަރުކާރު ހިންގާ ކޮއަލިޝަންގެ މެމްބަރެއްގެ ހައިސިއްޔަތުން އަދާލަތު ޕާޓީ ކުރަމުންގެންދާ މަސައްކަތް ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން ސެކްރެޓަރީ ޝްރިންގްލާ ވަނީ ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހީމާއި ބައްދަލުކުރައްވާ، ދިވެހިރާއްޖޭގެ އިގްތިސާދީ ރިކަވަރީ އާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

Advertisement

ކޮމެންޓް